Roadha Mihaaru
ކަންބަޅިއެއް 490،000 ޑޮލަރަށް ވިއްކާލައިފި

ކަންބަޅިއެއް 490،000 ޑޮލަރަށް ވިއްކާލައިފި

31 އޯގަސްޓް 2020

ސްކޮޓްލޭންޑްގައި ބޭއްވި ނީލަމެއްގައި މީގެ ކުރިން ވިކިފައިނުވާ ވަރުގެ ރެކޯޑް އަގަކަށް ކަންބަޅިއެއް ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކޮޓްލޭންޑްގައި ބޭއްވި ނީލަމެއްގައި މީގެ ކުރިން ވިކިފައިނުވާ ވަރުގެ ރެކޯޑް އަގަކަށް ކަންބަޅިއެއް ވިއްކާލައިފި އެވެ.

ސްކޮޓިޝަން ނެޝަނަލް ޓެކްޒެލްގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ނީލަމުގައި "ޑަބަލް ޑައިމަންޑް" ކިޔާ ވަރަށް ސިއްހަތު ރަނގަޅުކޮށް އޮތް ކަންބަޅި ވިކުނީ 490،000 ޑޮލަރު (7,550,900ރ) އަށެވެ. މިއީ މިހާތަނަށް ކަންބަޅިއެއް އެންމެ ބޮޑު އަގެއްގައި ވިއްކައިލި ފުރަތަމަ ފަހަރެވެ. ނީލަމުގައި ކަންބަޅި ވިއްކައިލަން ހުޅުވައިލި އިރު ފެށޭ އަގަކަށް ކަނޑާއަޅާފައި އޮތީ ވިކުނު އަޅާބަލާ އިރު ވަރަށް ވެސް ކުޑަ އަގެކެވެ. އެއީ އެންމެ 13،000 ޑޮލަރު (200,330ރ.) އެވެ.

ކަންބަޅި ގަންނަން ބިޑްކުރި ތިން މީހުންގެ ތެރެއިން ޖެފް އެއިކަން ވަނީ 490،000 ޑޮލަރަށް އެ ވިއްކައިލުމުން އެކަމަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ އެ ވަރުގެ އަގަކަށް ކަންބަޅިއެއް ވިއްކައިލަން ހެޔޮނުވާނެ ކަމަށެވެ.

"އޭގެ ސަބަބުން ފާމިން ކޮމިއުނިޓީގެ ތެރޭގައި ނުބައި ތަސައްވުރެ ވެސް އުފެދޭނެ. އަހަރެން ގަބޫލެއް ނުކުރަން އެ ވަރުގެ އަގެއް ކަންބަޅިއަކަށް ހޭދަކުރަން ޖެހޭނެ ކަމަކަށް،" ޖެފް ބުންޏެވެ.

ކަންބަޅީގެ ނީލަން ކާމިޔާބުކުރި މީހާގެ ނަން ހާމަކޮށްފައި ނުވާ އިރު، އޭނާގެ މަގުސަދަކީ "ޑަބަލް ޑައިމަންޑް" ފަދަ ކަންބަޅި އާލާކުރުން ކަމަށް ބުނެފައިވެ އެވެ.

ނީލަމުގައި ވިއްކައިލި ކަންބަޅި އަކީ ބްރިޓިޝް ޓެކްޒެލް ޝީޕް ސޮސައިޓީގެ އެއްޗެކެވެ. އެތަނުގައި ބޮޑުކުރާ ކަންބަޅިތަކަކީ އާންމުކޮށް ހޮލެންޑުން އެތެރެކޮށް ގެންގުޅޭ އަދި މަހުގެ ގޮތުން އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައި އޮންނަ ކަންބަޅިތަކެކެވެ.

މީގެ ކުރިން އެންމެ ބޮޑު އަގުގައި ކަންބަޅިއެއް ވިކިފައި ވަނީ 2009 ގަ އެވެ. އެ އަހަރު "ޑެވެރޮންވޭލް ޕާފެކްޝަން" ކިޔާ ކަންބަޅި ވިއްކައިލީ 307،000 ޑޮލަރު (4,730,870ރ.) އަށެވެ.