Roadha Mihaaru
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު

ފޮރުވަންޖެހޭ ކަމެއް ނޯންނާނެ، ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު

26 އޯގަސްޓް 2020

މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނު ލިބޭ ދަރިވަރުން ހޮވާފައިވާނީ އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެ މަސައްކަތްކުރީ ދެފުށްފެންނަ ގޮތަށް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނު ލިބޭ ދަރިވަރުން ހޮވާފައިވާނީ އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެ މަސައްކަތްކުރީ ދެފުށްފެންނަ ގޮތަށް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ލޯނަށް ހުޅުވާލާފައިވަނީ އެކަމަށް ބަޖެޓުކޮށްގެން ކަމަށެވެ. އެކަމަކު އޭގެ ކުރިން އެކަން ކޮށްފައިވަނީ ބަޖެޓުނުކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަހަރު ލޯނު ހުޅުވާލީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އަދި ލާމަރުކަޒީ ގޮތުން ބަހާލާފައިވާ ދާއިރާތަކެވެ.

މިނިސްޓަރު ވިދާޅުވީ އިންތިހާބީ ދާއިރާ ހާއްސަކުރީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ކުދިންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭކަން ކަށަވަރުކުރުމަށް ކަމަށެވެ. އެހެން ނޫނީ މި ފަސް އަހަރު ނިމިގެންދާއިރު ވަކި ދާއިރާއެއްގެ މީހަކަށް ނުލިބިދާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯނު ދިނުމުގައި ބެލީ، އޭނާ ވިދާޅުވި ގޮތުގައި، ވީހާ ވެސް ކުރު މުއްދަތެއްގައި ކިޔެވުން ނިމޭ ދަރިވަރުންނަށެވެ. އެ ކެޓަގަރީން ބެލި މައިގަނޑު އަސާސަކީ މެރިޓް ނޫން ކަމަށާއި ލޯނު ލިބޭ ދަރިވަރުން ހޮވުމުގައި ބޭނުންކުރާ ހުރިހާ ފޯމިއުލާ ޝީޓާއި މާކްސް ދޭ ހުރިހާ ގޮތާއި އުސޫލު ވެބްސައިޓުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އިތުރު ޑޮކިއުމެންޓަކަށް ރެފައެއް ނުކުރަން. ވަރަށް ޓްރާންސްޕޭރެންޓުކޮށް މަސައްކަތްކުރީ. އަޅުގަނޑުމެން ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވާނަން މި ސަރުކާރުން އަޅުގަނޑުމެން މިކަން ކޮށްފައި މި އޮތީ އިއުލާނުކޮށްފައި އިން، ގެޒެޓުކޮށްފައި އިން އުސޫލާ އެއްގޮތަށް ހަމަ އަކުރުން އަކުރަށް. އެ ޔަގީންކަން ތި ބޭފުޅުންނަށް އަރުވަން."

މަތީ ތައުލީމް ހާސިލްކުރުމަށް ލާމަރުކަޒީ ދާއިރާތަކަށް ޖާގަތައް ކަނޑައަޅާފައި ވިއަސް، ދަރިވަރުން ކިޔެވުން ނިންމުމަށްފަހު އެ ދަރިވަރަކު ނިސްބަތްވާ ދާއިރާއަކަށް ހިދުމަތް ލިބުމާ ގުޅޭގޮތުން މެމްބަރުން ސުވާލުކުރެއްވި އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ފުރުސަތުތައް ދޭއިރު، ފުރުސަތު ލިބޭ މީހުން ކިޔެވުން ނިންމުމަށްފަހު އަނބުރާ އައިސް ހިދުމަތް ލިބޭކަން ކަށަވަރުކުރެވޭ ގޮތެއް ހަދަންޖެހޭ ކަމަށެވެ. އެކަމުގައި މަޖިލީހުގެ އެހީތެރިކަމެއް އުފާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު 514 ދަރިވަރަކަށް ދީފައި ވެ އެވެ. އެ ދަރިވަރުންގެ ކިޔެވުމަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.