Roadha Mihaaru
ކުޑަކުރި މުސާރަތައް އިޔާދަކުރަން ނިންމައިފި

ކުޑަކުރި މުސާރަތައް އިޔާދަކުރަން ނިންމައިފި

25 އޯގަސްޓް 2020

ކޮވިޑް-19 އާ ގުޅިގެން ތިން މަސް ދުވަހަށް ކުޑަކުރި، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން އިޔާދަ ކުރަން ފިނޭންސް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އާ ގުޅިގެން ތިން މަސް ދުވަހަށް ކުޑަކުރި، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން އިޔާދަ ކުރަން ފިނޭންސް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިދިޔަ މާޗު މަހުން ފެށިގެން ވަނީ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންގެ މުސާރަ އިން 20 ޕަސެންޓު ކެނޑުމަށް ނިންމައިފަ އެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ އަށް ބަލައި 20،000ރ އިން މަތިން ލިބޭ މުވައްޒަފުންގެ މުސާރަ އިން 20-30 ޕަސެންޓާ ދެމެދުގެ އަދަދެއް ވެސް އުނިކުރި އެވެ.

ރައްޔިތުންގެ މަޖިލިހުން މުސާރަ ކަނޑައަޅާ ބޭފުޅުންނާއި މުއައްސަސާތަކުގެ ވެރިންގެ މުސާރަ އުނިކުރީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ. އެ ފިޔަވަޅު އެޅީ ތިން މަސް ދުވަހަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެ ހުރިހާ ބޭފުޅުންގެ މުސާރަތައް ވެސް މި މަހުން ފެށިގެން އިޔާދަ ކުރަން ނިންމާފައިވާ ކަަމަށެވެ. އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި މުއްދަތު ހަމަވުމެވެ.

"މިދިޔަ މުއްދަތުގައި މުސާރަތަކުން އަޅުގަނޑުމެންނަށް 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު،" އޮފިޝަލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ސާކިއުލާގައި ވަނީ ކުރީގެ ނިންމުންތައް ބަދަލުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ޚަރަދު ކުޑަކުރުމާ ގުޅޭ ގޮތުން ކުރިން ނެރުނު ދެ ސާކިއުލާ އަށް އަމަލު ކުރުން މި މަހުން ފެށިގެން ހުއްޓާލުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަމުރުކޮށްފަ އެވެ.

އާ ސާކިއުލާގައި، މުވައްޒަފުންނަށް ހިނގާ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެޜޭގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މުވައްޒަފުން ނުނެގުމާއި މުވައްޒަފުންނަށް ދެމުން އައި އެލަވެންސްގެ އިތުރުން އާ އެލަވެންސެއް ނުދިނުމާއި އިތުރު ގަޑީގެ ޚަރަދުތައް ރޭވިފައިވާ ގޮތަށް މަސައްކަތް ރޭވުން ހިމެނެ އެވެ.

ޚަރަދު ކުޑަކުރުމަށް އެޅި އިތުރު ފިޔަވަޅުތައް:

- މެންދުރު 2:30 ގައި އޮފީސްތައް ބަންދުކުރުން.

- ދައުލަތުގެ ހުރިހާ އިދާރާއަކުން ރާއްޖެ އިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓައިލުން. އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން.

- ދައުލަތުގެ އިދާރާތަކުން އަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި މަރާމާތަށް މިހާތަނަށް ރައީސް އޮފީހުން ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސް މަރާމާތުގެ މަސައްކަތެއް ނުފެށުން.

- ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދުތައް ހުއްޓާލުން.