11 އޯގަސްޓް 2020
ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދާތީ، ކުރީގެ ދެ ފިނޭންސް މިނިސްޓަރަކާއި މިހާރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ހިތްހަމަނުޖެހުން މިއަދު ފާޅުކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދާތީ، ކުރީގެ ދެ ފިނޭންސް މިނިސްޓަރަކާއި މިހާރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ހިތްހަމަނުޖެހުން މިއަދު ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ދަރަންޏާ ގުޅޭ ގޮތުން، ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދުގެ އިތުރުން އެ ސަރުކާރުގައި އެންމެ ފަހުން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހާޒިރުކުރި އެވެ.
ކޮމިޓީގައި ބައެއް މެންބަރުން ވަނީ ދައުލަތުގެ ދަރަނީގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގައި ފިނޭންސް މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ. ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވީ އެ މޭރުމުންނެވެ. ދައުލަތުގެ ދަރަނީގެ މައްސަލާގައި މުޅި މަޖިލިސް ކޮމިޓީއަކަށް ގެންދެވީ ވެސް ސީދާ އެމަނިކުފާނެވެ.
މަޖިލީހުގައި އަމީރު ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓް ހުށަހަޅާ އިރު މަޖިލީހަށާއި ކޮމިޓީ އަށް ވެސް އެކްޓިވް ލޯނުތަކުގެ ތަފްސީލުތައް ހުށަހަޅަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ގޯސްކޮށް އެތައް ކަމެއް ކޮށްފައި ހުއްޓަސް، ފިނޭންސް މިނިސްޓްރީ އަކީ ދައުލަތުގެ ވަކި އިންސްޓިޓިއުޓެކެވެ.
ފިނޭންސް މިނިސްޓަރު އަމީރު، މުޅި މަޖިލީހުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
"މިނިސްޓްރީ އޮފް ފިނޭންސްގެ އިންޓެގްރިޓީ އާއި ސިވިލް ސާވިސްގައި އެ ތިބޭ ކުދިންގެ މަސައްކަތްތަކާއި އެ ކަންކަމަކީ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ކަންކަމެއް ނޫން. ދައުލަތް ދަރަނިވެފައިވާ ވަރު އޮޅުންނުފިލާކަން އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން،" އެމްޑީޕީގެ މެމްބަރެއްގެ ގޮތުން ފިނޭންސް މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަމީރު ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް މައުލޫމާތުތައް ދިނުމުގައި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ހާމަކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ސޮވެރިން ގެރެންޓީއެއް ނުވަތަ ލޯނެއްގެ މައުލޫމާތު ހާމަކުރުމުގައި އިހުމާލެއް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީރެކޭ އެއްފަދައިން މުނައްވަރު ވެސް ވަނީ ދަރަންޏާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ފިނޭންސް މިނިސްޓްރީން މައުލޫމާތު ހާމަކުރާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު، މުޅި މަޖިލީހުގެ ކޮމިޓީގައި ބައެއް ލިޔުންތައް ބައްލަވަނީ.---ފޮޓޯ: މަޖިލިސް
"ވެބްސައިޓުގައި ވަރަށް ތަފްސީލުކަމާ އެކު ސޮވެރިން ގެރެންޓީގެ މައުލޫމާތުތައް އެ ހުރީ. މި ކަމަކީ މިއަދު ކޮންމެހެން ކުރާ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީ އިންސްޓިޓިއުޝަނެއްގެ ގޮތުގައި، ހަމަ އުފެދުނީއްސުރެ ވަރަށް ރަނގަޅަށް ހުރިހާ ފިނޭންސް މިނިސްޓަރުން ވެސް ކުރައްވަމުން ގެންދަވާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
ތިން ބޭފުޅުންގެ ތެރެއިން ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާގައި ސަރުކާރުގެ އެކި މަގާމުތައް ދިގު މުއްދަތެއްގައި އަދާކުރެއްވި ޖިހާދު ވިދާޅުވީ ލޯނާ ގުޅޭ ކަންކަމަކީ މިއަދު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރަނި މެނޭޖްކުރަން ވަކި ޑިޕާޓްމަންޓެއް ފިނޭންސް މިނިސްޓްރީގައި އޮވެ އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ޑެޓް މެނޭޖްމެންޓް ޓީމުގެ ފްރޮފެޝަނަލިޒަމްއާ ދޭތެރޭ. މިއީ ހަމައެކަނި މިނިސްޓަރުން ކުރައްވާ ކަމެއް ނޫން. އެ މުވައްޒަފުންގެ ކެޕޭސިޓީ ތިބޭފުޅުން ބައްލަވާ. ވަރަށް ޕްރޮފެޝަނަލް އަދި ކެޕޭސިޓީ ހުރި، ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅުން ޑެޓް މެނޭޖްމެންޓް ޑިވިޝަންގައި ތިބޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ޖިހާދު ވިދާޅުވީ އެމަނިކުފާނު އާދައިގެ މުވައްޒަފެއްގެ ގޮތުގައި ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އޭރު ވެސް ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ލޯނުތަކާއި ސޮވެރިން ގެރެންޓީ ދިނުމުގައި ޑެޓް މެނޭޖްމަންޓް ޓީމުން ބަލަން ޖެހޭ ކަންކަން ވަރަށް ފުރިހަމަ އަށް ބަލާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި މަޖިލީހުގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ލިޔާ ޚަބަރުތަކުގެ ސުރުޚީތަކާ އެކު މާލީ ގޮތުން އެހީ ހޯދަން އިތުރަށް ދަތިވެ އެވެ.
މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން މީޑިއާގައި ދައުރުވި ހެޑްލައިނެއް ވިދާޅުވެ، އޭނާ ވިދާޅުވީ، ވަޒީރު ކަމަށް ވަޑައިގަތީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި މިނިސްޓަރާ ގުޅޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް މިނިސްޓްރީގެ އިންޓެގްރިޓީ ހިފަހައްޓަން ޖެހޭ ކަމަށެވެ.
"މިހާރު މިގޮތަށް [ހެޑްލައިން] އޮތުމުން ވޯލްޑް ބޭންކް، އައިއެމްއެފް ތަންތަނުން ސުވާލު އުފައްދާނެ. އަޅުގަނޑުމެން، ދިވެހި ދައުލަތުން ދޭ ޑެޓް ސްޓެޓިސްޓިކްސްއާ މެދު ބޭރުގެ ފަރާތްތަކުން ސުވާލުކުރާ ހިސާބުން އަޅުގަނޑުމެންނަށް ފަންޑް ރެއިސް ކުރަން ދަތިތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
މިއީ އެހާ ފަސޭހައިން ދައްކާލާ ވާހަކަތަކަށް ހެދުމުގެ ބަދަލުގައި މިކަންކަން މި އަށް ވުރެ ރަނގަޅަށް ކުރެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީން މިހާރު ހާމަކުރާ މާލީ މައުލޫމާތުތަކަކީ މާލީ އިދާރާތަކުން ބަލައިގެންފައިވާ މައުލޫމާތުތަކެއްގެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު، މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
ތިން ވަޒީރުންގެ ޖަވާބުތަކަށް ފަހު ކޮމިޓީ ނިންމަވައިލައްވަމުން ވެސް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިއަދު ވެސް އިތުރަށް ސާފުވީ، ދަރަނި މެނޭޖު ކުރުމުގެ ކަންކަން ރަނގަޅަށް ނުދާ ކަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ ސަން ޓްރަވަލް އަހުމަދު ސިޔާމަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީގައި ނެގި ލޯނު ނުދެއްކިގެން ދިމާވި މައްސަލަ އެވެ. ޗައިނާގެ ބޭންކަކުން ވަނީ 10 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ބުނެފަ އެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއީކީ އެކެއް އަނެކެއްގެ މޫނަށް ބަލައިގެން، ހެޔޮވާން ވެގެން، ރުއްސަން ވެގެން ގޮސް ނުކޮށް ތިބޭވަރު ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ