11 އޯގަސްޓް 2020
ކޮލޯން (އޮގަސްޓް 11) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުން ހޯދައިފި އެވެ.
ކޮލޯން (އޮގަސްޓް 11) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުން ހޯދައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މިނި ޓޯނަމެންޓެއްގެ ގޮތުގައި ކުޅޭއިރު ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ. ޔުނައިޓެޑުން ސެމީގެ ފުރުސަތު ހޯދީ 1-0 އިން ޑެންމާކުގެ ޗެމްޕިއަން ކޯޕެންހާގެން ބަލިކުރުމަށް ފަހު އެވެ. އަދި އިންޓަ މިލާނުން ވަނީ ބަޔާ ލެވަކޫސަން 2-1 އިން ބަލިކޮށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ސެމީން ފުރުސަތު ހޯދީ އެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު 1990 ގެ އަހަރުތަކުގެ ތެރޭގައި ނޯވޭ ގައުމީ ޓީމަށް ކުޅުނު ސްޓޭލް ސޯލްބަކެންގެ ކޯޗުކަމުގައި ކުޅުނު ކޯޕެންހާގެން އިން ރޭގެ މެޗު ފެށީ ރަނގަޅު ކުޅުމަކާ އެކު އެވެ. އަދި މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރި އެވެ. އެ ގޮތުން ޒުވާން ފޯވާޑް މުހައްމަދު ޑަރާމީ އަށް ލިބުނު ދެ ބޯޅައިގައި ވެސް ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބެލުމުން ގްރީންވުޑް ހުރީ އޮފްސައިޑްކަމަށްވާތީ އެ ގޯލު ބަލައިނުގަންނަން ރެފްރީ ނިންމި އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑާއި ކޯޕެންހާގެން އަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އާއި ގްރީންވުޑް ފޮނުވާލި ބޯޅަތައް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ކޯޕެންހާގެންގެ ބްރަޔާން އޮވިއޭޑޯ ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހީ ޕެނަލްޓީ އަކުން ފެނާންޑޭސް އެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑަށް މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލިބުނު 21 ވަނަ ޕެނަލްޓީ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން މި ސީޒަނުގައި އެންމެ ގިނަ ޕެނަލްޓީ ލިބުނީ ޔުނައިޓެޑަށެވެ.
ޔުނައިޓެޑް ގިނަ ގޯލުތަކެއް ޖެހިޔަނުދޭން ރޭގެ މެޗުގައި ކޯޕެންހާގެންގެ ކީޕަރު ކާލް-ޔޯހަން ޖޯންސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޖޯންސަން ވަނީ ޔުނައިޓެޑުން ފޮނުވާލި 13 ހަމަލާއެއް ހުއްޓުވައިފަ އެވެ.
މިއީ ޔުނައިޓެޑުން 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން މި މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސެމީގައި ޔުނައިޓެޑް ކުޅޭނީ މިރޭ ވުލްވްސް އާއި ސެވިއްޔާ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ލުކާކޫ (ކ) ލެވަކޫސަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
ލެވަކޫސަން ކޮޅަށް ރޭގެ މެޗުގައި އިންޓަ އަށް ލީޑުނަގައިދިނީ އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބަރޭލާ މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ ހަ މިނިޓް ފަހުން އިންޓަގެ ލީޑުފުޅާކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ މި ގޯލު ޖެހީ އެޝްލީ ޔަންގް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އިންޓަ އިން ދެ ގޯލުގެ ލީޑެއްނެގިތާ ތިން މިނިޓް ފަހުން ލެވަކޫސަންގެ ތަރި ކާއީ ހާވާޓްޒް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އޭރިއާ ތެރެއިން ކާއީ މި ގޯލު ޖެހީ ހަމަޖެހިލައިފަ އެވެ. އިތުރު ގޯލެއް ޖަހަން ލެވަކޫސަނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ރޭގެ މެޗުގައި ޖެހި ގޯލާ އެކު ލުކާކޫ ވަނީ ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ލުކާކޫ ނުވަ ގޯލު ހަމަކުރީ މި މުބާރާތުގައި އެންމެ ފަހުން އެވަޓަން އަށް ކުޅެދިން ފަސް މެޗުގައި ލަނޑު ޖެހުމުގެ އިތުރުން އިންޓަ އަށް މި މުބާރާތުގައި ކުޅުނު ފުރަތަަމަ ހަތަރު މެޗުން ލަނޑު ޖަހައިގެންނެވެ. ލުކާކޫ ވަނީ މި ސީޒަނުގައި 31 ގޯލު ޖަހައިފަ އެވެ.
އިންޓަ އިން އެންމެ ފަހުން ތަށްޓެއް ހޯދީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ހާސިލްކުރީ އިޓާލިއަން ކަޕް އެވެ. އޭގެ ފަހުން އެ ޓީމާ ހަވާލުވި އަށް ކޯޗުން މަގާމުން ވަކިވީ ކާމިޔާބެއް ނުލިބި އެވެ. އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ އިން ސެމީގައި ނުކުންނާނީ މިރޭ ސްވިޒަލެންޑްގެ ބަސެލް އާއި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ތެރެއިން މޮޅުވާ ޓީމަކަށެވެ. މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ފަހު އިންޓަ އިން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ފަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އިންޓަ އިން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ.
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ޔުނައިޓެޑް-ކޯޕެންހޭގަން: ދެ އެކުވެރިންގެ ކުރިމަތިލުމެއް
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް
ޔުނައިޓެޑް އަނެއް ބުރަށް، އާސެނަލް ކަޓައިފި
ޔުނައިޓެޑް ދެ ވަނަ ބުރާ ގާތަށް، އިންޓަ ކަޓައިފި
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
އެޓަލާންޓާ ތަށިނަގައި ލެވަކޫސަން ހަމަބިމަށް ތިރިކޮށްފި
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ