Roadha Mihaaru
ހޯމް ކަރަންޓީނަށް ދެވޭ އުސޫލު އަނެއްކާ ހަރުކަށިކޮށްފި

ހޯމް ކަރަންޓީނަށް ރަށްރަށަށް ދެވޭނެ އުސޫލު އަނެއްކާވެސް ވަރުގަދަ ކޮށްފި

08 އޯގަސްޓް 2020

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން ހޯމް ކަރަންޓީނަށް މާލެ އިން އެހެން ރަށްރަށަށް ދެވޭ އުސޫލު އެޗްޕީއޭ އިން އިތުރަށް ވަރުގަދަ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން ހޯމް ކަރަންޓީނަށް މާލެ އިން އެހެން ރަށްރަށަށް ދެވޭ އުސޫލު އެޗްޕީއޭ އިން އިތުރަށް ވަރުގަދަ ކޮށްފި އެވެ.

މާލެ ސަރަހައްދުން އެހެން ރަށަކަށް ދާ ބައެއް ނަމަ 14 ދުވަހަށް ހޯމް ކަރަންޓީނުގައި ތިބެން ޖެހެ އެވެ. މީގެ ކުރިން ހަމަޖައްސާފައިވާ ގޮތުން، ހޯމް ކަރަންޓީނަށް ފަސޭހައިން ދެވޭ ގޮތަށް އޮތް ނަމަވެސް މާލެ ސަރަހައްދުން އާދަޔާ ޚިލާފަށް ކޮވިޑް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން އުސޫލު އަންނަނީ ހަރުކަށި ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، މާލެ އިން އެހެން ރަށްރަށަށް ދެން ދަތުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނަށް އެކަނި ކަމަށް އެޗްޕީއޭ އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.

އެކަމަކު، އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ނަމަ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓަރީވެ، ހޯމް ކަރަންޓީނަށް މިއަދުން ފެށިގެން ދެވޭނީ ފަސް ކެޓަގަރީއަކަށް ފެތޭ މީހުންނަށް އެކަންޏެވެ.

އެއީ:

- މެޑިކަލް އިމަޖެންސީއެއްގައި ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސްފައި ތިބޭ މީހުން.

- މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހޭ މީހުން.

- ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުން.

- ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވާ މީހުން.

- ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުން.

މީގެ ކުރިން، ހޯމް ކަރަންޓީނަށް ރަށަށް ދާން ބޭނުންވާ މީހަކު، އެ ރަށެއްގެ ކައުންސިލަށް ފޮނުވުމުން، އެއީ ކަރަންޓީނުގައި ހުރުމަށް އެކަށީގެންވާ ގެއެއްތޯ ކަނޑައަޅައި އެ ކައުންސިލަކުންނެވެ. އޭގެ ފަހުން ރަށަށް ކަރަންޓީނުގައި ހުރުމުގައި ހުއްދަ އެޗްޕީއޭއިން ދޭނެ އެވެ.

ފުރަން ޓިކެޓް ނަގަން ޖެހޭނީ ކަރަންޓީން ލިޔުން އަދި ބިލްޑިންގް މޮނިޓަރިން ނޯޓިސް ލިބުމުންނެވެ.

"މިހާތަނަށް ހޯމް ކަރަންޓީންވުމަށް އެދި އެޕްރޫވް ނުލިބިވާ ފަރާތްތަކަށް އަލުން ހޯމް ކަރަންޓީން ވުމަށް އެދި ޕޯޓަލްގައި ހުށަހެޅުއްވޭނެ އެވެ. އެފަދަ ފަރާތްތަކަށް މިހާރު ވާނީ އެސްއެމްއެސްގެ ޒަރީއާއިން އެންގިފަ އެވެ. އެހެން ނަމަވެސް ދަތުރުކުރެވޭނީ މަތީގައިވާ ފަސް ޝަރުތުރުގެ ތެރެއިން ޝަރުތުހަނަވާ ފަރާތްތަކަށެވެ،" އެޗްޕީއޭގެ އާ އުސޫލުގައި ވެ އެވެ.

އެޗްޕީއޭގެ ޓުވީޓް

އެ އިދާރާ އިން މިއަދުން ފެށިގެން އަމަލުކުރާ އާ އުސޫލުގައިވާ ގޮތުން ނަމަ، މާލެ އިން ރަށަށް ދިއުމަށް ޓިކެޓު ނަގަން ވެސް ޖެހޭނީ ކަރަންޓީން ލިޔުމާއި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.

އެ އިދާރާ އިން އެހެން ބުނިއިރު، އެހެން ރަށްރަށުގައި ކޮވިޑް ކޭސްތައް ފެންނަ ވަރު ދަނީ އިތުރުވަމުންނެވެ. މިހާރު ވެސް މާލެ ސަރަހައްދު ފިޔަވައި އެހެން 12 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. ޚާއްސަކޮށް ހޯމް ކަރަންޓީން ނިންމާ ފަހުން ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މާލޭގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ. ކުޑަރިކިލު، ބ. ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ އަދި ފުވައްމުލަކުގަ އެވެ. އަދި ހަތް ރިސޯޓަކުން ހަ ޓޫރިސްޓަކާއި ނުވަ މުވައްޒަފަކު ވެސް ކޮވިޑަށް މިހާރު ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4،769 އަށް މިހާރު ވަނީ އަރައިފަ އެވެ.