Roadha Mihaaru
ޓްރެވަލް ކަރަންޓީންގެ މުއްދަތު 14 ދުވަހަށް ކުރުކޮށްފި

ޓްރެވަލް ކަރަންޓީންގެ މުއްދަތު ވެސް 14 ދުވަހަށް ބަދަލުކޮށްފި

15 ޖޫން 2020

މާލެއިން ރަށްރަށަށް ދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން 24 ދުވަހަށް ހޯމް ކަރަންޓީނުކުރުމަށް ނިންމުމަށް ފަހު 14 ދުވަހަށް މުއްދަތު ކުރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެއިން ރަށްރަށަށް ދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން 24 ދުވަހަށް ހޯމް ކަރަންޓީނުކުރުމަށް ނިންމުމަށް ފަހު 14 ދުވަހަށް މުއްދަތު ކުރުކޮށްފި އެވެ.

ހޯމް ކަރަންޓީންކުރަން ނިންމާފައި ވަނީ މާލެ އިން ރަށްރަށަށްދާ މީހުން އެ ބައެއްގެ ރަށުގައި އަދި ރާއްޖެއިން ބޭރުން މާލެ އަންނަ މީހުން ގޭގަ އެވެ. އަދި އެމީހުން 24 ދުވަހު ކަރަންޓީނުގައި ތިބުމަށް ފަހު ދޫކޮށްލަން ނިންމީ އެންޓި ބޮޑީ ޓެސްޓު ހެދުމަށް ފަހުގަ އެވެ.

އެންމެ ކުރިން ވެސް އޮތީ ރަށްރަށަށް ފޮނުވާ މީހުންނާއި ރާއްޖޭން ބޭރުން އަންނަ މީހުން ފެސިލިޓީތަކުގައި 14 ދުވަހަށް ކަރަންޓީނުކޮށް، ދޫކޮށްލުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދާ ގޮތަށެވެ.

އެންޓިބޮޑީ ޓެސްޓަކީ ބަލި ޖެހިއްޖެ ނަމަ ހަށިގަނޑުން އުފައްދާ ދިފާއީ މާއްދާތައް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އަދި 24 ދުވަހުގެ ކަރަންޓީން މުއްދަތެއް ކަނޑައަޅާފައި ވަނީ ހަށިގަނޑުގައި އެންޓި ބޮޑީ އުފައްދަން ފަށާނީ ވައިރަސް ހުންނަތާ 9-11 ދުވަސް ތެރޭގައި ކަމަށް ވާތީ ކަމަށް ޓެގް ޓީމުން ބުނެފައިވެ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކުރީގެ އުސޫލު ބަދަލުކޮށް ހޯމް ކަރަންޓީންގައި ވެސް ބައިތިއްބާނީ 14 ދުވަހު ކަމަށާއި މި މުއްދަތު ހަމަވުމުން ހަދާނީ ޕީސީއާރް ޓެސްޓެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ އަތޮޅު ތެރޭގައި މިކަން ކުރަން ދަތިތަކެއް ހުންނާނެ ކަން ގަބޫލްކުރައްވާ ކަމަށާއި ވަކިން ހާއްސަކޮށް މި ދުވަސްވަރު މޫސުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ކަރަންޓީން ކުރާތާ 15 ވަނަ ދުވަހު ސާމްޕަލް ނަގައި އެންމެ ލަސްވެގެން 18 ވަނަ ދުވަހަށް ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ ކަމުގައި މަބްރޫކް ވިދާޅުވި އެވެ. އަދި ކަރަންޓީން ހަމަވެ ބޭރަށް ދެވޭނީ ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް ކަރަންޓީން ކުރަނީ ހުންނަ ގެއެއްގައި ވަކި ޝަރުތުތަކެއް ހަމަވޭތޯ ބެލުމަށް ފަހު އެވެ. އެގޮތުން އެ ގޭގައި އެކަނި ކޮޓަރިއެއްގައި ވަކިން ހުރެވޭތޯ ބެލުމާއި މިފަދަ އެހެނިހެން ކަންކަން ވެސް ބަލައެވެ. އެ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ އެ މީހަކު ހުންނަން ޖެހެނީ ކަރަންޓީން ފެސިލިޓީގަ އެވެ.

ހޯމް ކަރަންޓީންކޮށްފައިވާ މީހަކު ހުންނަ ގެއަކުން މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށް އެ ގެތަކުން ވެސް މީހުންނަށް ނުކުމެވޭ ގޮތް ވަނީ ހަދައިފަ އެވެ.