Roadha Mihaaru
އިނގުރައިދު އަށް ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

އިނގުރައިދު އަށް ދިޔަ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

27 ޖުލައި 2020

ރ. އިނގުރައިދު އަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރ. އިނގުރައިދު އަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

އިނގުރައިދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއީ މި މަހުގެ 11 ވަނަ ދުވަހު އެ ރަށަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީން ނިންމުމަށް ފަހު ހެދި ދެވަނަ ޓެސްޓުން ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ ބިދޭސީން އަނެއްކާ ވެސް މިހާރު ތިބީ އިތުރު 14 ދުވަހަށް ކަރަންޓީން ކޮށްފައި ކަމަށާއި އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭ އިން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެއީ ހޯމް ކަރަންޓީންގައި ތިބި ބައެއް ކަމަށް ވުމުން އިތުރު އެއްވެސް ކޮންޓެކްޓެއް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއިލް އަބްދުއްރަޝީދު މިއަދު ވިދާޅުވީ، ދެ ބިދޭސީންނާ އެކު އިތުރު ހަ މީހަކު އެ ރަށަށް ދަތުރުކުރި ކަމަށެވެ. އެކަމަކު، އެ ހަ މީހުން ވެސް ތިބީ ހޯމް ކަރަންޓީންގައި ކަމަށް ވިދާޅުވި އެވެ.

"ދެން އައީ މި ރަށު މީހުން. މި ދެ މީހުންނަކީ ވެސް ރަށުގައި މަސައްކަތް ކުރުވަން ވެގެން ބަޔަކު އަލަށް މި ރަށަށް ގެނައި ދެ މީހެއް" އިސްމާއިލް ވިދާޅުވި އެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ކަރަންޓީންގައި ތިބެން ޖެހެ އެވެ.

މިގޮތަށް ރަށްރަށަށް ފޮނުވާ ބައެއް މީހުން މީގެ ކުރިން ވެސް ޕޮޒިޓިވް ވެފައި ވެއެވެ. އެގޮތުން ރ. ދުވާފަރާއި ކ. ހިންމަފުށީގެ އިތުރަށް ގއ. މާމެންދު އާއި، ބ. ތުޅާދޫ އިން ވެސް ހޯމް ކަރަންޓީންގައި ތިބި މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ.