02 އޯގަސްޓް 2020
އިންޑިއާގެ ހައިވޭއެއްގެ ކައިރީގައި ކޮންމެވެސް މީހަކު އެ ފޮޓޯ ނެގި އެވެ.
އިންޑިއާގެ ހައިވޭއެއްގެ ކައިރީގައި ކޮންމެވެސް މީހަކު އެ ފޮޓޯ ނެގި އެވެ.
އަވިގަދަ ދުވަހެކެވެ. އެ ޒުވާނާގެ އުނގުގައި ރަހުމަތްތެރިޔާ ބާއްވާލައިގެން އިނެވެ. އޭނާ ކައިރީގައި ރަތް ކުލައިގެ ދަބަހަކާއި ދެބައިކުޅަ އެއް ބައި ހުސްކޮށް ހުރި ފެން ފުޅިއެކެވެ. އޭނާ ބަލަމުން ދިޔައީ، އުނގުގައި އޮތް ރަހުމަތްތެރިޔާ ދިރި އޮތްކަމުގެ އެއްވެސް ނިޝާނެއް ފެނޭތޯ އެވެ.
ރަހުމަތްތެރިޔާގެ ހޭ ހުރީ ހަމަ ކިރިޔާ އެވެ. އޭނާ ވަނީ ބަލިވެފަ އެވެ. ގައިން ފެން ހުސްވުމާ އެކު ހަރުވެފައިވާ ތުންފަތް މައްޗަށް އަތުން ފެން ގޮންޓެއް އަޅާލަން، އަނެއް ރަހުމަތްތެރިޔާ އިނީ ތައްޔާރުވެގެންނެވެ.
މި ފޮޓޯ ނަގާފައިވަނީ މޭ 15 ގައި، އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ ކުޑަ އަވަށެއް ކަމަށްވާ ކޮލާރަސްގެ ބޭރު ސަރަހައްދެއްގަ އެވެ. އެ ދެ ޒުވާނުންނަކީ ކުޑައިރުއްސުރެ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ މުހައްމަދު ސައްޔޫބު، 22، އާއި އިންޑިއާގައި އެންމެ ނިކަމެތިކޮށް ހިތަމުން އަންނަ ވަންހަ ކަމަށްވާ ދާލިތަށް ނިސްބަތްވާ އަމްރިތު ކުމާރު، 24، އެވެ. ހިންދޫންގެ ތެރޭގައި ދަރިކޮޅުގެ ތަފާތުކުރުމުގައި ދާލިތުންނަކީ، އެންމެ ދަށް އަދި އެންމެ ނިކަމެތިކޮށް ހިތާ ވަންހަ އެވެ.
އިންޑިއާގައި މިހާރު އޮތް ސިޔާސީ ހިޔާލު ތަފާތުވުމުގައި ގައުމުގެ ކުރީގެ ހަމަތަކާއި އުސޫލުތައް ބަދަލުވެއްޖެ އެވެ. މުސްލިމުންނާއި ހިންދޫންނާ ދެމެދު ރަހުމަތްތެރިކަން ނޯންނަ ފަދަ މޭރުމަކުން، ސިޔާސީ ވާހަކަތަކާއި މީޑިއާގެ ކަވަރޭޖްތައް ހުއްޓަސް، ހަގީގަތަކީ ދެ ދީންގެ އެތައް ބައެއްގެ ތެރޭގައި ގާތް ރަހުމަތްތެރިކަން އުފެދި، އެ ގުޅުން ކުރިއަށް ގެންދިއުމަކީ އިންޑިއާގައި އާންމު ކަމެއްކަމެވެ. ސައްޔޫބު އާއި އަމްރިތު ނިސްބަތް ވަނީ އުތުރުގެ ސްޓޭޓެއް ކަމަށް ވާ އުއްތަރު ޕްރަދޭޝްގެ ދެވާރީ ނަމަކަށް ކިޔާ ކުޑަކުޑަ ވިލެޖަކަށެވެ. އެކަމަކު ފަގީރުކަމުން މިންޖުވެ، އާއިލާއަށް އެހީތެރިވެވޭނެ އާމްދަނީއެއް ހޯދަން ދެ ޒުވާނުން ވެސް މަސައްކަތްކުރަމުން އައީ އިންޑިއާގެ ހުޅަނގު އައްސޭރީގައި އޮންނަ ސުރާތު ސިޓީގަ އެވެ. ހިތާމަވެރި ހާދިސާއާ ކުރިމަތިވަނީ، ކޮރޯނާވައިރަސް އިން ސަލާމަތްވާން އިންޑިއާގައި ކުއްލިއަކަށް އިއުލާންކުރި ލޮކްޑައުންގައި، ބަނޑަށް ޖެހުމުން ދުރުވާން އަމިއްލަ އަވަށަށް ދާން ފެށި ދަތުރުގަ އެވެ.
މުހައްމަދު ސައްޔޫބު އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާ އަމްރިތު ކުމާރު އުނގުމަތީ ބާއްވާލައިގެން: ދެ ރަހުމަތްތެރިންގެ މި ފޮޓޯ އިންޑިއާގެ ސޯޝަލް މީޑިއާގައި ވައިރަލްވި.
މީގެ ހަ އަހަރު ކުރިން އިންޑިއާގެ ވެރިކަމަށް ހިންދޫންގެ ވަތަނީ ވިސްނުމުގެ ނަރެންދުރަ މޯދީ އާއި ބީޖޭޕީ އައި ފަހުން ހީވަނީ އިންޑިއާގެ ހަމަ އާއި އުސޫލެއް ނެތް ވިންދުތައް ވަންހަނާކޮށްފައި އޮތް ފޮތިގަނޑު އެ ގައުމުގެ މޫނުމަތިން ނެގިހެންނެވެ. ހިޔާލު ތަފާތު ކަންކަން ބަލައިގަތުމާއި ކެތްތެރިވުމާއި ތަހުޒީބުގެ ސިފަތަކުގެ ބަދަލުގައި ފެންނަނީ ޖިންސީ ތަފާތުކުރުންތަކާއި ބޭއިންސާފާއި ބައިމަދު މުޖުތަމައުތަކާއި މިނިވަން ވިސްނުމުގެ މީހުންނާ ދެކޮޅަށް ނަފުރަތުގެ ބަސްތައް އަމާޒުވާ ތަނެވެ. އިންޑިއާގެ ޓީވީތަކާއި ސޯޝަލް މީޑިއާ އާއި ވަޓްސްއެޕްގެ މެސެޖްތައް ފުރިފައި އޮންނަނީ ދިމާކުރުމުގެ އެ އާދަތަކުންނެވެ.
އަމްރިތު އާއި ސައްޔޫބުގެ ފޮޓޯ އަކީ ރުޅިވެރިކަމުން ފުރިފައި އޮތް އާންމު ހިޔާލުތަކުގެ ތެރެއަށް ވެހެން ފެށި ހިތްހެޔޮކަމުގެ ވާރޭފޮދެކެވެ. އެ ރަހުމަތްތެރިކަމާއި އެ އިތުބާރު، އޭގެ ހަގީގީ އަސަރު އެތައް ބަޔަކަށް ފޯރި އެވެ.
އިންޑިއާގެ ލޮކްޑައުން އަކީ ފަގީރުންގެ ބުރަކަށީގައި އަޅާވިހެލި މަރުތޭލެކެވެ. އިންޑިއާގެ މަސައްކަތްތެރިންގެ 92 ޕަސެންޓް މީހުން ދިރިއުޅެނީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. ދުވަހު މުސާރަ އެވެ. ލިއެކިއުމުން އެއްބަސްވުމެއް ނޯވެ އެވެ. ހިމާޔަތެއް ނެތެވެ. މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް ނުވަތަ ހެލްތު އިންޝުއަރެންސެއް ނުލިބެ އެވެ. އޭގެ ތެރެއިން އެތައް ބަޔަކު އަމިއްލަ ވަޒަން ދޫކޮށް އުޅެމުން އަންނަނީ މާ ދުރުގެ ސަހަރުތަކުގަ އެވެ. އެ މީހުންގެ އާމްދަނީގެ ބޮޑު ބައެއް ފޮނުވަނީ، އާއިލާއަށެވެ.
ލޮކްޑައުން ކުރިމަތިވިތާ މަދު ހަފުތާތަކެއްގައި، އިމާރާތްކުރުމުގެ ދާއިރާ އާއި ފެކްޓަރީތަކާއި ގާ އެޅުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި ރެސްޓޯރެންޓްތަކާއި ހޮޓާތަކުގެ ވަޒީތައް އަދާކުރި އެތައް މިލިއަން ބަޔަކަށް، ބަނޑުފުރާނަ މުއްތިކުރެވޭ ވަރު ވެސް ނުވި އެވެ. ކުލި ދައްކާނެ ފައިސާއެއް ނެތެވެ.
އެ މީހުންނަށް އޮތް ހަމައެކަނި ހިމާޔަތަކީ، އަމިއްލަ ވިލެޖެވެ. އެކަމަކު ވައިރަސް ފެތުރުން ހުއްޓުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭރު ވަނީ ރޭލާއި ބަސް ދަތުރުތައް މެދުކަނޑާލައިފަ އެވެ.
އާއިލާގެ ދިރުމަކަށްވި ދަރިފުޅު އަމްރިތު ކުމާރުގެ ބައްޕަ ރާމް ޗަރަން އާއި މަންމަ، އެ މީހުންގެ ކުޑަކުޑަ ގޭގައި
ސަރުކާރުގެ އެ ނިންމުން ބޮލާލައިޖަހައި، އެތައް ލައްކަ ބަޔަކު ހިނގާފައި ނުވަތަ ކޮންމެވެސް ގޮތަކުން ދުއްވާ އެއްޗެއް ހަމަޖައްސައިގެން އުފަން ހިސާބުތަކަށް ދިޔަ އެވެ: އެއީ ކޮރޯނާވައިރަސްގައި ދުނިޔޭގެ ފުރަތަމަ "ރެފިއުޖީން"ނެވެ. އެޕްރީލް އާއި ޖޫން މަހާ ދެމެދު އިންޑިއާ އިން ފެނުނު އެ މަންޒަރުތަކުން ހަނދާން އާކޮށްދިނީ 1947 ގައި އިންޑިއާ އާއި ޕާކިސްތާން އުފެދުނު އިރު އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރި މީހުންގެ ހަރަކާތްތަކެވެ.
ވަޒީފާއަށްޓަކައި ވިލެޖް ދޫކޮށް އެހެން ސަހަރުތަކުގައި އުޅުނު އަދި ލޮކްޑައުންއާ އެކު އުފަން ސަރަހައްދުތަކަށް ދާން ދަތުރު ފެށި އެތައް މިލިއަން މީހުންގެ ތެރޭގައި އަމްރިތު އާއި ސައްޔޫބު ހިމެނެ އެވެ. އެމީހުން މަސައްކަތްކުރީ 920 މޭލު ދުރުގައި އޮތް ދެވާރީއަށް ދާށެވެ. އެމީހުން އެ ހައިވޭގެ އެ ގަދަ ހޫނުގެ ތެރެއަށް ގެންދިޔައީ ހަގީގަތުގައި މޯދީގެ ނިންމެވުމެވެ.
ދަނޑުވެރި ބައްޕަގެ ބުރަކައްޓަށް އެރި ތަދަކާ އެކު މަސައްކަތް ނުކުރެވޭ ހާލަތަށް ދިޔަ އިރު ސައްޔޫބު އުޅުނީ ގްރޭޑް ފަހެއްގަ އެވެ. އޭނާގެ ދެ ބޭބެ އޭރު ވީ ވަޒީފާއަށް މުމްބާއީއަށް ގޮސްފަ އެވެ. ގޭގެ ކަންކަމުގައި އެހީތެރިވަމުން، ކިޔަވާހިތްނުވެ އެކަމަކު ސްކޫލަށް ދަމުން، އަދި އަމްރިތުއާ އެކު ވަގުތު ހޭދަކުރި އެވެ.
ވިލެޖް ދޫކޮށް ވަޒީފާއަށް ފުރަތަމަ ދިޔައީ އަމްރިތެވެ. އޭނާގެ ބައްޕަ ރާމް ޗަރަންއަށް ދަނޑުވެރިކަމާއި އެހެން މަސައްކަތްތަކުން، ފަސް ކުދިންނަށް ހޭދަކުރެވޭ ވަރެއް ނުވެ އެވެ. އެހެންކަމުން ހައި ސްކޫލުން ކެނޑި، ވަޒީފާއެއް ހޯދަން ސުރާތަށް ދިޔައީ އެވެ.
ގުޖުރާތު ސްޓޭޓުގެ މި ސިޓީއަކީ އަންނައުނު އުފެއްދުމާއި ޖަވާހިރު ކުދިކުރުމާއި އޮފްކުރުމުގައި ދުނިޔޭގެ މައި މަރުކަޒެވެ. އަމްރިތަށް ވަޒީފާ ލިބުނީ އަންނައުނު އުފައްދާ ފެކްޓަރީއަކުންނެވެ.
ދީވާލީ ބަންދުގައި ވިލެޖަށް ގޮސް ރަހުމަތްތެރިންނާ އެކު އަމްރިތު ވަގުތު ހޭދަކުރެ އެވެ. އޭރު ސައްޔޫބު އުޅެމުން އައީ، މަސައްކަތެއް ލިބޭ ފަހަރަކު ކުރަމުން، ނެތް ފަހަރަކު އެ ހާލަތަށް ޝުކުރުކޮށްލައިގެންނެވެ. ސުރާތުގެ ފެކްޓަރީއަކުން ވަޒީފާއެއް ހޯދައިދޭނެ ކަމަށް ބުނެ، އޭނާއާ އެކު ސައްޔޫބު ވެސް ދާން، އަމްރިތު އެދުނެވެ. އެ ނޫން ގޮތެއް ސައްޔޫބަކަށް ވެސް ނެތެވެ. އެހެންކަމުން 2015 ގައި އަމްރިތާ އެކު ސުރާތަށް ހިޖުރަކޮށް، ދެ ރަހުމަތްތެރިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން، ވަޒީފާއަށް ނުކުތެވެ.
ގުޖުރާތަކީ މުސްލިމުންނާއި ހިންދޫންގެ މެދުގައި ހަމަނުޖެހުން ބޮޑު ސްޓޭޓެކެވެ. ޒަމާންވީ އަޔޯދިޔާ މިސްކިތް 1992 ގައި ބިމާ ހަމަކޮށްލި ހަމަނުޖެހުން، އިންޑިއާގެ ތާރީހުން ފޮހެވިގެން ނުދާނެ އެވެ. އެހެންކަމުން ގުޖުރާތުގެ ސަހަރެއްގައި އުޅެން ޖެހުމަކީ، މުސްލިމަކަށް ވުމުން، ސައްޔޫބުގެ ކަންބޮޑުވުމެކެވެ. އެ ފަސް އަހަރު މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ހަބަރުތައް އޭނާ ކިޔެވެ. އެކަމަކު ސިޔާސީ އެއްވެސް ވާހަކައެއްގައި އޭނާ ބައިވެރިއެއް ނުވެ އެވެ.
"އެއްވެސް މީހަކު އަހަންނާ ހެދި ކަންބޮޑެއް ނުވޭ،" ސައްޔޫބު ބުންޏެވެ.
"އަހަރެން އަހަރެންގެ މަސައްކަތްކުރީ. އަހަންނަށް މުސާރަ ދޭ."
ލޮކްޑައުންކުރި ދުވަހުގެ ހެނދުނު، މާޗު 25 ގައި، ފެކްޓަރީތައް ބަންދުކުރި ވާހަކަ ވެރިން އެންގި އެވެ. ބަންދުކޮށްފައި ހުންނަ އިރު އެއްވެސް މީހަކަށް މުސާރަ ނުލިބޭނެ ކަމަށް ވެސް ބުންޏެވެ. ސައްޔޫބު މަސައްކަތްކުރި ފެކްޓަރީން މުވައްޒަފުންނަށް ހަނޑޫ ފަދަ ކާޑުގެ ބާވަތްތަކާއި ކޮންމެ މީހަކަށް 1،500 ރުޕީސް ދިނެވެ. އަމްރިތުގެ ފެކްޓަރީން ދިނީ ހަމައެކަނި ކާޑުގެ ބާވަތްތަކެވެ.
އެކަމަކު ސުރާތުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ލައްކަ ބަޔަކު ބަނޑަށް ޖެހި، އެނބުރި އެ ބައެއްގެ ސަރަހައްދަށް ދެވޭނެ ފުރުސަތު ދޭން ގޮވާލައި، މުޒާހަރާކުރަން ފެށި އެވެ. ފުލުހުން އެމީހުން ހައްޔަރުކުރި އެވެ. އެތައް ބަޔަކު ދަތުރަށް އެރި އެވެ. ދުއްވާ އެއްޗެހީގަ އާއި ފައިމަގުގަ އެވެ.
"އަހަރެމެންނަށް ގެއަށް ދިއުން ނޫން ގޮތެއް ނެތް،" ސައްޔޫބު ބުންޏެވެ.
ހިޖުރަކުރި މަސައްކަތްތެރިންގެ ކަންބޮޑުވުންތަކާ އެކު މޭ 1 ގައި، އިންޑިއާ ސަރުކާރުން ރޭލު ދަތުރުތައް ފެށި އެވެ. އަމްރިތާއި ސައްޔޫބު، ޓްރެވެލް އެޖެންޓަކާ ބައްދަލުކޮށް، ވީހާވެސް އަވަހަކަށް ޓިކެޓް ހޯދައިދޭން ބުނެ، ފައިސާ ވެސް ދެއްކި އެވެ. އެކަމަކު އެއްވެސް ހަބަރެއް ނުވެ ދެ ހަފުތާ ދިޔައީ އެވެ.
ލޮކްޑައުންގެ 51 ވަނަ ދުވަސް، މޭ 14 ގައި، ދެ ރަހުމަތްތެރިން ވެސް ނިންމީ އެނބުރި ދިއުން ފިޔަވައި އެހެން ހައްލެއް ދެން ފެންނަން ނެތް ކަމެވެ. އެމީހުންގެ އުފަން ވިލެޖް ނިސްބަތްވާ އުއްތަރު ޕްރަދޭޝްގެ ބައެއް މީހުންނާ އަމްރިތު ބައްދަލުކުރި އެވެ. އޭރު އެ ގްރޫޕް ވަނީ ޓްރަކް ޑްރައިވަރަކާ ވާހަކަ ދައްކައި، ދަތުރު ހަމަޖައްސައިފަ އެވެ. ބޮލަކަށް 4،000 ރުޕީސް (53 ޑޮލަރު) ދޭން ޖެހޭނެ ކަމަށް ބުނުމުން، އަމްރިތުމެން އެއްބަސްވި އެވެ.
ޓްރަކް ޑްރައިވަރު ބުނި ތަނަށް ދާން 60 މީހުންނާ އެކު ދެ ރަހުމަތްތެރިން ރޭގަނޑު 15 މޭލަށް ހިނގި އެވެ. ލޮރީ އައީ ދަންވަރު ދޭއް ޖެހިއިރު އެވެ. އަމްރިތު އާއި ސައްޔޫބަށް ޖާގަ ލިބުނީ ޑްރައިވަރު އިންނަ ތަނުގެ މަތީގައި ހުރި ބެލްކަންޏެއް ފަދަ ތަނަކުންނެވެ.
ކަންބަޅިތަކެއް ތިބޭ ގޮތަށް، ޓްރަކް ލޮރީގެ އެތެރެ އޮތީ މީހުންތަކުން ފުރިބާރުވެފަ އެވެ. އަނެއް ދުވަހުގެ މެންދުރު ފަހު ވަގުތެއްގައި "އަހަރެން ހުން އަންނަހެން އެބަ ހީވެއޭ" ސައްޔޫބު ކައިރީ އަމްރިތު ބުންޏެވެ. ސައްޔޫބު ބުނީ ބޭސްފިހާރައެއް ފެނޭތޯ ބަލާނީ ކަމަށާއި ފެނިއްޖެ ނަމަ ލޮރީ ހުއްޓުވާނީ ކަމަށެވެ. ލޮރީ ދުއްވަމުން ދިޔަ އެވެ. އަމްރިތުގެ ހުން ގަދަވެ، ތުރުތުރު އަޅަނީ އެވެ. ޖެހެމުން ދިޔަ ވައިން ސަލާމަތްވާން، އަމްރިތު ގޮވައިގެން، ސައްޔޫބު ތިރިއަށް ފޭބި އެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އަމްރިތު ކެއްސާއި ކިބިނހި އަޅަން ފެށި އެވެ. އެންމެން ކަންބޮޑުވެ، ޝައްކު އުފެދުނެވެ. "އޭނާ ކެއްސަނީ. އޭނާ އެހެރީ ހުންއައިސް. އޭނާއަށް އެ ހުރީ ކޮރާނާ ޖެހިފައި،" މިކަހަލަ ވާހަކަތަކުން، އެހެން އެންމެންގެ ތެރޭގައި ރުޅިވެރިކަން މޫލި އެވެ. "އަހަރެމެން އެނބުރި މިދަނީ ކޮރޯނާއިން ސަލާމަތްވާން." "އޭނާ އަހަރެމެން އެންމެންނަށް ބަލި ޖައްސަފާނެ." "އޭނާގެ ސަބަބުން އަހަރެމެން މަރުވާކަށް ބޭނުމެއް ނޫން." ދެން އިވެން ފެށީ ރުޅިވެރިކަމުގެ މިކަހަލަ އެތައް ބަސްތަކެކެވެ.
ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްލުނު އިންޑިއާގެ ސުރާތުގެ މަސައްކަތު މީހުން، އެމީހުންގެ އުފަން ހިސާބުތަކަށް ދާން ދަތުރުފަތުރު ހަމަޖައްސައިދޭން ގޮވާލަން ބޭއްވި އެއްވުމެއް
ޑްރައިވަރު ޓްރަކް ހުއްޓި އެވެ. އޭނާ އާއި އެހެން ދަތުރުވެރިން އެންގީ އަމްރިތު ބާލާށެވެ. ޑްރައިވަރު ކައިރީގައި ސައްޔޫބު އެދުނީ ހޮސްޕިޓަލަކާ ހަމައަށް ގެންގޮސްދިނުމަށެވެ. އެކަމަކު ލޮކްޑައުންގައި ކަނޑައަޅާފައިވާ އުސޫލުތައް ނޭނގޭތީއާ އެކު، އަމްރިތަށްޓަކައި ވަގުތު ބޭކާރުކުރަން ބޭނުމެއް ނުވި އެވެ. އެހެންކަމުން އަމްރިތު ބޭލުން ނޫން ގޮތެއް ނެތެވެ.
"އޭނާ ދޫކޮށްލާ. ކަލޭ އަހަރެމެންނާ އެކު ދާން ޖެހޭނެ،" ސައްޔޫބު ކައިރީގައި ޑްރައިވަރު ބުންޏެވެ.
"އަމްރިތު އެކަނި ދޫކޮށްލާފައި އަހަންނަކަށް ނުދެވޭނެ،" ރައްދުގައި ސައްޔޫބު ބުންޏެވެ.
ދެން އެމީހުންގެ ދަބަސްތަކާ އެކު، އަމްރިތު ގޮވައިގެން ސައްޔޫބު ލޮރީން ފޭބި އެވެ.
އެކަމަކު 109 ޑިގްރީގެ ހޫނުގެ ސަބަބުން މަގު އޮތީ ލޯ ހުޅުވާލަން އުނދަގޫ ވަރަށް ކެކިކެކި އެވެ. ހައިވޭގެ ހުސް ތަންކޮޅެއްގައި އެމީހުން އިށީނެވެ. އެތައް ބަޔަކު އެމީހުން ހުރަސްކޮށް ދިޔަ އެވެ. ސިޔާސީ މީހަކު ކާރުތަކެއްގައި އައިސް އެހިސާބުގައި ކާނާ އާއި ފެން ބެހި އެވެ. އެތަނަށް ގޮސް ސައްޔޫބު ދެތިން ފެން ފުޅި ހޯދި އެވެ. އަމްރިތު ކުކުރަނީ އެވެ. އޭނާގެ ހުން ގަދަވަނީ އެވެ.
"އޭނާގެ އަތުގައި ހިފަހައްޓާލައިގެން އަހަރެން އިނިން، ހީވަނީ ހުމުގައި އޭނާ އަނދަމުން ދާ ހެން،" ސައްޔޫބު ކިޔައިދިނެވެ.
ރަހުމަތްތެރިޔާގެ ބޮލަށް ފެން އަޅައި ތެންމި އެވެ. އެކަމަކު އެއިން އެއްވެސް ފައިދާއެއް ނުކުރި އެވެ.
އެމްބިއުލެންސަކަށް ގުޅައިދޭން ސިޔާސީ މީހާގެ ކިބައިން އޭނާ އެދުނެވެ. އެމްބިއުލެންސް އަންނަންދެން، އޭނާގެ އުނގުގައި އަމްރިތު ބާއްވާލައިގެން އިނީ އެވެ. ކުޑަރުމާލެއް ތެތްމާލައިގެން، ރަހުމަތްތެރިޔާގެ ނިތްކުރި ފޮހެމުން ގެންދިޔަ އެވެ. ތުންފަތަށް އަތްގޮށިން ފެން އެޅި އެވެ. ދެ ރަހުމަތްތެރިންގެ އެ ފޮޓޯ، ކޮންމެވެސް މީހަކު ނެގީ އެވަގުތު އެވެ.
އެމްބިއުލެންސް އައިސް އެ މީހުން ގެންދިޔައީ ކުޑަ ހޮސްޕިޓަލަކަށެވެ. އަމްރިތު ތަހައްމަލްކުރަމުން ގެންދަނީ ހީޓް ވޭވްގެ ނުރައްކާ ކަމަށް، ޑޮކްޓަރު ބުންޏެވެ. ހޭ ނެތެމުން ދިޔަ އަމްރިތު ސަލާމަތްކުރެވޭތޯ ރިހައިޑްރޭޝަން ފަރުވާ ދޭން ފެށި އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އެއަށް ވުރެ ރަނގަޅު ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރި އެވެ. އަދި އައިސީޔޫގައި ބޭއްވި އެވެ.
އަމްރިތުގެ ބައްޕަ ރާމް ޗަރަންއަށް ގުޅައި، ދަރިފުޅަށް ދިމާވި ގޮތް ސައްޔޫބު ކިޔައިދިނެވެ. އެކަމަކު ލޮކްޑައުން ތެރޭގައި، އެ ހިސާބަށް ދަތުކުރާނެ ހުއްދައެއް، ރަސްމީ އެއްވެސް ފަރާތަކުން ރާމް ޗަރަންއަކަށް ނުދިނެވެ.
ދެ ރަހުމަތްތެރިން ކޮރޯނާވައިރަސްއަށް ޓެސްޓް ހެދި އެވެ. އަމްރިތު ވެންޓިލޭޓަރަށް ލި އެވެ. އެރޭ ސައްޔޫބު ގެންގޮސް ކަރަންޓީން ކުރި އެވެ. އޭނާ ވިސްނަމުން ދިޔައީ ހޮސްޕިޓަލްގައި އަމްރިތު މަރުވެއްޖެ ނަމަ އާއިލާ ކައިރިއަށް ހަށިގަނޑު ގެންދާނެ ގޮތަކާ މެދުގަ އެވެ. އެހެން ނުވެއްޖެ ނަމަ، ހަމައެކަނި އަމްރިތުގެ އާމްދަނީއަށް ބަރޯސާވެފައިވާ މައިންބަފައިންނަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
"ދަންވަރު ތިނެއް ޖެހިއިރު ހިތާމައިން ގޮސް އަހަރެން އިނީ ހަލާކުވެފައި،" ސައްޔޫބު ކިޔައިދިނެވެ.
"އަހަންނަށް އިހުސާސްކުރެވެމުން ދިޔައީ އަމްރިތު، އަހަރެންގެ ނުއުފަންނަ ބޭބެ، އަހަރެންގެ ރަހުމަތްތެރިޔާ، މި ދުނިޔޭގައި ދެން ނެތޭ."
މޭ 16 ވަނަ ދުވަހުގެ ހެނދުނު ނަރުހަކު އައިސް އޭނާއަށް އެ ބިރުވެރި ހަބަރު ދިނެވެ. ނުރައްކާތެރި މިންވަރަކަށް ހަށިގަނޑުން ފެން ހުސްވުމުން ސަލާމަތްނުކުރެވި، އަމްރިތު މަރުވީ އެވެ. ހަށިގަނޑާ ހަވާލުވާން އާއިލާއަށް އަންގަން ޑޮކްޓަރުން އޭނާ ކައިރީ އެދުމުން ޖަވާބަކަށް ވީ "އެއީ އެއަށް ވުރެ މާ ނިކަމެތި ބައެއް" ކަމެވެ.
"ހަށިގަނޑު ގެންދާނީ އަހަރެން،" ސައްޔޫބު ބުންޏެވެ.
ޓެސްޓްގެ ނަތީޖާ ނާންނާތީ، ދެ ދުވަހު ކަރަންޓީންގައި ހުރެގެން ރަހުމަތްތެރިޔާއަށްޓަކައި އޭނާ ހިތާމަކުރި އެވެ. ނަތީޖާ އައީ ދެ މީހުން ވެސް ކޮރޯނާވައިރަސްއަށް ނެގެޓިވް ކަމަށެވެ. އެއާ އެކު ރަހުމަތްތެރިޔާގެ ހަށިގަނޑާ ހަވާލުވެ، ވިލެޖަށް ގެންދިއުމުގެ ޒިންމާއާ ސައްޔޫބު ކުރިމަތިލި އެވެ. އެކަމަކު ހަށިގަނޑު އުފުލި އެމްބިއުލެންސްގެ ފްރީޒާ ހުރީ ހަލާކުވެފަ އެވެ. އެހެންކަމުން ހަށިގަނޑު ކަޅުވެ، ކުނިވަސް ދުވަން ފެށި އެވެ. ދެން އަމްރިތުގެ ބައްޕައަށް ގުޅާ، ހާލަތު ކިޔައިދިނުމުން، އަވަށުގެ ގަބުރުސްތާނަށް ދަރިފުޅުގެ ހަށިގަނޑު ސީދާ ގެންދަން އެއްބަސްވި އެވެ.
ދާލިތުންނަށް ހާއްސަ ގަބުރުސްތާނު އޮންނަނީ އަމްރިތުގެ ގެއާ ބައި މޭލެއްހާ ދުރުގަ އެވެ. އޭނާ ވަޅުލީ އެތަނުގަ އެވެ.
ގަބުރުސްތާނުން ނުކުމެ، ހިނގާފައި ގޮސް ގެއަށް ވަންތާ މާ ގިނަ އިރެއް ނުވަނީސް ސައްޔޫބުގެ ފޯނު ރިންގުވާން ފެށި އެވެ. އެއީ ރޭލު ޓިކެޓް ހޯދައިދޭން އެއްބަސްވި، ސުރާތުގެ ޓްރެވަލް އެޖެންޓެވެ.
"އަމްރިތާއި ކަލޭގެ ޓިކެޓް އަހަންނަށް ލިބިއްޖެ. މާދަމާ ހެނދުނު ރޭލު ފުރާނެ،" އެޖެންޓް ބުންޏެވެ.
ދަރިފުޅުގެ މަރަކީ އަމްރިތުގެ ބައްޕައަށް ގޮތް ހުސްވުމެވެ. އޭނާއަށް އާމްދަނީއަށް ލިބެނީ ދުވާލަކު 202 ރުޕީސް (2.5 ޑޮލަރު) އެވެ. އެހެންކަމުން ދަރިފުޅުގެ މަރާ އެކު މުޅި އާއިލާގެ ކުރިމަގު ވަނީ ބަނަވެފަ އެވެ.
"އަހަރެމެންގެ ހުރިހާ ވެސް މީހަކީ އަމްރިތު. އަހަރެމެންގެ އާއިލާ ކުރިއަށް ގެންދިޔައީ އޭނާ،" ރާމް ޗަރަން ބުންޏެވެ.
"އެކަމަކު އަހަރެމެންނަކަށް ދެން އޭނާއެއް ނުފެންނާނެ."
ސުރާތުގެ ފެކްޓަރީގެ ވެރިން ސައްޔޫބަށް ގުޅި އެވެ. ބައެއް މީހުން ވަޒީފާއަށް ނުކުންނަން ފަށާފައި ވާތީ، އޭނާ ވެސް އަންނަން އެދުނެވެ. އެކަމަކު ސައްޔޫބުގެ ހިތަށް އަދި ފިނިކަމެއް ނުލިބެ އެވެ.
"އަހަރެން ދާނަން. މަހެއް ނުވަތަ ދެ މަހެއްގެ ތެރޭގައި،" އޭނާ ބުންޏެވެ.
"ޔަގީނުން ވެސް މިހާރަކު ނޫން. އަހަރެންގެ ހިތް އަދި އެކަމަކަށް ތައްޔާރެއް ނުވޭ."
ގަބުރު އުފުލި މީހާއަށް ބަހުރޭންގެ ބޮޑުވަޒީރު އެހީވަނީ
އަނބިމީހާގެ ގަބުރާ އެކު 10 ކިލޯމީޓަރަށް ހިނގައިފި
މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ނައިޖީރިއާގައި ކާނާ ބަހާ ތަނެއްގައި ފިތިގެން 32 މަރު
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ތަބްލާ ކުޅެން މަޝްހޫރު ޒާކިރު ހުސެއިން މަރުވެއްޖެ
"މަރުވި" މީހަކު އަންދާލަނިކޮށް ނޭވާލަން ފަށައިފި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ