Roadha Mihaaru
މޫސަލްއާ ކައިރީގައި ހަނގުރާމަ ހޫނުވާން ފަށައިފި

މޫސަލްއާ ކައިރީގައި ހަނގުރާމަ ހޫނުވާން ފަށައިފި

24 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 24) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް މޫސަލް ހިފުމުގެ ހަނގުރާމައިގައި އެ ސިޓީއާ ކައިރީގައިވާ ބާޝިގާ ޓައުން ހިފުމަށް ވަރުގަދަ އަށް ހަމަލާތައް ދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 24) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް މޫސަލް ހިފުމުގެ ހަނގުރާމައިގައި އެ ސިޓީއާ ކައިރީގައިވާ ބާޝިގާ ޓައުން ހިފުމަށް ވަރުގަދަ އަށް ހަމަލާތައް ދޭން ފަށައިފި އެވެ.

ކުރުދީ ޕެޝްމާގާ ކޮމާންޑަރުން ބުނީ އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވަދެ ބޮޑެތި ކުރިއެރުންތައް މިހާރު ހޯދަމުންދާ ކަމަށެވެ. އަަދި އައިއެސް އިން ބޭނުންކުރާ ހައިވޭއެއްގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބާޝިގާ އަށް ދޭ ހަމަލާތަކުގައި ތުރުކީ ސިފައިން ވެސް އިއްޔެ ވަނީ ބައިވެރިވެފަ އެވެ. އައިއެސްއާ ދެކޮޅަށް ތުރުކީން ހަމަލާދީފައި މިވަނީ އެ ގައުމުގެ އެހީ ބޭނުން ނުވާ ކަމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެފައި ވަނިކޮށެވެ.

އިރާގުގެ މޫސަލްއާ ކައިރީގައި އޮންނަ ބާޝިގާ ޓައުނުގެ ޝެއިޚް އަލީ ވިލެޖަށް އިރާގުގެ ކުރުދީ ހަނގުރާމަވެރިން އިއްޔެ ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގެ މޫސަލްއާ ކައިރީގައި އޮންނަ ބާޝިގާ ޓައުނުގެ ޝެއިޚް އަލީ ވިލެޖަށް އިރާގުގެ ކުރުދީ ހަނގުރާމަވެރިން އިއްޔެ ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީން ބުނެފައި ވަނީ މޫސަލް އަށް ދޭ ހަމަލާގައި ކުރުދީންނާއި ޝިއައީން ބައިވެރިވަމުންދާ އިރު އިރާގުގައި ތިބޭ އެ ގައުމުގެ ސިފައިން ހިމޭނުން ނުތިބޭނެ ކަމަށެވެ.

އިރާގުގައި ހުންނަ އެމެރިކާގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ޓައުންސެންޑް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާޝިގާގައި އިރާގު ސިފައިން ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ ކަމަށެވެ. އަދި އެ ޓައުން އެއްކޮށް ސާފު ކުރެވުނުކަން ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯޓަރު ބަޑި އާއި މެޝިން ބަޑިން ކުރުދީ ހަނގުރާމަވެރިން ހަމަލާދޭ އިރު ބާޝިގާ އިން އެކި ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރުތައް ރޮއިޓާސްގެ ޓީވީ ފުޓޭޖްތަކުން ފެނެ އެވެ.

މޫސަލް ހިފުމަށް ހަމަލާ ދެމުންދާ އިރު އައިއެސްގެ ހަނގުރާމަވެރިން އިއްޔެ ވަނީ އަންބާރު ޕްރޮވިންސްގެ ރުތުބާ ޓައުނަށް ހަމަލާދީފަ އެވެ. އިރާގު ސިފައިންގެ ތަރުޖަމާނަކު ބުނީ ރުތުބާގައި އައިއެސް އިން ޖާނުންފިދާވުމުގެ ހަމަލާއެއް ދިން ނަމަވެސް އެ ޓައުނުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ. އައިއެސްގެ ބާރުގެ ދަށުގައި 2014 ވަނަ އަހަރުން ފެށިގެން އޮތް ރުތުބާ މީގެ ހަތަރު މަސް ކުރިން އިރާގު ސިފައިން ވަނީ އަނބުރާ ހޯދައިފަ އެވެ.