Roadha Mihaaru

މޫސަލްގައި އައިއެސގެ އަތްދަށުގައި އޮތް އެންމެ ފަހު އަވަށަށް ހަމަލާދޭން ފަށައިފި

ބަޣުދާދު (ޖޫން 18) - އިރާގުގެ މޫސަލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު އަވަށް ހިފަން އިރާގު ސިފައިން ހަމަލާތައް ފަށައިފި އެވެ.

މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ
ހަސަން އާމިރު
ހަސަން އާމިރު

18 ޖޫން 2017

ބަޣުދާދު (ޖޫން 18) - އިރާގުގެ މޫސަލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު އަވަށް ހިފަން އިރާގު ސިފައިން ހަމަލާތައް ފަށައިފި އެވެ.

އިރާގު ސަރުކާރުގެ ބަޔާނެއްގައި ބުނީ އެ އަވަށުގެ ހުޅަނގުން ސްޕެޝަލް ފޯސަސްގެ ހަނގުރާމަވެރިން ކުރިއަރަމުންދާ އިރު ދެކުނުން ދަނީ ފުލުހުންގެ ފައުޖެއް ކުރިއަރަމުން ކަމަށެވެ. އދ. އިން ބުނީ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ މޫސަލްގެ އޯލްޑް ސިޓީގައި ލައްކައެއްހާ އާއްމުން ތާށިވެފައި އެބަތިބި ކަމަށެވެ. އަދި ހަމަލާގެ ކުރިން ވަނީ އާއްމުން އެ އަވަށުން ނުކުތުމަށް އަންގައިފަ އެވެ.

ވޭތުވެދިޔަ ދެ ހަފުތާތެރޭ ދިން ހަމަލާތަކުގައި މޫސަލްގެ ހުޅަނގުގެ ހިސާބުތަކުން އާއްމުންގެ 230 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ. އެއް ބަޔަކު މަރުވެފައި ވަނީ ވައިގެ ހަމަލާތަކުގަ އެވެ. އަނެއް ބަޔަކު މަރުވީ މޫސަލް އިން ފިލަން ދަތުރު ކުރި މީހުންނަށް އައިއެސްގެ ސްނައިޕަރުން ހަމަލާދީގެންނެވެ.

މޫސަލްގެ އޯލްޑް ސިޓީގައި ތިބީ އައިއެސްގެ ކިތަން ހަނގުރާމަވެރިން ކަމެއް އިރާގު ސިފައިންނަކަށް ނޭނގެ އެވެ.

އެމެރިކާ ސިފައިންގެ ވައިގެ ހަމަލާތަކުގެ އެހީއާ އެކު މޫސަލް ހިފަން ހަނގުރާމަ ކުރާތާ ނުވަ މަސްވެއްޖެ އެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް އިރާގު ސިފައިން ވަނީ އޮކްޓޯބަރު މަހު ހިފައިފަ އެވެ.

އައިއެސް އިން މޫސަލް ހިފީ ޖޫން 2014 ގަ އެވެ. އޭގެ ފަހުން އެ ޖަމާއަތުގެ ލީޑަރު ވަނީ އައިއެސްގެ ޚިލާފަތު އެ ސިޓީގައި އިއުލާންކޮށްފަ އެވެ.