Roadha Mihaaru
އެމެރިކާގެ އެއްޗަކަށް ވެއްޖެ ނަމަ ޓިކްޓޮކް ސަލާމަތްވާނެ

އެމެރިކާގެ އެއްޗަކަށް ވެއްޖެ ނަމަ ޓިކްޓޮކް މަނައެއް ނުކުރާނެ

20 ޖުލައި 2020

ޗައިނާގެ ޓިކްޓޮކް އެމެރިކާ އިން މަނާކޮށްފާނެކަމުގެ އިޝާރާތެއް މި މަހުގެ ކުރީކޮޅު އެމެރިކާ އިން ދީފައި ވަނިކޮށް، މިކަމުން ސަލަމާތްވެވިދާނެ އެހެން ހައްލަކާ ބެހޭ ގޮތުން އެމެރިކާ އިން ވާހަކަ ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ޓިކްޓޮކް އެމެރިކާ އިން މަނާކޮށްފާނެކަމުގެ އިޝާރާތެއް މި މަހުގެ ކުރީކޮޅު އެމެރިކާ އިން ދީފައި ވަނިކޮށް، މިކަމުން ސަލަމާތްވެވިދާނެ އެހެން ހައްލަކާ ބެހޭ ގޮތުން އެމެރިކާ އިން ވާހަކަ ދައްކައިފި އެވެ.

ވައިޓް ހައުސްގެ އިކޮނޮމިކް އެޑްވައިޒަރު ލެރީ ކަޑްލޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހު ވިދާޅުވީ އެމެރިކާ އިން ޓިކްޓޮކަށް ފިޔަވަޅު ނާޅަން، އެ އެޕް އޮޕަރޭޓްކުރާ ޗައިނާގެ ބައިޓްޑާންސުން ބޭނުންނުވާ ނަމަ އޮތް ހައްލަކީ އެ ކުންފުނިން ޓިކްޓޮކާ ފެއަށް ޖެހުން ކަމަށެވެ.

"އަހަރެމެން އަދި ޓިކްޓޮކާ މެދު އަޅާނެ ފިޔަވަޅަކާ މެދު އެންމެ ފަހުގެ ނިންމުމެއް ނުނިންމަން. އެކަމަކު ޓިކްޓޮކް އެމެރިކާގައި މަނާނުކުރަން އެދޭ ނަމަ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކަށްވާނީ އެ އެޕް ބައިޓްޑާންސުން މިނިވަންވެ، އެމެރިކާގެ އެއްޗެއްގެ ގޮތުގައި ހިންގުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޓިކްޓޮކް އެމެރިކާގެ ކުންފުންޏެއްގެ ދަށުން ހިންގުމާ ބެހޭ ގޮތުން ލެރީ އިތުރު ތަފުސީލެއް ނުދެއްވަ އެވެ. ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު މިދިޔަ ޖޫން މަހުން ފެށިގެން އަދާކުރަމުން އަންނަނީ އެމެރިކާ މީހެކެވެ. އެއީ ކުރިން ޑިޒްނީގައި މަސައްކަތްކުރި ކެވިން މޭޔާ އެވެ.

އެމެރިކާ އިން ޓިކްޓޮކް މަނާކޮށްފާނެކަމުގެ އިޝާރާތެއް އެ ގައުމުގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕިއޯ މި މަހުގެ ކުރީކޮޅު ދެއްވުމުގެ ކުރިން މިދިޔަ އަހަރު ވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ އެ އެޕް މަނާކުރަން ގޮވާލައިފަ އެވެ.

ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި ޓިކްޓޮކަކީ ޖާސޫސްކުރުމުގެ ބޭނުމުގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ ވާގިދީގެން ހިންގާ އެއްޗެކެވެ. އަދި ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތުތައް ޗައިނާ އިން ނަމަ ގޮތުގައި ބޭނުން ހިފާ ކަމަށާއި އެ އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު އެ ތުހުމަތުތަކަށް ޓިކްޓޮކާއި ބައިޓްޑާންސުން އިންކާރުކުރެ އެވެ.

ޓިކްޓޮކަކީ އެމެރިކާގެ ކުންފުންޏަކުން ހިންގާ އެއްޗަކަށް ހެދުމުގެ ވާހަކަ އެމެރިކާ އިން "އިންޒާރު" ގެ މޭރުމަކުން ދައްކާފައިވާ އިރު، އެ އެޕަކީ ކުރިން މިއުޒިކަލީގެ ނަމުގައި އެމެރިކާ އިން ވުޖޫދަށް ގެނައި އެއްޗެކެވެ. އަދި ބައިޓްޑާންސުން މިއުޒިކަލީ އެއް ބިލިއަން ޑޮލަރަށް ގަތީ 2017 ގަ އެވެ. އޭގެ ފަހުން ޓިކްޓޮކާއި މިއުޒިކަލީ އެއްކޮށްލައި، ޓިކްޓޮކްގެ ނަމުގައި ރަސްމީކޮށް ހިންގަން ފެށީ އޮގަސްޓް 2، 2018 ގަ އެވެ.

ބައިޓްޑާންސުން މިއުޒިކަލީ ގަތް މައްސަލަ ވެސް އަލުން ބެލުމުގެ ވާހަކަ އެމެރިކާ އިން މިދިޔަ އަހަރު ވަރަށް ބޮޑަށް ދައްކާފައިވެ އެވެ.

ޓިކްޓޮކާއި ބައިޓްޑާންސާ ބެހޭ ގޮތުން އެމެރިކާ އިން މިހާރު ދައްކަމުންދާ ވާހަކަތަކަށް އަދި އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.