Roadha Mihaaru
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް

ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ހިންގަނީ ގަތުލްއާއްމެއް: އެމެރިކާ

20 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 20) - ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ކުރާ އުނދަގޫތަކުގައި ހިންގަމުން ދަނީ "ގަތުލްއާއްމެއް" ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 20) - ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ކުރާ އުނދަގޫތަކުގައި ހިންގަމުން ދަނީ "ގަތުލްއާއްމެއް" ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ރައީސްގެ މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑަންގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ވަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާ އިން ވަނީ ވީގޫރް މުސްލިމުންގެ އެއް މިލިއަން މީހުން ވޭތުވެދިޔަ ދުވަސްތަކުގައި "ބަންދު"ކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ތިބީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލް ކުރަނީ މިއީ ވީގޫރް މުސްލިމުންނާ ދެކޮޅަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް،" ޕޮމްޕެއޯ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އޭނާ މި ބަޔާން ނެރުއްވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ފަހު ދުވަހު އެވެ. ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ޗައިނާއާ ވަނީ ގުޅުން ގޯސްވެފަ އެވެ.

ޗައިނާގެ ޝިންޖިއަންގައި 2007 ވަނަ އަހަރުން ފެށިގެން އަންނަނީ އެތަނުގައި އުޅޭ ވީގޫރް ދަރިކޮޅުގެ މީހުންގެ އާދަކާދަ ދެމެހެއްޓުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ވީގޫރުން ނުވަތަ ތުރުކީ ނަސްލުގެ ޗައިނާ މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މަނާކޮށްފައިވަނީ އެ މީހުންގެ އާދަކާދަ އާއި ދީން އާންމުކޮށް ފާޅުވާ ގޮތަށް އުޅުން އެކަންޏެއް ނޫނެވެ. ސިއްރިއްޔާތުގައި ވެސް އެ މީހުންނަށް އެ ކަންކަން މަނަލެވެ. މިއީ ޗައިނާ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން ތަފާތު ޚިޔާލެއް ފާޅުކުރުން ބޮޑު ކުށަކަށް ވުމުގެ އިތުރުން ވީގޫރު ދަރިކޮޅުގެ މީހުންނަށް އަދަބު ލިބޭނެ ކަންކަމެވެ.

ވީގޫރު ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށި އަދި އަނިޔާވެރި ހަރަކާތްތަކެއް ފަށައި އެ މީހުން ހިފައި ހައްޔަރުކޮށްގެން ގެންގޮސް ގެންގުޅެން ފެށީ ޗައިނާ ސަރުކާރުން ބުނިހާ ގޮތަކަށް ހެދިގެން އުޅެންޖެހޭ އަނިޔާވެރި ކޭމްޕްތަކެއްގަ އެވެ. އެ ކޭމްޕްތައް ހެދުމުގެ މައިގަނޑު ބޭނުމަކަށް އޮތީ އެތަނުގައި ވީގޫރު މީހުން ހައްޔަރުކޮށް ސިކުނޑި ދޮވެލައި، ޗައިނާ ބޭނުންވާ ގޮތަށް ވިސްނުން ބަދަލުކުރުވުމެވެ. މި ބިރުވެރިކަމުގެ ތެރޭގައި ވީގޫރް މީހުން "ބަސް އަހައި ކިޔަމަންވީ" އެވެ. ދީނާއި ސަގާފަތާއި އާދަކާދަ ވަންހަނާކޮށް ހިމޭންވީ އެވެ.

ގިނަ ބައެއްގެ ލަފާކުރުންތަކުން ދައްކަނީ ޗައިނާ އިން ހަދައިގެން އުޅޭ ޑިޓެންޝަން ކޭމްޕްތަކުގައި ހައްޔަރުކުރި ޝިންޖިއަންގައި އުޅޭ ވީގޫރު ދަރިކޮޅު މީހުންނާއި އެހެން ނަސްލުތަކުގެ މުސްލިމުންގެ ތެރެއިން 10 ޕަސެންޓް މީހުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

ޝިންޖިއަންގެ ގަވަރުނަރުގެ ވާހަކައާ، އެ ތަނުގައި އޮތް ހަގީގަތާ މުޅިން ތަފާތެވެ. ގަވަރުނަރު ޝޮހްރަތު ޒާކިރް ޑިސެމްބަރު މަހު ވިދާޅުވެފައިވަނީ ކޭމްޕްތަކުގައި "ހުރިހާ ޓްރެއިނީން ކިޔެވުން ފުރިހަމަކޮށްފި" ކަމަށެވެ. އަދި މި އެންމެން މިހާރު ވަނީ މުޖުތަމައުއާ ގުޅިފައި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ސެޓެލައިޓް ފޮޓޯތަކުން ލިބެނީ މި ވާހަކަތާ ދިމާ އިދިކޮޅު ހެއްކެވެ. އެތައް ބައިވަރު ކޭމްޕްތަކެއްގެ ސައިޒު ދަނީ އަދިވެސް ބޮޑުކުރަމުންނެވެ.