Roadha Mihaaru
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ

ޗައިނާއިން ވީގޫރް އިލްމުވެރިންނާއި އިމާމުން ހައްޔަރުކޮށް ބޮޑެތި އަދަބު

14 މެއި 2021

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތަކުގައި އިމާމުންނާއި ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރަމުންދާ ކަމަށް އިންސާނީ ހައްގުތަކަަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތަކުގައި އިމާމުންނާއި ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރަމުންދާ ކަމަށް އިންސާނީ ހައްގުތަކަަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.

ވީގޫރް މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ޗައިނާ ސަރުކާރުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހައިތަނަށް 630 އިމާމަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން 18 ބޭފުޅަކު ވަނީ ހައްޔަރުކުރުމާ އެކު ނުވަތަ ހައްޔަރުކުރިތާ ދުވަސްކޮޅެއް ފަހުން އަވަހަރާވެފަ އެވެ.

ވީގޫރް މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ "ދަ ވީގޫރް ހިއުމަންރައިޓްސް ޕްރޮޖެކްޓް" (ޔޫއެޗްއާރްޕީ އިން ކުރި އެ ސާވޭގެ ނަތީޖާ ވަނީ ބީބީސީއާ ހިއްސާކޮށްފަ އެވެ.

އިމާމުންނާއި ދީނީ އިލްމުވެރިން ހައްޔަރުކުރަށް ފަހު ޗައިނާ ސަރުކާރުން ގެންދަނީ އެ މީހުންނާ ދެކޮޅަށް ބޮޑެތި ދައުވާތައް ކުރަމުންނެވެ. އެގޮތުން އުފުލާ ދައުވާ ތަކުގެ ތެރޭގައި "ހައްދުފަހައެޅުމަށް ގޮވައިލުމުގެ ކުށުގެ ދައުވާ" އާއި "ހަމަޖެހުން ނަގައިލަން މީހުން އެއްކުރުމުގެ ކުށުގެ ދައުވާ" ހިމެނެ އެވެ.

ޔޫއެޗްއާރްޕީން ވަނީ ވީގޫރް މީހުންގެ އިމާމުންނާއި ދީނީ އިލްމުވެރިން ހިމެނޭ ގޮތުން 1،046 ބޭފުޅަކަށް ވީ ނުވީ ބަލައިފަ އެވެ. އެބޭފުޅުންނާ ބެހޭ މައުލޫމާތު އެއްކުރީ އާއިލާތަކުން ދިން މައުލޫމާތާއި ކޯޓުތަކުގެ ލިޔެކިއުންތަކާއި އާއްމުންގެ ހެކިބަހުންނެވެ.

ހަައްޔަރުކުރި 630 ބޭފުޅުންގެ ތެރެއިން މީހުން ހައްޔަރުކުރާ ކޭމްޕްތަކަށް ފޮނުވާފައި ވަނީ 304 ބޭފުޅެކެވެ. ވީގޫރް މުސްލިމުންނަށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާއެއް ދޭ އެ ކޭމްޕްތަކަށް ޗައިނާ ސަރުކާރުން ކިޔަނީ "ރީ އެޑިއުކޭޝަން ކޭމްޕް"ތަކެވެ. މީގެ ކުރިން ބައިނަލްއަގުވާމީ އެކިކި އެޖެންސީތަކުން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެތަންތަނުގައި ކުރާ ކަމަކީ އިސްލާމްދީނުން މީހުން ބޭރުކުރުމަށް އަނިޔާކުރުމެވެ.

އެ ކޭމްޕްތަކުގައި ވީގޫރް ނަސްލުގެ އާންމުންގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ވެސް ހައްޔަރުކޮށްްފައި ވެ އެވެ.

ޔޫއެޗްއާރްޕީން އެއްކޮށްފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި ކޭމްޕްތަކަށް ގެންދިޔަ ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އިއްވާފައި ވަނީ ވަރަށް ބޮޑެތި ހުކުމްތަކެވެ. އޭގެ ތެރެއިން 96 ޕަސެންޓް ބޭފުޅުންނަށް އިއްވާފައި ވަނީ ފަސް އަހަރަށް ވުރެ ދިގު ޖަލުހުކުމްތަކެވެ. އަދި 26 ޕަސެންޓް ބޭފުޅުންނަށް 14 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވި އިރު 14 ބޭފުޅަކަށް އިއްވާފައި ވަނީ އުުމުރުދުވަހުގެ ޖަލު ހުކުމެވެ.

ދިރާސާއަށްް ބޭނުންކުރީ ވީގޫރް އެކްޓިވިސްޓެއް ކަމަށްވާ އަބްދުލް ވާލީ އައްޔޫބް އެއްކޮށްްފައިވާ ޑާޓާބޭސްއަކާއި ވީގޫރް ޓްރާންސިޝަނަލް ޖަސްޓިސްގެ ޑާޓާ ބޭސް އެކެވެ. ބީބީސީ ބުނީ ޔޫއެޗްއާރްޕީގެ ދިރާސާގައި ބޭނުންކޮށްފައި ވަނީ އެ ދެޑާޓާބޭސްގައިވާ މައުލޫމާތުގެ ތެރެއިން އަދި ކުޑަ މިންވަރެއް ކަަމަށެވެ. އެހެންވީމާ އެ ދިރާސާގައި މައުލޫމާތު ހިމަނާފައިވާ 630 އިމާމުންނާއި ދީނީ އިލްމުވެރިންނަކީ އަދި ޗަައިނާއިން ހައްޔަރުކުރި ބޭފުޅުންގެ ތެރެއިން މަދު އަދެކެވެ.

ދީނަށް އުޅުމަކީ ހައްދުފަހަނަ އެޅުން ކަމަށް ބަލާ

އާބިދީން އައްޔޫބް، 88، ޗައިނާއިން ހައްޔަރުކޮށްފައިވާ ދީނީ އިމްމުވެރިއެއް. ފޮޓޯ:ބީބީސީ

އާބިދީން އައްޔޫބް، 88، ޗައިނާއިން ހައްޔަރުކޮށްފައިވާ ދީނީ އިމްމުވެރިއެއް. ފޮޓޯ:ބީބީސީ

ޗައިނާއިން ވަނީ ޝިންޖިއާން ސަރަހައްދުގައި އުޅޭ މުސްލިމުންގެ ތެރެއިން މިލިޔަނަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައި ތިބީ "ރީއެޑިއުކޭޝަން ކޭމްޕް"ތަކުގެ ނަމުގައި ހަދާފައިވާ ކޭމްޕްތަކުގަ އެވެ. އެކަމަކު ބައެއް މީހުންނަށް މުއްދަތްތައް ވެސް ކަނޑައަޅާފައި ވެ އެވެ.

ޝިންޖިއާން ސަރަަހައްދަކީ ތުރުކީ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން އުޅޭ ސަރަހައްދެކެވެ.

މީހުން ހައްޔަރުކުރުމަށް ޗައިނާ ސަރުކާރުން ނެރެފައިވާ މާގިނަ ލިޔެކިއުންތަކެއް އާއްމުކޮށްް ލިބޭކަށް ނެތެވެ. އެކަމަކު ލިބެންހުރި ލިޔެކިއުންތަކުން އެނގޭ ގޮތުގައި "ހައްދުފަހަަނަ އެޅުމުގެ ކުށް" ކަމަށް ޗައިނާއިން ހަދައިގެން އުޅެނީ އިސްލާމްދީނަށް އުޅުމެވެ.

ޝިންޖިއާގެ ގަބާ ނަަމަކަށް ކިޔާ ރަށުން ހައްޔަރު ކުރި، ކަޒަކް ދަރިކޮޅުގެ އިމާމެއް ކަމަށްވާ އޮކެން މެހްމެޓް 51 ހައްޔަރުކުރަން ޗައިނާ ސަރުކާރުން ނެރުނު ނޯޓިސް ގައި އޭނާގެ ކުށެއް ކަަމަށް ޖަހާފައި އޮތީ "ހައްދުފަހަނައެޅުމަށް ގޮވައިލު"މެވެ. އެކަމަކު އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ ހައްުޔަރުކުރީ އިމާމްވެ ހުކުރުކުރާތީ އާއި ކަައިވެނިކޮށްދޭތީ އެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖެހި ލިޔެކިއުންތަކުގައި ކުށެއް ކަމަށް ލިޔެފައި އޮތީ ކައިވެނިކޮށްދިނުމާއި ތައުލީމު ދިނުމާއި އާއްމު ހިންގުމާ ބެހޭ ގައުމީ ގާނޫނުތަކާ ހިލާފުވުމެވެ. އަދި ހައްދުފަހަނައެޅުމަށް ގޮވައިލަން ބޭނުންކުރެވޭނެ އައިޓަމްތައް އުފައްދައި ގެންގުޅުނު ކަމަށް ވެސް އެ ލިޔެކިއުންތަކުގަައި އޮވެ އެވެ.

އޭނާއަށް އިއްވީ އަށް ހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލުހުކުމެއް ކަމަށް ރިޕޯޓްކޮށްފައި ވެ އެވެ.

އުމުރުން 88 އަހަރު ވެފައިވާ އާބިދީން އައްޔޫބް ހައްޔަރުކުރީ ކީއްވެކަން ލަފާކޮށްލަން އެނގޭ ލިޔެކިއުމަކަށް އޮތީ އޭނާއަށް ޒިޔާރަތްކުުރުމުގެ ފުރުސަތު އޭނާގެ ދަރިއަކަށް ދިނުމުން ހުކުމެއް އައި، ހާން ޗައިނީޒް އޮފިޝަލެއްގެ ލިޔެކިއުންތަކުންނެވެ. އެ ލިޔެކިއުންތަކުގައި އޮތީ އައްޔޫބަކީ ރިލިޖަސް އެކްސްޓްރީމިސްޓެއް ކަމަށެވެ. އައްޔޫބް ބަންދުކޮށްފައި އޮތީ "ހޮސްޕިޓަލް ޑިޓެންޝަން ފެސިޓީއެއް" ގައި ކަމަށް ޗައިނާ ސަަރުކާރުން ބުނެ އެވެ.

އައްޔޫބަކީ އޭނާ ދިރިއުޅުއްވި އަޓޫޝް ސިޓީގައި މަޝްހޫރު ދީނީ އިލްމުވެރި އެކެވެ.

އޭނާއަށް ބޮޑުބޭބެ ކިޔާ މަރިޔަމް މުހައްމަދު ބީބީސީއަށްް ބުނެފައިވާ ގޮތުގައި އައްޔޫބަކީ އިލްމުވެރި، ދީލަތި އަދި ސަގާފަތް ހިފަހައްޓަވާ ބޭފުޅެކެވެ. އޭނާ އަކީ ހަމަ އެކަނި ދީނީ ތައުލީމުގެ ބަދަލުގައި ސްކޫލްތަކުން ދޭ ދުންޔަވީ ތައުލީމު ހޯދުމަށް ވެސް ދަރިވަރުންނަށް ބާރު އަޅުއްވާ އިލްމުވެރި އެކެވެ.

މަރިޔަމް މުހައްމަދު ބީބީސީއަށް މައުލޫމާތު ދިނީ އެމެރިކާއަށް ހިޖުރަކުރުމަށް ފަހުގަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އައްޔޫބްގެ މުޅި އާއިލާ ވެސް ޗައިނާއިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.