Roadha Mihaaru
އެންމެ ބޮޑު އުގޫބާތު އޮތީ ބިމުގައި ފަސާދަކުރާމީހުންނަށް

ދުނިޔެމަތީގައި އެންމެ ބޮޑު އުގޫބާތު އޮތީ ބިމުގައި ފަސާދަކުރާ މީހުންނަށް! އިސްމީހުންގެ ޒިންމާ ބޮޑު

22 ޖުލައި 2022

ބިމުގައި ފަސާދަކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ދުނިޔެމަތީގައި ދެވޭ އެންމެ ވަރުގަދަ އުގޫބާތުތައް ކަނޑައެޅިފައި ވަނީ އެ ޖަރީމާ އަށެވެ. ބިމުގައި ފަސާދަ ކުރުމޭ ބުނާ ބަހުގެ މާނައަކީ މުޖުތަމައުތައް އިސްލާހު ކުރުމުގެ ބަދަލުގައި ފާސިދު އެންމެހައި އަމަލުތައް މުޖުތަމައުގައި ފަތުރައި އެފަދަ ކަންކަން ކުރިއަރުވަން މަސައްކަތް ކުރުމެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ބިމުގައި ފަސާދަކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ދުނިޔެމަތީގައި ދެވޭ އެންމެ ވަރުގަދަ އުގޫބާތުތައް ކަނޑައެޅިފައި ވަނީ އެ ޖަރީމާ އަށެވެ. ބިމުގައި ފަސާދަ ކުރުމޭ ބުނާ ބަހުގެ މާނައަކީ މުޖުތަމައުތައް އިސްލާހު ކުރުމުގެ ބަދަލުގައި ފާސިދު އެންމެހައި އަމަލުތައް މުޖުތަމައުގައި ފަތުރައި އެފަދަ ކަންކަން ކުރިއަރުވަން މަސައްކަތް ކުރުމެވެ.

އެ ނުރައްކާތެރި އަމަލުން ދުރުހެލިވުމަށްޓަކައި މާތްﷲ އަންގަވަނީ، ބިން އިސްލާހު ކުރެއްވުމަށް ފަހު މީސްތަކުން އެ ބިމުގައި ފަސާދަ ނުކުރުމަށެވެ. (އަލްއައުރާފު 56، އައްޝުއަރާއު 151). ނަމަވެސް އިންސާނާގެ ތަބީއަތަކީ އޭނާ އަމިއްލަ އަށް ފުދިގެންފި ކަމަށް ފެނުމާ އެކު އަނިޔާވެރިކަމުގައި ހައްދުފަހަނަޅައި ދިއުން ކަމަށް ވާތީ ބިމުގައި ފަސާދަ އުފައްދަ އެވެ.

ބިމުގައި ފަސާދަ ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން

އިސްލާމީ ނަޒަރުން ބަލާއިރު ބިމުގައި ފަސާދަ އުފެއްދުމުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ކަމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާ އިދިކޮޅަށް ބަސްބުނެ އަމަލުތައް ހިންގުމެވެ. މިގޮތުން އިސްލާމީ ޝަރީޢަތާ އިދިކޮޅު ހަދައި އެ އަށް މަލާމާތް ކޮށް، އެ ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ޝަރީއަތް އިހުމާލުކޮށް، އެ އަށް އަމަލު ކުރުމުން ދުރުހެލިވެ އެއީ ޒަމާނަށް ނުފެތޭ އެއްޗެއް ކަމަށް ދައުވާ ކުރުމެވެ. ބިން ފަސާދަކުރާ މީހުންނަށް ދުނިޔެމަތީގައިވާ އުގޫބާތުގެ ވާހަކަ ބަޔާން ކުރާ އާޔަތުގައި މިފަދައިން ބިން ފަސާދަކޮށް އުޅޭ މީހުންގެ ވާހަކަ ބަޔާން ކުރެވިފައިވެ އެވެ. ރަސޫލުން ދޮގުކުރުމާއި ހައްގު އައުމަށް ފަހު އެއީ ތެދުކަން ޔަގީންވާ އިރު ވެސް އަނިޔާވެރިކަމާއި ބޮޑާވެގަތުމުގެ ގޮތުން އެ އަށް އިންކާރު ކުރާ މީހުންގެ ވާހަކަ އައްނަމްލު 14 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ.

ބިމުގައި ފަސާދަކުރާ މީހުންނަކީ ކޮބައިކަން ތަފްސީރު އިލްމުވެރިން ބަޔާންކުރާއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ހިރާބާގެ ކުށްކުރާ މީހުންނެވެ. ހިރާބާގެ ތެރޭގައި ހިމެނޭ ކަންކަމަކީ ގޭންގު ހަދައިގެން މީހުންނަށް ބިރުދެއްކުމާއި މީހުން މެރުމާއި މުދާ އަތުލުމާއި އިއްފަތްތެރިކަން ފޭރިގަތުމާއި ވައްކަން ކުރުމާއި ރަހީނުކޮށްގެން މުދަލަށް ނުވަތަ ކަމަކަށް އެދުމާއި ދަނޑުފަގު ހަލާކު ކުރުން ފަދަ މަގުފޭރުމުގެ އަމަލުތަކެވެ. ނަމަވެސް އެ ޢަމަލުތައް ފިޔަވައި އެހެން ކަންކަން ވެސް ބިން ފަސާދަ ކުރުމުގެ ތެރޭގައި ހިމެނޭކަން ޤުރުއާނާއި ސުންނަތުން އެނގެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ﷲ އަށް ޝަރީކު ކޮށް އެކަން ފަތުރަން އުޅުމެވެ. އެ ކަމުގައި ދެ ފަސާދައެއް އެކުލެވެ އެވެ. އެއް ފަސާދަ އަކީ (ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް) ކާފިރުވުމެވެ. އަނެއް ފަސާދަ އަކީ މާތްﷲ ގެ މަގުން (އެހެން މީހުން) އެއްކިބާ ކުރުމެވެ. (އައްނަހްލު 88). މުނާފިގު ކަމަކީ ވެސް ބިން ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްބަޤަރާ 11-12)

ވެރިކަމެއް ލިބުމުން ރަށްރަށް ސުންނާފަތިކޮށް، ފަސާދަކޮށް އެ ތަނުގެ އިއްޒަތްތެރިން ނިކަމެތިން ކަމުގައި ހެދުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އައްނަމްލު 34). އަދި މިގޮތުން މީސްތަކުންނަށް ތިމާގެ ހުރި ނުލަފާކަން ދެއްކުމާއި ބޮޑާވެގަތުމަކީ ވެސް ބިން ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފިރުއައުނާއި ގާރޫނަކީ އޭގެ މިސާލުތަކެވެ.

ބިމުގައި ފަސާދަކުރުމުގެ ތެރޭގައި ދެން ހިމެނޭ ކަންކަމަކީ ނާޖާއިޒު ފައިދާ ނަގައިގެން ވަކި މީހެއްގެ ނުވަތަ ބައެއްގެ މަސްލަހަތަށްޓަކައި އެކަށީގެން ނުވާ މީހުންނަށް މަގާމުތައް ދިނުމެވެ. އަދި މީސްތަކުންނަށް އަނިޔާވެރިވެ، އެ މީހުންނަށް ލިބޭ ނިއުމަތްތަކުން މަހުރޫމު ކުރުވަން މަސައްކަތް ކުރުމެވެ.

މީގެ އިތުރުން ޓެކުމާއި ހިޔާނަތާއި ރިޝްވަތާއި މިނެކިރުމުގައި މަކަރު ހެދުން ފަދަ ހުއްދަ ނޫން މާލީ މަންފާތައް ހޯދުމާއި މިފަދަ ކަންކަން އާންމު ކުރަން މަސައްކަތް ކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެފަދަ ކަންކަން މަނާ ކުރުމަށް އިސްލާމް ދީނުގައި ވަރަށް ގިނަ ނައްސުތައް އައިސްފައި ވެ އެވެ. އަދި އެފަދަ ގޮތްގޮތުން ބިމުގައި ފަސާދަ ނުކުރުމަށް ޝުއައިބުގެފާނު ވެސް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެލެއްވި އެވެ. (އަލްއައުރާފު 85).

ބިމުގައި ފަސާދަކުރުމުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަމަކީ، އަހުދުތައް ކުރުމަށް ފަހު، އެ އަށް ވަފާތެރިނުވެ، އުވާލުމާއި ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރު ކުރެއްވި ރަހިމުގެ ގުޅުން ކަނޑާލުމެވެ. އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. (އަލްބަގަރާ 27). އަދި ކުށްކުރުމުގައި ދެމިހުރުމާއި ނުބައި ކަންކަމުގައި ހައްދު ފަހަނަޅައި ދިއުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެހެންވެ، ﷲ ދެއްވި ރިޒުގުން ކައިބޮއެ އުޅުމަށާއި ފާސިދުން ކަމުގައިވެ ތިބެ ބިމުގައި ފަސާދަ ނުކުރުމަށް މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވި އެވެ. (އަލްބަގަރާ 60). އަދި ހަމަ އެފަދައިން، ޔަހޫދީންގެ ހާއްސަ ސިފައެއް ކަމުގައިވާ މީސްތަކުންގެ މެދުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްމާއިދާ 64).

މި ފާހަގަކުރި ކަންކަން ނޫނަސް ޖުމުލަކޮށް އަހުލާގީ ކުށްތައް ފަތުރައި އާންމު ކުރުމަކީ ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އޭގެ ތެރޭގައި ޒިނޭކުރުމާއި ރާބުއިމާއި ޖުވާކުޅުމާއި ޖާހިލިއްޔަތުގެ ޒީނަތުން ޒީނަތްތެރިވުން ފަދަ ފާހިޝް އެންމެހައި އަމަލުތައް އާންމު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ބިން އިސްލާހު ކުރަން މަސައްކަތް ކުރާ މީހުންގެ ބަސް އަޑުއެހިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމާއެކު އެފަދަ މުސްލިހުންގެ އަގުވައްޓާލަން މަކަރުވެރި ރޭވުންތައް ރާވައިގެންނާއި އެ ނޫން ގޮތްގޮތުން ވިއަސް މަސައްކަތް ކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ބިމުގައި ފަސާދަ ކުރުމުގެ ނުބައިކަން

ބިމުގައި ފަސާދަ ކުރުމަކީ އޭގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެގެންދާނެ އަދި އޭގެ ނުބައި ރަހަ ދުނިޔެމަތީގައި ލިބިދާނެ ނުރައްކާތެރި ކަމެކެވެ. (އައްރޫމް 41). އަދި އެ ކަމަކީ އެންމެ ވަރުގަދަ ދުނިޔަވީ އުގޫބާތް އޮތް ޖަރީމާ އެވެ.

އެއީ ގަތުލު ކުރުން ނުވަތަ ސަލީބަށް އެރުވުން ނުވަތަ އަތްފައި ތަފާތުވާ ގޮތުން ބުރިކުރުން ނުވަތަ އަރުވާލުމެވެ. ނުވަތަ އެ ހުރިހާ ކަމެއް އެކީ ނުވަތަ އެ އިން ބައެއް ކަންކަން އެކީ ކުރުމެވެ. (އަލްމާއިދަތު 33). މީގެ އިތުރުން އާހިރަތުގައި އެ މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ހުއްޓެވެ. އަދި ލައުނަތާއި އާހިރަތުގައި ނުބައިވެގެންވާ ގޮވަތި އެ މީހުންނަށް ވެ އެވެ. (އައްރައުދު 25). އެއީ އަދުލުވެރި ނިޔާ އެކެވެ. އެހެނީ ސާލިހު އަމަލުކޮށް، ބިން އިސްލާހު ކުރާ މީހުންނާއި ބިމުގައި ފަސާދަ އުފައްދާ މީހުންނާ އެއްވަރު ނުކުރެވޭނެތީ އެވެ. އަދި ތަގުވާވެރިންނާއި ފާޖިރުން ވެސް އެއްވަރު ނުކުރެވޭނެތީ އެވެ. (ސާދު 28).

މުޖުތަމައު އިސްލާހު ކުރަން މަސައްކަތް ކުރުން

ބިމުގައި ފަސާދަކުރުމުގެ އަމަލުތަކުން މުޖުތަމައު ފަސާދަވެގެންދާ ހިނދު ކަމުވޮށިގެންވާ މީހުން މަޑުން ނުތިބެ އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެކަން ހޫދު ސޫރަތުގެ 116 ވަނަ އާޔަތުން އެނގެ އެވެ. އަދި މިފަދަ ހާލަތުގައި އެކަމާ އަޅާނުލުމަކީ ނަވެއްގެ އަޑީބައިގައި ތިބޭ ބަޔަކު ފެން ނަގަން ނަވުގެ މައްޗަށް އެރުމުގެ ބަދަލުގައި ނަވުން ބާގަނޑެއް ހަދައިގެން ފެން ނަގަން މަސައްކަތް ކުރަން އުޅުމުން މަތީގައި ތިބި މީހުން އެކަމާ އަޅާނުލައި ދޫކޮށްލުން ފަދަ ކަމެއް ކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. ވީމާ ހިކުމަތްތެރި ގޮތުގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ބިން އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އެ ގޮތުން ނަސޭހަތާއި ވައުޒު ދޭން ޖެހެ އެވެ. (އަލްގަސަސް 77) އެ އަމަލުތަކަށް ނުރުހޭކަން ފާޅުކުރަން ޖެހެ އެވެ. (އަލްއަންއާމް 68) ފާސިދުންގެ މަކަރުވެރި ރޭވުންތަކާ މެދު މީސްތަކުން ހޭލުންތެރި ކުރުވަން ޖެހެ އެވެ. އިތުރު ފަސާދައަކަށް މަގުފަހިނުވާ ފަދަ އެހެން ވަސީލަތްތައް ބޭނުން ކުރަން ޖެހެ އެވެ. އެ ހުރިހާ ކަމަކާ އެކު ﷲ ގެ ހަޒްރަތުން އެ ކަމަށް ވާގިވެރިކަން އެދެން ޖެހެ އެވެ. (އަލްއަންކަބޫތު 30). އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި ހިރާބާގެ އުގޫބާތް ތަންފީޒު ކުރަން ޖެހެ އެވެ.