Roadha Mihaaru
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ

ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ހިންގާ ރޭޕާ މެދު ކަންބޮޑުވުން

06 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 6) - ޗައިނާގައި ވީގޫރު ދަރިކޮޅުގެ މުސްލިމުން ބަންދުކޮށްގެން، ގެންގުޅޭ ކޭމްޕްތަކުގައި ރޭޕްކުރާ ކަމަށް ބީބީސީން ހާމަކުރި ރިޕޯޓާ މެދު ވަރަށް ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ފެބްރުއަރީ 6) - ޗައިނާގައި ވީގޫރު ދަރިކޮޅުގެ މުސްލިމުން ބަންދުކޮށްގެން، ގެންގުޅޭ ކޭމްޕްތަކުގައި ރޭޕްކުރާ ކަމަށް ބީބީސީން ހާމަކުރި ރިޕޯޓާ މެދު ވަރަށް ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އިނގިރޭސި ސަރުކާރުގެ މިނިސްޓަރު ނައިޖެލް އެޑަމްސް ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޕޯޓުން ސާފުކޮށް އެނގޭ ގޮތުގައި ޗައިނާ އިން ހިންގަނީ "ވަރަށް ނުބައި އަމަލުތަކެއް" ކަމަށެވެ.

އެސްޓިމޭޓްތަކުން ދައްކާ ގޮތުގައި ވީގޫރު ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ޗައިނާ އިން ވަނީ ކޭމްޕްތަކުގައި ބަންދުކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ގެންގުޅެނީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކެއްގައި ކަމަށެވެ.

ބީބީސީން ބުދަ ދުވަހު ހާމަކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މުސްލިމުން ތިބޭ ކޭމްޕްތަކުގައި ފުލުހުންނާއި ގާޑުން ދަނީ ރާވައިގެން މުސްލިމް އަންހެނުން ރޭޕްކޮށް ޖިންސީ އަނިޔާތައް ދެމުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބީބީސީގެ ރިޕޯޓް ދޮގުކޮށްފަ އެވެ. ތަރުޖަމާން ވޭންގް ވެންބިން ވިދާޅުވީ ޗައިނާގެ އެއްވެސް ކޭމްޕެއްގައި އަންހެނުންނާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށާއި ޗައިނާ އިން އެ ކޭމްޕްތައް އޮޕަރޭޓް ކުރަނީ އިންސާނީ ހައްގުތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

"ޗައިނާ އަކީ ގާނޫނާ އެއްގޮތަށް ހިންގާ ގައުމެއް. ޗައިނާގެ ގާނޫނު އަސާސީން އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ،" އޭނާ ވިދާޅުވި އެވެ.

ބީބީސީގެ ރިޕޯޓަށް މައުލޫމާތު ދިން މީހުން ކިޔައިދީފައިވާ ގޮތުގައި ޝިންޖިއާން ސަރަހައްދުގެ ކޭމްޕްތަކުގައި ބަންދުކޮށްފައިވާ ވީގޫރު މުސްލިމް އަންހެނުންނަށް ޖިންސީ ބޮޑެތި އަނިޔާތައް ދަނީ ދެމުންނެވެ. އެއް އަންހެނަކު ބުނި ގޮތުގައި ކޮންމެ ރެއަކު އޭނާ އޮންނަ ގޮޅިން ނެރުމަށް ފަހު ދެ މީހަކު ނުވަތަ ތިން މީހުން ވެގެން އޭނާ ރޭޕްކުރެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެއްކާ އެކު ބީބީސީން ނެރުނު ރިޕޯޓާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވިދާޅުވީ މުސްލިމުން ބަންދުކޮށްގެން އުޅޭ ކޭމްޕްތަކަށް އދ. އިން ވަގުތުން ޒިޔާރަތް ކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.