Roadha Mihaaru
ޓިކްޓޮކްގެ ހެޑްކުއާޓަރު ވެސް ދާނެ ދިމާލެއް ނޭނގޭ

ޓިކްޓޮކްގެ ހެޑްކުއާޓަރު ވެސް ދާނެ ދިމާލެއް ނޭނގޭ

21 ޖުލައި 2020

ޗައިނާގެ ބައިޓްޑާންސްގެ ދަށުން ހިންގާ މަޝްހޫރު ޓިކްޓޮކް އެޕްގެ ހެޑްކްއާޓަރު އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކުރަަން ނިންމާފައި ވިޔަސް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތަކާ ހެދި ލަންޑަނުގައި ހެޑްއާޓަރު ހެދުމުގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެދިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ބައިޓްޑާންސްގެ ދަށުން ހިންގާ މަޝްހޫރު ޓިކްޓޮކް އެޕްގެ ހެޑްކްއާޓަރު އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކުރަަން ނިންމާފައި ވިޔަސް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތަކާ ހެދި ލަންޑަނުގައި ހެޑްއާޓަރު ހެދުމުގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެދިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

ބައިޓްޑާންސުން ބުނެފައިވާ ގޮތުގައި ހެޑްކުއާޓަރު ލަންޑަނަށް ބަދަލުކުރުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ އެކު މަޝްވަރާ ވެސް ކޮށްފައިވެ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނާގޮތުގައި ހެޑްކްއާޓަރު ލަންޑަނަށް ބަދަލުކުރުން ސުވާލުމާކެއްގެ ތެރެއަށް ދިޔައީ ވާވޭގެ މައްސަލާގައި ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު އަރައިރުންތަކެއް އުފެދިފައި ވަނިކޮށެވެ. އެ ގައުމުގެ 5ޖީ ނެޓްވޯކް ގާއިމުކުރަން ޗައިނާގެ ވާވޭއާ ހަވާލުކުރަން ނިންމި ނިންމުން އިނގިރޭސިވިލާތުން ވަނީ ބާތިލްކޮށްފަ އެވެ. އަދި މިކަމުގެ އަޑީގައި އެމެރިކާގެ އަތެއްވާ ކަމަށް ޗައިނާ އިން ދެކެ އެވެ.

ނަމަވެސް ބައިޓްޑާންސުން ބުނަނީ ޓިކްޓޮކްގެ ހެޑްކުއާޓަރު ލަންޑަނަށް ގެނައުމަށް ކުރާ މަސައްކަތަށް އަދި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެހެންވެ އަހަރެމެން އުންމީދުކޮށްގެން މިތިބީ ޕްލޭންކޮށްފައި ގޮތަށް މިކަން ކުރިއަށް ދާނެ ކަމަށް. މި މަސައްކަތުގައި އަހަރެމެންގެ ކޮމިޓްމަންޓް ވަރަށް ބޮޑު." ކުންފުނީގެ ތަރުޖަމާނު ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން އިނގިރޭސި ޑިޕާޓްމަންޓް ފޮ އިންޓަނެޝަނަލް ޓްރޭޑް (ޑީއައިޓީ) ގެ ތަރުޖަމާނު ވިދާޅުވީ ޓިކްޓޮކްގެ ހެޑްކުއާޓަރު ލަންޑަނަށް ބަދަލުކުރަން ބައިޓްޑާންސުން ބޭނުން ވަނީ ވިޔަފާރީގެ ނަޒަރަކުން ގެންނަން ނިންމާފައި އޮތް ބަދަލަކަށް ކަމަށެވެ.

އެމެރިކާ އިން ޓިކްޓޮކަށް ކުރިމަތިކުރަމުންދާ ޕްރެޝަރުތަކުގެ ތެރޭގައި މިހާރު ބުނަނަނީ އެ އެޕް އެމެރިކާގައި މަނާނުކުރަން އެދޭ ނަމަ އޮތް ހައްލަކީ ބައިޓްޑާންސާ ވަކިވެ، ޓިކްޓޮކް އެމެރިކާގެ ކުންފުންޏެއްގެ ގޮތުގައި ހިންގުން ކަމަށެވެ. އެމެރިކާ އިން ވަނީ ދާދި ފަހުން ޓިކްޓޮކް މަނާކޮށްފާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އަދި އެ ގައުމުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާ އިން ޖާސޫސްކުރަން ގެންގުޅޭ ހަތިޔާރެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި މިކަމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ޓިކްޓޮކްގެ ހެޑްކުއާޓަރު ޗައިނާ އިން އިނގިރޭސިވިލާތަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ފަށާފައި މި ވަނީ ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމާ އެމެރިކާ މީހަކު މިދިޔަ މަހު ހަވާލުވެފައި ވަނިކޮށެވެ. އެއީ ކުރިން ޑިޒްނީގައި މަސައްކަތްކުރި ކެވިން މޭޔާ އެވެ.

ޓިކްޓޮކަށް މިހާރު ކުރިމަތިލާން ޖެހިފައިވާ މައްސަލަތައް މަދެއް ނޫނެވެ. އެއް ކަމަކީ އެ އެޕްގެ އެންމެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި ވެސް މިދިޔަ މަހު އެޕް މަނާކުރުމެވެ. ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާގައި މަނާކޮށްފައިވެ އެވެ.

ޚަބަރުތައް ބުނާގޮތުން އިންޑިއާ އިން މިހާރު ދަނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ޓިކްޓޮކަށް ފިއްތުންތައް ކުރިމަތިކުރަން ބާރު އަޅަމުންނެވެ.