Roadha Mihaaru
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ

ބްރިޓިޝް އެއާވޭޒް އިން ބޮއިން 747 މަރުކާގެ ބޯޓުތައް ދޫކޮށްލަނީ

18 ޖުލައި 2020

ކޮރޯނާވައިރަހުގެ ސަބަބުން އިނގިރޭސި ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒް (ބީއޭ) ގެ ދަތުރުތައް ހުއްޓި ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ބޮއިން 747 މަރުކާގެ މަތިންދާބޯޓްތައް ބޭނުންކުރުން ހުއްޓައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ސަބަބުން އިނގިރޭސި ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒް (ބީއޭ) ގެ ދަތުރުތައް ހުއްޓި ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ބޮއިން 747 މަރުކާގެ މަތިންދާބޯޓްތައް ބޭނުންކުރުން ހުއްޓައިލަން ނިންމައިފި އެވެ.

ބީއޭ އިން ކުރިން ނިންމާފައި އޮތީ އެ މަރުކާގެ ބޯޓްތައް ބޭނުންކުރުން 2024 ގައި ހުއްޓައިލާށެވެ. ނަމަވެސް އަލުން ދަތުރުތައް ފަށާއިރު ބޮއިން 747-400 މަރުކާގެ ބޯޓްތައް ބޭނުން ނުކުރަން ނިންމީ މިއީ ވަރަށް ޒަމާންވީ މުސްކުޅި މޮޑެލްއަކަށްވެފައި، އެ މޮޑެލްގެ ބޯޓްތަކުގައި ދަތުރުކުރަން ފަސިންޖަރުން ވެސް މިހާރު އެހާ ގަޔާނުވާތީ އެވެ.

ބީއޭގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ފްލީޓްގައި ހިމެނޭ ބޮއިން 747ގެ ބޯޓްތައް ބޭނުންކުރުން ހުއްޓައިލުމަށް ފަހު، އެ އެއާލައިންގެ އަމާޒަކީ އެއާބަސް އޭ350 އާއި 787 ޑްރީމްލައިނާ ނުވަތަ ބޮއިން 777ގެ މަރުކާގެ ބޯޓުތައް ބޭނުންކުރުމެވެ.

އިންޓަނޭޝަނަލް އެއާލައިންސް ގްރޫޕް (އައިއޭޖީ) ގެ ދަށުން ހިންގާ ބީއޭގެ ފްލީޓްގައި ހިމެނޭ މަތިންދާބޯޓްގެ 10 ޕަސެންޓަކީ މި ވަގުތު ބޮއިން 474 އެވެ. އެއީ 31 ބޯޓެވެ. އަދި ބީއޭ އަކީ ޖަމްބޯ ޖެޓް އޮޕަރޭޓްކުރާ އެންމެ ދުވަސްވީ އެއާލައިން ވެސް މެ އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި އެ މަރުކާގެ ބޯޓުތައް ބޭނުންކުރުން އެއްކޮށް ހުއްޓައިލުމެވެ.

"ހިތާމައާ އެކު ނަމަވެސް ކަށަވަރުކޮށްދޭން އޮތް ކަމަކީ އަހަރެމެންގެ ފްލީޓްގައި ހިމެނޭ ބޮއިން 747 ބޭނުންކުރުން ހުއްޓައިލަން ނިންމި ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ބީއޭ އިން ބޮއެން 747 މަރުކާގެ ބޯޓްފަހަރު ބޭނުންކުރަން ފެށީ ހިދުމަތަށް ނުކުތުމާ އެކީގަ އެވެ. އެ އެއާލައިން ވުޖޫދަށް އައީ މާޗް 31، 1971 ގަ އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި އެ މަރުކާގެ ބޯޓްތައް ބޭނުންތައް ހުއްޓާލައި، އެ ނޫން މަރުކާގެ ބޯޓްތައް ބޭނުންކުރަން ފެށުމަކީ ހަރަދާއި އޮޕަރޭޝަނަށް ވެސް އިތުރު ލުއިތަކެއް އަންނާނެ ކަމަށެވެ. އެހެންވެ "އައުޓްޑޭޓެޑް" މަރުކާއެއް މި ޒަމާނަށް އެކަށީގެން ނުވާ ކަމަށާއި ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ތެލުގެ ހަރަދު ވެސް ކުޑަ، ތިމާވެއްޓާ ރައްޓެހި ޒާތުގެ ބޯޓް ކަމަށް ބުންޏެވެ.

ބީއޭ އިން ވަނީ 2050 ހަމައަށް ދާންވާއިރަށް ޒީރޯ-ކާބަން އެމިޝަނަށް ވެސް އަމާޒު ހިފައިފަ އެވެ. ދުނިޔޭގެ 183 މަންޒިލަކަށް ދަތުރުކުރާ ބީއޭގެ ފްލީޓްގައި 278 ބޯޓް އޮވެ އެވެ.

ބޮއިން 747 މަރުކާގެ ބޯޓްފަހަރު ބޭނުން ކުރަން ހުއްޓައިލުމަށް ފަހު، އެ ބޯޓްތައް ރިސައިކަލްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ބީއޭ އަކީ އިނގިރޭސިވިލާތުގައި އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ.