Roadha Mihaaru
ބްރިޓިޝް އެއާވޭސްގެ "ތެލިތަށި" ވިއްކަނީ

ބްރިޓިޝް އެއާވޭސްގެ ވިޔަފާރި ދަށްވުމުން "ތެލިތަށި" ވިއްކަނީ

25 ނޮވެމްބަރ 2020

ކޮވިޑް-19 އާ ހެދި ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ހެދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ބްރިޓިޝް އެއާވޭސް (ބީއޭ) އިން ތަފާތު ވިޔަފާރިއެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ ހެދި ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ހެދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ބްރިޓިޝް އެއާވޭސް (ބީއޭ) އިން ތަފާތު ވިޔަފާރިއެއް ފަށައިފި އެވެ.

އިންޓަނޭޝަނަލް އެެއާލައިންސް ގްރޫޕް (އައިއޭޖީ) އޮޕަރޭޓްކުރާ އެއާލައިނުން ހޯމަ ދުވަހު ފެށި ވިޔަފާރި އަކީ ދަތުރުމަތީގައި ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ތަކެއްޗާއި ގްރައުންޑްކޮށްފައިވާ ބޮއިން 747 ގެ ފްލީޓްގައި ހުރި ބައެއް ތަކެތި ވިއްކުމެވެ. ވިއްކަން ހަމަޖެހިފައިވާ ތަކެތީގެ އަދަދު ގާތްގަނޑަކަށް ހާހަކަށް އަރަ އެވެ.

ބީއޭ އިން ބުނި ގޮތުގައި އެ އެއާލައިނުން ދަތުރުވެރިންނަށް ފަސްޓް ކްލާހުގައި ކާނާ ސާވްކުރަން ބޭނުންކުރާ ތަށި ފަދަ ތަކެތި ވެސް ގަންނަން ލިބޭނެ އެވެ. އަދި މިއީ ކޮވީޑާ ހެދި ދަތުރުކުރުމުން މަހޫރުމުވެފައިވާ މީހުންނަށް މި ވަގުތު ބީއޭގެ އިހުސާސްތައް އަމިއްލަ ގޭގައި ކޮށްލެވިދާނެ ގޮތެއް ކަމަށް ބުންޏެވެ.

އެއާލައިނުން ވިއްކާ ޑައިނިން އައިޓަމްތަކުގެ ތެރޭގައި އެޑްވަޑް ވިލިއަސްގެ ތައްޓާއި ޖޯޑާއި ވަތުތައްޓާއި ސޫޕް ބައުލް އާއި ޝެމްޕެއިން ފްލޫޓް އަދި ބްރެޑް ބާސްކެޓް ފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން ވިއްކާ ތަކެތީގެ ތެރޭގައި ހޮޓް ޓަވަލާއި އިސްޓާނީކާއި ބްލޭންކެޓާއި ސްލިޕާ އާއި ބޮއިން 747 ގައި ބޭނުންކުރި ޓްރޮލީތަކާއި ސާވިން ޓްރޭކަތާއި ކާ އެއްޗެހި ރައްކާކުރާ ކެނިސްޓާ ފަދަ ތަކެތި ވެސް ހިމެނެ އެވެ.

"މިއިން ކޮންމެ އައިޓަމެއް ވެސް ވަރަށް ރަނގަޅު އަގުތަކެއްގައި ގަންނަން މިހާރު ލިބޭނެ،" އޮންލައިންކޮށް ކުރިއަށް ގެންދާ ވިޔަފާރިއާ ބެހޭ ގޮތުން ބީއޭ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮވިޑާ ހެދި ދަތުރުތަކަށް އެރި ބުރުލާ އެކު ބީއޭ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މަދުކޮށްފައިވާ އިރު، އެއާލައިނަށް ފާއިތުވި ނުވަ މަހުގެ ތެރޭގައި 5.1 ބިލިއަން ޕައުންޑް (6.81 ބިލިއަން ޑޮލަރު) ގެ ގެއްލުންވެފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ބީއޭ އަށް ފައިދާގެ ގޮތުގައި 1.6 ބިލިއަން ޕައުންޑް (2.14 ބިލިއަން ޑޮލަރު) ގެ ފައިދާއެއް ލިބުނެވެ.

އާމްދަނީ ރަނގަޅު ކުރުމަށްޓަކައި އެއާލައިންގެ ބައެއް ތަކެތި ބީއޭ އިން ވިއްކަން ފަށާފައިވާ އިރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ބައެއް އެއާލައިންތަކުން ވެސް އާމްދަނީ ހޯދޭނެ ތަފާތު ގޮތްތަކެއް ދާދި ފަހުން ތައާރަފުކުރި އެވެ.

އެގޮތުން ސިންގަޕޫރް އެއާލައިންސްގެ ފްލީޓްގައި ހިމެނޭ ބޯޓްތަކުގެ ތެރެއިން ގްރައުންޑްކޮށްފައިވާ ފްލައިޓްތަކެއް ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކޮށްގެން ހިދުމަތް ދީފައިވާ އިރު ފިން އެއާ އިން ވަނީ އެއާލައިނުން ސާވްކުރާ ކާނާ އާންމުކޮށް ގަންނަން ލިބޭނެ ގޮތް މިދިޔަ މަހުގެ ތެރޭގައި ހަމަޖައްސައިފަ އެވެ.