Roadha Mihaaru
ވައިގެ ދަތުރު ތަފާތުކޮށްލާނެ އެއާލޭންޑާ 2025 ގައި

ވައިގެ ދަތުރުގެ ތަޖުރިބާ ތަފާތުކޮށްލާނެ އެއާލޭންޑާ 2025 އަށް ތައްޔާރުވަނީ

12 ޖޫން 2021

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ ގޮތުގައި ސިފަކުރާ އެއާލޭންޑާ 10 ގެ ދަތުރުތައް 2025 ގައި ފަށަން ނިންމައި، މި ބޯޓުގެ އެތެރޭގެ މަންޒަރުތައް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ ގޮތުގައި ސިފަކުރާ އެއާލޭންޑާ 10 ގެ ދަތުރުތައް 2025 ގައި ފަށަން ނިންމައި، މި ބޯޓުގެ އެތެރޭގެ މަންޒަރުތައް ދައްކާލައިފި އެވެ.

މިއީ މަތިންދާބޯޓު އުފައްދާ އިނގިރޭސި ކުންފުނި ހައިބްރިޑް އެއާ ވެހިކަލް (އެޗްއޭވީ) އިން މީގެ ނުވަ އަހަރު ކުރިން ފެށި މަސައްކަތުގެ ނަތީޖާ އެވެ. އަމާޒަކީ މިހާރަށް ވުރެ ހިތްގައިމު އަރާމު މާހައުލެއްގައި ވައިގެ ދަތުރުކުރެވޭނެ ގޮތް ހެދުމެވެ. އެއާ އެކު ތިމާވެއްޓާ ރައްޓެހިކޮށް ވައިގެ ދަތުރުގެ ހިދުމަތް ދިނުމެވެ.

ދެހާސް ބާރަ ވަނަ އަހަރު އެއާލޭންޑާ 10 ގެ މަސައްކަތް ފަށައި، އޭގެ ޑިޒައިނަށް ގެނައި ބޮޑެތި ބަދަލުތަކުން، މި ބޯޓުގައި ދަތުރުކުރާ މީހުންނަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެތައް ހާސް ފޫޓު މަތިން ދަރުތުކުރާ އިރު ވަރަށް ވެސް ރީތިކޮށް ތިރީގެ މަންޒަރުތައް ފެނުމެވެ. ބޯޓު ފަރުމާކޮށްފައި ވަނީ އެކަމަށް ހާއްސަ ގިނަ ސިފަތަކާ އެކީގަ އެވެ. އެގޮތުން ސީޓްތަކުގައި ފަސިންޖަރުން ތިބޭ އިރު އިހުސާސްކުރެވޭނީ އެންމެ ލަގްޒަރީ ހޮޓަލެއްގެ ބޯލްރޫމްގައި ތިބެގެން ހިތްގައިމު ވިއު ބަލަން ތިބެވޭ ކަހަލަ ގޮތަކަށެވެ.

ނުވަދިހަ މީހުންގެ ޖާގައިގެ އެއާލޭންޑާ 10 އަކީ ދިގުމިނުގައި 299 ފޫޓު (91 މީޓަރު) އަދި ފުޅާމިނުގައި 122 ފޫޓު (37 މީޓަރު) ހުންނާނެ އެއްޗެކެވެ.

ވަރަށް އަރާމު މާހައުލެއްގައި ދަތުރުކޮށްލަން މި މަތިންދާބޯޓުން ފުރުސަތު ލިބޭ އިރު، ބައެއް މީހުންނަށް މައްސަލައަކަށް ވާނީ މިހާރު މި ބޭނުންކުރާ ބޯޓުތަކަށް ވުރެ މީގެ ދުވެލި މަޑުވުމެވެ. ދަތުރަކަށް ގިނަ ވަގުތު ނެގިޔަސް މައްސަލައަކަށް ނުވާ މީހުންނަށް ލިބޭނެ އުފާވެރި ކަމަކީ އެތެރޭގައި ތިބޭ އިރު ބޭރުގެ މަންޒަރު ހިތްފުރޭ ވަރަށް ބަލަން ފުރުސަތު ލިބުމެވެ.

ތިމާވެއްޓާ ރައްޓެހިކޮށް ދަތުރުކުރާ އެއްޗަކަށް އެއާލޭންޑާ 10 ވާތީ މީގެ ދަތުރު ފަށައިގަންނަނީ ބިޔަ ހީލިއަމް ބެލޫންތަކުގެ ހަކަތައާ އެކީގަ އެވެ. އަދި ވައިގެ ތެރޭގައި ހަމަޖެހުމުން ހަތަރު އިންޖީނުގެ އެހީ ލިބޭނެ އެވެ. އޭގެ ތެރެއިން ދެ އިންޖީނު ހިންގާނީ އިލެޓްރިކުންނެވެ. އަނެއް ދެ އިންޖީނަށް ބޭނުންކުރާނީ ކަރާސީނުގެ ހަކަތަ އެވެ.

އެޗްއޭވީގެ އަމާޒަކަށްވެފައި އޮތީ 2025 ގައި ދަތުރުތައް ފަށައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެއާލޭންޑާ 10 އެއްކޮށް، އިލެކްޓްރިކް ކުރުމެވެ.

އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު މައިކް ޑާހަމް ވިދާޅުވި ގޮތުގައި ދަތުރަކަށް ގިނަ ވަގުތު ނެގިޔަސް ތިމާވެއްޓާ ރައްޓެހިކޮށް ދަތުރުކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

"އެކަމަކު އަހަރެމެން ދޭނެ ޔަގީން ކަމަކީ ކޮލިޓީ ދަތުރުތަކެއް އެއާލޭންޑާ 10 އިން ތަޖުރިބާކޮށްލެވޭނެކަން،" އޭނާ ވިދާޅުވި އެވެ.