Roadha Mihaaru
ބެކަމްގެ ދޮށީ ދަރިފުޅު އެންގޭޖްވެއްޖެ

ޑޭވިޑް ބެކަމްގެ ދޮށީ ދަރިފުޅު ލޯބިވެރިޔާއާ އެންގޭޖްވެއްޖެ

13 ޖުލައި 2020

އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ދޮށީ ފިރިހެން ދަރިފުޅު ބްރޫކްލިން ބެކަމް ލޯބިވެރިޔާ ނިކޮލާ ޕެލްޒާ އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ދޮށީ ފިރިހެން ދަރިފުޅު ބްރޫކްލިން ބެކަމް ލޯބިވެރިޔާ ނިކޮލާ ޕެލްޒާ އެންގޭޖްވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ބްރޫކްލިން އާއި ނިކޮލާ، 25، އެންގޭޖްވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުންނެވެ. އެންގޭޖްވި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން، މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ ބްރޫކްލިން ބުނީ އިންނަން އެހުމުން މީގެ ދެ ހަފުތާ ކުރިން ނިކޮލާ އާނއެކޭ ބުނެފައިވާ ކަމަށެވެ.

ނިކޮލާ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ މިކަން ބްރޫކްލިން ސިފަކޮށްފައި ވަނީ އޭނާ އަކީ އެންމެ ނަސީބު ގަދަ މީހާގެ ގޮތުގަ އެވެ. އަދި އެއާ ގުޅުވައިގެން ނިކޮލާ ވެސް އިންސްޓަގްރާމްގައި ބުނީ އޭނާ އަކީ އެންމެ ނަސީބު ގަދަ އަންހެނާ ކަމަށެވެ.

ބްރޫކްލިން އާއި ނިކޮލޯ އެންގޭޖްވި ވާހަކަ ހިއްސާކުރުމުން ބްރުކުލިންގެ މަންމަ ވިކްޓޯރިއާ ބެކަމް އެކަމަށް މަރުހަބާ ކިޔައި އެއީ މިހާތަނަށް ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށް ބުނެފައިވެ އެވެ.

ނިކޮލާ އަކީ އެމެރިކާ އަށް އުފަން ބަތަލާއެކެވެ. އޭނާ ޓީވީ ސިލްސިލާތަކާއި ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. ނިކޮލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޓްރާންސްފޯމާޒް: އޭޖް ޑިސްޓްރަކްޝަން" އާއި "ދަ ލާސްޓް އެއާބެންޑާ" ގެ އިތުރުން "ދި އޮބިޗުއަރީ އޮފް ތަންޑީ ޖޯންސަން" ހިމެނެ އެވެ.

އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބޭޓްސް މޯޓެލް" އާއި "އިންހިއުމަން" ހިމެނެ އެވެ.

ކުރީގެ ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ (ޕޯޝް)، 46، އާއި ބެކަމް، 45، ގެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވެ އެވެ. އެއީ ބްރޫކްލިންގެ އިތުރުން ރޯމިއޯ ޖޭމްސް ބެކަމް، 17، އާއި ކްރޫޒް ބެކަމް، 15، ގެ އިތުރުން އަންހެން ދަރިފުޅު ހާޕާ ސެވެން ބެކަމް، 9، އެވެ.