Roadha Mihaaru
ކައިވެނީގެ ކާމިޔާބީގެ ސިއްރަކީ ދަރިން: ވިކްޓޯރިއާ

ކައިވެނީގެ ކާމިޔާބީގެ ސިއްރަކީ ދަރިން: ވިކްޓޯރިއާ ބެކަމް

17 އޮކްޓޯބަރ 2019

އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ކުރީގެ ބޭންޑް "ސްއިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ ބެކަމްގެ ކައިވެނީގެ މައްސަލަތަކެއް ޖެހި، ދެ މީހުން ވަރިފަށަށް އަރާފައިވާ ކަމަށް ބުނެ ދޭތެރެއިން މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ކުރީގެ ބޭންޑް "ސްއިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ ބެކަމްގެ ކައިވެނީގެ މައްސަލަތަކެއް ޖެހި، ދެ މީހުން ވަރިފަށަށް އަރާފައިވާ ކަމަށް ބުނެ ދޭތެރެއިން މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެ އެވެ.

ނަމަވެސް އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން ވިކްޓޯރިއާގެ މި އިންޓަވިއު އިން ވެސް ވަނީ ސާބިތުވެފަ އެވެ. އެމެރިކާގެ ޓޯކް ޝޯ "ޓުޑޭ" ގައި ވާހަކަ ދައްކަމުން، އޭނާ 20 އަހަރުވީ ކައިވެނި ސިފަކުރީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި އޭގެ ސިއްރުތައް ވެސް ކިޔައިދިނެވެ.

ޝޯގެ ހޯސްޓް ހޯޑާ ކޯބް ކައިވެނީގެ "ސީކްރެޓް ސޯސް" އަކީ ކޮބައިތޯ އެހުމުން ވިކްޓޯރިއާ އެންމެ ފުރަތަމަ ވެސް ދެއްކީ ދަރިންގެ ވާހަކަ އެވެ.

ބެކަމްއާ 1999 ގައި ކުރި ކައިވެންޏަށް ދެ މީހުންނަށް ހަތަރު ދަރިން ލިބިފައިވާ ގިނަ ކުދިން ވެސް މިހާރު ތިބީ ބޮޑުވެފަ އެވެ. އެންމެ ހަގު އަދި ހަމައެކަނި އަންހެން ދަރިފުޅު ހާޕާ ސެވެން ބެކަމަށް މިހާރު 8 އަހަރެވެ.

ފިރިހެން ތިން ކުދިންގެ ތެރެއިން އެންމެ ދޮށި ބުރުކްލީން ބެކަމަށް 20 އަހަރުވެފައިވާ އިރު ދެވަނަ ދަރިފުޅު ރޯމިއޯ ޖޭމްސް ބެކަމަށް 17 އަހަރެވެ. އަދި ހަގު ފިރިހެން ދަރިފުޅު ކްރޫޒް ބެކަމަށް 14 އަހަރެވެ.

"އަހަރެމެންގެ ހަޔާތުގެ އެންމެ މުހިއްމު ބަޔަކަކީ އަބަދު ވެސް އާއިލާ. ދަރިންނަކީ އަބަދު ވެސް އެންމެ އިސްކަންދޭ ކަންތައް. މާނައަކީ އަބަދު ދަރިންނާއި އަހަރެމެންނާ އޮންނަ ގުޅުން ވަރަށް ވަރުގަދަ. ދަރިންނާ ގާތް ގުޅުމެއް ބާއްވައި އެ މީހުންނާ ގިނަގިނައިން މުއާމަލާތްކުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަހަރެމެން ދެކެނީ،" މިހާރު ފެޝަނާއި ބިއުޓީ އިންޑަސްޓްރީގެ ވަރުގަދަ ނަމަކަށްވެފައިވާ ވިކްޓޯރިއާ ބުންޏެވެ. "އަހަރެމެން ކުރާ ކޮންމެ ކަމަކާ ދަރިންނާ އޮންނާނީ އަބަދު ވެސް އޮންނާނީ ގުޅިލާމެހިފައި. އަދި މިކަމުގައި ދެ ފަރާތުގެ އާއިލާގެ ހިއްސާ ވެސް ބޮޑު."

އޭނާ ބުނިގޮތުގައި ކައިވެނި ކާމިޔާބުވުމުގެ ސިއްރުތަކުގެ ތެރޭގައި ދެ މީހުންގެ ޕްރޮފެޝަނަލް ކެރިއަރާއި ޒާތީ ދިރިއުޅުން ބެލެންސްކޮށްގެން ކުރިއަށް ދިއުން ހިމެނެ އެވެ.

"އަހަރެމެން ދެ މީހުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަޔްކުރާ ދެ މީހުން. އެކަމަކު އޭތި ޕާސަނަލް ލައިފާ ބެލެންސްކުރެވެން ވާނެ،" ވިކްޓޯރިއާ ބުންޏެވެ. "އަހަންނާއި ބެކްމަކީ އަބަދު ވެސް އެކަކު އަނެކަކަށް ސަޕޯޓް ދީގެން ކުރިއަށްދާ ދެ މީހުން. އަދި އަހަރެމެން ދެ މީހުންގެ މި ގުޅުމަކީ ބޮޑު ނަސީބެއް."