Roadha Mihaaru
ކައިވެންޏަށް އަހަން ކުރި ޕްލޭނުން އެޕާޓްމަންޓް އަޅިއަށް

ކައިވެންޏަށް އަހަން ކުރި ޕްލޭނުން އެޕާޓްމަންޓް އަނދައި ހުލިވެއްޖެ

06 އޯގަސްޓް 2020

ލޯބިވެރިޔާ ގާތުން އިންނަން އަހަން އިނގިރޭސިވިލާތުގެ މީހަކު ތައްޔާރުވެ އެޕާޓްމަންޓްގައި އުތްބައްތި ރޯކޮށްފައި ވަނިކޮށް އެތަން އަނދައި އަޅިއަށްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބިވެރިޔާ ގާތުން އިންނަން އަހަން އިނގިރޭސިވިލާތުގެ މީހަކު ތައްޔާރުވެ އެޕާޓްމަންޓްގައި އުތްބައްތި ރޯކޮށްފައި ވަނިކޮށް އެތަން އަނދައި އަޅިއަށްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު ސައުތު ޔޯކްޝަޔާގެ އެބީ ރޯޑްގައި ހުރި އިމާރާތެއްގަ އެވެ. އަލިފާން ރޯވި އެޕާޓްމަންޓް އަޅިއަށްވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއަކާ އެކު މި ވާހަކަ ސައުތު ޔޯކްޝަޔާގެ ފަޔާ އެންޑް ރެސްކިއު އިން ވެސް ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ފަޔާ އެންޑް ރެސްކިއު އިން އިން ބުނިގޮތުގައި ފިރިހެން މީހާގެ އެޕާޓްމަންޓްގައި ރޯވީ ލޯބިވެރިޔާ އަށް ޕްރޮޕޯޒްކުރަން އެތަން ވަރަށް ރޮމޭންޓިކް ޒީނަތްތެރިކޮށް ގިނަ އަދަދެއްގެ އުތްބައްތި ރޯކޮށްފައި، ލޯބިވެރިޔާ ބަލައި ގޮސްފައި ވަނިކޮށެވެ. އެނބުރި އައި އިރު ކުރި މަސައްކަތާ އެކު ދިރިއުޅޭ ތަން އޮތީ އަޅިއަށްވެފަ އެވެ. އެކަމަކު ޕްރޮޕޯޒްކުރަން ރޭވި ރޭވުން ކެންސަލްނުކޮށް އިންނަން އެހުމުން އަންހެން މީހާ އެކަމަށް އެއްބަސްވެފައިވެ އެވެ.

ފަޔާ އެންޑް ރެސްކިއުގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"ރޯވިކަން އަހަރެމެންނަށް އެނގުނީ އަވަށްޓެރިންތަކެއް ރިޕޯޓްކުރުމުން. އަހަރެމެން އެތަނުގައި ތިއްބައި ފިރިހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ އަށް ވެސް އާދެވުނީ،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ތަރުޖަމާނު ވަނީ އުތްބައްތި ފަދަ ތަކެތި ގެންގުޅުމުގައި ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކައިވެނީގެ ޕްރޮޕޯޒް "އަޅިއަށްވި" ދެ ލޯބިވެރިންނަށް ފަޔާ އެންޑް ރެސްކިއު ޓީމްގެ ފަރާތުން ވަނީ ބާއްޖަވެރި ހަޔާތަށް އެދޭ ކަމަށާއި އެ މީހުންގެ ކައިވެނީގެ ހަފުލާ އަށް ދައުވަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

ފަޔާ އެންޑް ރެސްކިއުގެ ޓްވީޓަށް ކޮމެންޓްކުރި ގިނަ ބަޔަކު ދެ ލޯބިވެރިންނަށް ހަމްދަރުދީ ފާޅުކޮށްފައިވެ އެވެ. އަދި ބައެއް މީހުން ވަނީ އެ މީހުންގެ ކައިވެނީގެ އިންތިޒާމުތައް ހަމަޖައްސައިދޭން ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފަ އެވެ.