Roadha Mihaaru
ކައިލީ މިނޯގް އެންގޭޖްވެއްޖެ

ލަވަކިޔުންތެރިޔާ ކައިލީ މިނޯގް އެންގޭޖްވެއްޖެ

06 ފެބުރުއަރީ 2021

އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގް އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގް އެންގޭޖްވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ރަށްވެހިކަން ވެސް އޮންނަ 52 އަހަރުގެ ކާމިޔާބު ލަވަކުޔުންތެރިޔާ އާއި ލޯބިވެރިޔާ ޕޯލް ސޮލޮމަންސް އެންގޭޖްވިކަން ކަށަވަރުކޮށް ދިނީ ޕޯލްގެ ދޮންމަންމަ ގްލޯރިއާ ސޮލޮމަން އެވެ.

އޭނާ އެކަން ކަށަވަރުކޮށް ދިނުމުގެ ކުރިން ބަތަލާ ބިލީ ޕެޕާ ވެސް އެ ވާހަކަ ދެއްކި އެވެ. އެކަން ރަސްމީކޮށް ކަށަވަރު ނުވެ އޮއްވައި ޕޯލްގެ ދޮންމަންމަ ގްލޯރިއާ ޑެއިލީ މެއިލަށް ދިިން އިންޓަވިއުއްގައި ބުނީ އެ ދެ މީހުން އެންގޭޖްވެފައިވާ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ.

"އެކަމަކު އަހަންނަކަށް ނެތް އެއްވެސް ތަފުސީލެއް ދެވޭކަށް. އެ ވާހަކަ ނުދައްކަން އަންގާފައި އޮތީ. އެހެންވީމާ ކައިލީ އާއި ޕޯލް ކައިވެނިކުރާނެ އިރަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން،" ގްލޯރިއާ ބުންޏެވެ.

ކައިލީ އާއި ޕޯލް ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ. އެކަމަކު އެ ގުޅުމާ ބެހޭ ގޮތުން އެ ދެ މީހުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އުމުރުން 46 އަހަރުގެ ޕޯލް އަކީ ޖީކިއު މަޖައްލާގެ ކްރިއޭޓިވް ޑިރެކްޓަރެކެވެ.

ކައިލީ އާއި ޕޯލް.

ކައިލީ އާއި ޕޯލް.

ރިޕޯޓްތައް ބުނާ ގޮތުން ކައިލީ އާއި ޕޯލް ދިމާވީ ރައްޓެއްސެއްގެ ފަރާތުންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި އެ ގުޅުން ފަހުން ލޯތްބަށް ބަދަލުވީ އެވެ.

ކައިލީ އަކީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. މަގުބޫލުތަކެއް އެތައް ލަވަތަކެއް ގެނެސްދީފައިވާ ލަވަކިޔުންތެރިޔާ މިހާތަނަށް 15 އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ޑިސްކޯ" އެވެ.

ކައިލީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މޫލިން ރޫޖް (2001) އާއި ސެން އެންޑްރިއަސް (2015) އަދި ސްވިންގިން ސަފާރީ (2018) ހިމެނެ އެވެ.