Roadha Mihaaru
މަގާމުން ވަކިކުރި ސީއީއޯ އަށް މެކްޑޮނަލްޑްސް އިން ދައުވާ

މަގާމުން ވަކިކުރި ސީއީއޯ އަށް މެކްޑޮނަލްޑްސް އިން ދައުވާކުރަނީ

12 އޯގަސްޓް 2020

މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބާއްވައިގެން މިދިޔަ އަހަރު މަގާމުން ވަކިކުރި މެކްޑޮނަލްޑްސްގެ ސީއީއޯ ސްޓީވް އީސްޓަބުރްކް ދޮގު ހަދައި ކުންފުނީގެ ބޯޑަށް އޮޅުވާލާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބާއްވައިގެން މިދިޔަ އަހަރު މަގާމުން ވަކިކުރި މެކްޑޮނަލްޑްސްގެ ސީއީއޯ ސްޓީވް އީސްޓަބުރްކް ދޮގު ހަދައި ކުންފުނީގެ ބޯޑަށް އޮޅުވާލާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

ކުންފުނީގެ އުސޫލަކާ ހިލާފުވެގެން ސްޓީވް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. މަސްލަހަތު ފުށުއަރާ މަގާމެއްގައި ހުރެ ތަނުގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވުމަކީ މެކްޑޮނަލްޑްސްގެ އުސޫލުތަކާ ހިލާފު ކަމެކެވެ.

އެ މައްސަލާގައި ސްޓީވް ވަޒީފާ އިން ވަކިކުރީ މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ބާއްވާކަން ފަޅާއަރައި، ކުންފުނީގެ ބޯޑުން ތަހުގީގުކުރުމަށް ފަހު އެވެ. އަދި އެކަމަށް އެއްބަސްވުމަށް ފަހު، ސްޓީވް މާފަށް ވެސް އެދިފައިވެ އެވެ.

ނަމަވެސް އޭނާ ގޮވައިގެން މެކްޑޮނަލްޑްސް އިން ކޯޓަށް ދާން ނިންމީ މައްސަލަ އިތުރަށް ތަހުގީގުކުރި އިރު އިތުރު މުވައްޒަފުންތަކާ އެކު ވެސް ގުޅުން ބާއްވައި، އެކަން ސިއްރުކޮށް ކުންފުންޏަށް އޮޅުވާލާފައިވާތީ އެވެ. ކުންފުނިން ބުނި ގޮތުގައި މައްސަލާގައި އިތުރު ތަހުގީގަކަށް ދާން ޖެހުނީ މިދިޔަ މަހުގެ ތެރޭގައި މުވައްޒަފެއްގެ ފަރާތުން ސްޓިވްއާ ބެހޭ ގޮތުން ލިބުނު މައުލޫމާތުތަކަކާ ގުޅިގެންނެވެ.

އެގޮތުން އޭނާ އިތުރު ތިން މުވައްޒަފަކާ ވެސް ގުޅުން ބޭއްވިކަން އެނގިފައިވާ ކަމަށް ބުންޏެވެ. އަދި އެ މީސްމީހުންނާ އެކު ޖިންސީ ގުޅުންތަކެއް ވެސް ހިންގާފައިވާ އިރު އެކަމާ ގުޅުން ހުރި ހެކިތަކެއް ވެސް ހޯދިފައިވާ ކަމަށް މެކްޑޮނަލްޑަސް އިން ބުންޏެވެ. ނަމަވެސް ސްޓީވް ވަނީ އޭނާ ގުޅުން ބޭއްވި މުވައްޒަފުންނާ ބަދަލުކުރި ޓެކްސްޓް މެސެޖްތަކާއި ވީޑިއޯ ކޯލް މުއާމަލާތްތައް އަމިއްލަ ފޯނުން ޑިލީޓްކޮށްފަ އެވެ.

މެކްޑޮނަލްޑްސް އިން ބުނީ މިހާތަނަށް މައްސަލާގައި އިތުރަށް ހޯދި ހޯދުންތަކުން އެނގުނީ ސްޓީވް ކުންފުނީގެ ބޯޑަށް ދޮގު މައުލޫމާތު ދިނުމުގެ އިތުރަށް، ބައެއް ކަންކަން ސިއްރުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ދައުވާކުރަން ނިންމީ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި 40 މިލިއަން ޑޮލަރު ވެސް ނަގައިދޭ ގޮތަށެވެ.

މިކަމާ ބެހޭ ގޮތުން ސްޓީވް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސްޓީވް، 53، މެކްޑޮނަލްޑްސްގެ ސީއީއޯގެ މަގާމާ ހަވާލުވީ 2015 ގަ އެވެ. އޭނާ އަކީ އަލަތު ކައިވެނި ރޫޅިފައިވާ، ތިން ކުދިންގެ ބައްޕައެކެވެ.