Roadha Mihaaru
ސަރޯޖް ޚާންގެ ވާހަކަ ފިލްމަކަށް ހަދައިފާނެ

ސަރޯޖް ޚާންގެ ވާހަކަ ފިލްމަކަށް ހަދައިފާނެ، ފުރުސަތު ބޮޑީ ރެމޯ އަށް

11 ޖުލައި 2020

މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަރޯޖްގެ ވާހަކަ ސްކްރީނުގައި ކިޔައިދޭން އޭނާ ދުނިޔޭގައި ހުއްޓައި ވެސް ތިން މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެއީ ސަރޯޖާ އެކު މަސައްކަތްތަކެއްކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާ އާއި "ހަމް ތުމް" އާއި "ފަނާ" ފަދަ ރީތި ފިލްމުތައް ގެނެސްދިން ކުނާލް ކޯލީގެ އިތުރުން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ބާބާ ޔާދަވް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބާބާ ހުށަހަޅާފައި ވަނީ ސަރޯޖްގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހަދާށެވެ.

ސަރޯޖްގެ އަންހެން ދަރިފުޅު ސުކައިނާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި އޭނާގެ މަންމަ ބައޮޕިކް ހަދަން ތިން ފަރާތަކުން ހުށަހެޅި ނަމަވެސް އެ ހުށަހެޅުންތައް ސަރޯޖް ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ރެމޯ ވަރަށް ބޮޑަށް އެކަމަށް އެދެމުން ގޮސްފައިވާތީ، ސަރޯޖާ ބެހޭ ބައޮޕިކެއް ހަދާ ނަމަ އެ ފުރުސަތު ދޭނީ ރެމޯ އަށް ކަމަށް ބުނެފައިވެ އެވެ. ރެމޯ އަކީ މީގެ ކުރިން ވެސް ޑާންސް ފިލްމުތަކެއް ހަދާފައިވާ މީހެކެވެ. އެއީ "އޭބީސީޑީ" ގެ ދެ ފިލްމާއި "ސްޓްރީޓް ޑާންސާ" އެވެ.

ބައެއް މީޑިއާތަކުން ބުނީ ސަރޯޖްގެ ބައޮޕިކް ހަދަން މިހާރު ރެމޯ ވަރަށް ބޮޑަށް ބޭނުންވެ އެވެ. އަދި ފިލްމަށް ދޭނެ ނަމެއް ކަމަށް ބެލެވެނީ "މާސްޓަޖީ" އެވެ. އެއީ ފިލްމީ ދާއިރާގައި ސަރޯޖް މަޝްހޫރުވެފައި އޮތް ނަމެވެ.

ހާޓްއެޓޭކެއް ޖެހިގެން 71 އަހަރުގައި ސަރޯޖް މި މަހުގެ 3 ވަނަ ދުވަހު މަރުވި އިރު، އޭނާ އަކީ ބޮލީވުޑްގެ ކޮރިއޮގްރާފަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. ވަކިން ހާއްސަކޮށް ސަރޯޖް އެ ދާއިރާ އަށް ނުކުތުންވެގެން ދިޔައީ ހުރިހާ ފިލްމީ މަސައްކަތުގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގައި މުޅިން ވެސް ފިރިހެނުން ނަގާކިޔާ ބޮލީވުޑުން އަންހެން ކޮރިއޮގްރާފަރުންނަށް އެތައް ފުރުސަތުތަކެއް ހުޅުވިގެން ދިޔަ ކަމަކަށެވެ.

ސަރޯޖާ އެކު ރެމޯ.

ސަރޯޖާ އެކު ރެމޯ.

ސަރޯޖްގެ ކެރިއަރުގައި 3000 އަށް ވުރެ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި އެހާރާއި މިހާރުގެ އެންމެ މަޝްހޫރު ތަރިންގެ ލަވަތައް ހިމެނެ އެވެ.

ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސަރޯޖް ނެށުންތައް ތައްޔާރުކޮށްދިން މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ފިލްމު "މިސްޓަ އިންޑިއާ" ގެ "ހަވާ ހަވާއީ" އާއި "ތޭޒާބް" ގެ "އޭކް ދޯ ތީން" އާއި "ދޭވްދާސް" ގެ "ޑޯލަރޭ" އާއި " "ޖަބް ވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" އާއި "ތަނޭދާރު" ގެ "ތައްމާ ތައްމާ" އަދި "ބޭޓާ" ގެ "ދަކް ދަކް ކަރްނޭ ލަގާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

ސަރޯޖް ކޮރިއޯ އެންމެ ފަހުން ފެނިގެން ދިޔަ ލަވަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކަލަންކް" ގެ ލަވަ "ތަބާ ހޯޔޭ" އެވެ.