Roadha Mihaaru
ބޮލީވުޑްގެ މިހާރުގެ އަންހެން ޑައިރެކްޓަރުން

ބޮލީވުޑްގެ މިހާރުގެ އަންހެން ޑައިރެކްޓަރުން

06 ޖޫން 2021

ބޮލީވުޑަށް ބަލާއިރު މުޅި އިންޑަސްޓްރީގައި އަބަދުވެސް އެންމެ ނަގާ ކިޔާ ބަޔަކީ ފިރިހެނުންނެވެ. ފިލްމު ކުޅޭ މީހުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ކޮރިއޮގްރާފަރުންނާއި ޓެކްނިކަލް ގިނަ ކަންކަމުގައި ވެސް އިސްކޮށް އުޅެނީ ފިރިހެނުންނެވެ. މި ސަބަބާ ހުރެ އިންޑަސްޓްރީ ތެރޭގައި ފިރިހެނުންގެ ނުފޫޒު ގަދަވެ، އެ އިންޑަސްޓްރީ ތެރެއިން އެންމެ ބޮޑު މާލީ ފައިދާ ނަގާ ބަޔަކީ ވެސް ފިރިހެނުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް ބަލާއިރު މުޅި އިންޑަސްޓްރީގައި އަބަދުވެސް އެންމެ ނަގާ ކިޔާ ބަޔަކީ ފިރިހެނުންނެވެ. ފިލްމު ކުޅޭ މީހުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ކޮރިއޮގްރާފަރުންނާއި ޓެކްނިކަލް ގިނަ ކަންކަމުގައި ވެސް އިސްކޮށް އުޅެނީ ފިރިހެނުންނެވެ. މި ސަބަބާ ހުރެ އިންޑަސްޓްރީ ތެރޭގައި ފިރިހެނުންގެ ނުފޫޒު ގަދަވެ، އެ އިންޑަސްޓްރީ ތެރެއިން އެންމެ ބޮޑު މާލީ ފައިދާ ނަގާ ބަޔަކީ ވެސް ފިރިހެނުންނެވެ.

މާޒީގައި މިކަން ވަރަށް ބޮޑެވެ. ޒަމާނަށް އަންނަ ބަދަލާ އެޖު މަންޒަރު މިހާރު މަޑުމަޑުން ބަދަލުވަމުން އަންނަ އިރު ހިންދީ ސިނަމާ އަކީ މިހާރު އަންހެނުންގެ ބާރުވެރިކަމާއި ކުރިއެރުން އެތައް ދިމާއަކުން ފެންނަމުން އަންނަ އިންޑަސްޓްރީއެކެވެ. އޭގެ ތެރޭގައި އެކްޓަރުންނަށް ދޫނުކުރާ ވަރުގެ ވަރުގަދަ ބަތަލާއިންނާއި ޑައިރެކްޓަރުންނާއި އަންހެން ސްކްރީން ރައިޓަރުން މިހާރު އަންނަނީ އުފެދެމުންނެވެ.

އެގޮތުން މިހާރު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ވަރަށް ވަރުގަދަ އަދި އެހާމެ ކާމިޔާބު އަންހެން ޑައިރެކްޓަރުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ނަގާ ކިޔާ ބައެއް މީހުންގެ މަތިން ހަނދާންކޮށްލުމަކީ ފިލްމީ ކަންކަމަށް ލޯބިކުރާ މީހުންނަށް ވެސް މުހިއްމި ކަމަކަށް ވެދާނެ އެވެ.

* ފަރާ ޚާން

ފަރާ ޚާނަކީ ބޮލީވުޑްގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ކޮރިއޮގްރާފަރުންގެ ލިސްޓްގެ އެންމެ ކުރިން ޖާގަ ލިބޭނެ އެކެކެވެ. އެތައް ފިލްމެއްގެ އެތައް ލަވައެއްގެ ނެށުން ތައްޔާރުކޮށް، ވަކިން ހާއްސަކޮށް މަޝްހޫރު އެތައް ތަރިންނެއްގެ ސިގްނޭޗާ ސްޓެޕްތަކުގެ މޭސްތިރި އަކީ ފަރާ އެވެ.

އޭނާ ޑައިރެކްޝަނަށް ނުކުތީ 2004 ގެ ފިލްމު "މޭ ހޫ ނާ" އިންނެވެ. ޝާހްރުކް ޚާނާއި ސުޝްމިތާ ސެން އާއި ޒައިދު ޚާނާއި އަމްރިތާ ރާއޯ އަދި ސުނިލް ޝެޓީ ފަދަ ތަރިން ހިމަނައިގެން ގެނެސްދިން އެ ފިލްމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ފަރާ ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލި ފިލްމެކެވެ.

"މޭ ހޫ ނާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު ފަސް އެނބުރި ބެލުމެއް ނެތެވެ. ފަހުން އޭނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2007 ގެ "އޯމް ޝާންތީ އޯމް" އާއި 2010 ގެ "ތީސް މާރް ޚާން" އަދި 2014 ގެ "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.

މި ފިލްމުތަކުގެ ތެރެއިން "ތީސް މާރް ޚާން" ފިޔަވައި އެހެން ފިލްމުތަކަކީ ބޮޑެތި ބްލޮކްބަސްޓާތަކެވެ.

މީގެ ތިން އަހަރު ކުރިން އާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ތިން ކުދިން ތިބި ފަރާ، 56، އިއުލާންކުރި އެވެ. އެކަމަކު އޭގެ މަސައްކަތް އަދި އޮތީ ނުފެށި އެވެ.

ފަރާގެ ފިރިމީހާ ޝްރިޝް ކުންދަރަކީ ވެސް ޑައިރެކްޓަރެކެވެ. އޭނާ ގެނެސްދިން ފީޗާ ފިލްމުތަކުގެ ތެރޭގައި 2006 ގެ "ޖާނެމަން" އާއި 2012 ގެ "ޖޯކަރް" އަދި މިދިޔަ އަހަރު "މިސިޒް ސީރިއަލް ކިލާ" ހިމެނެ އެވެ.

* ޒޯޔާ އަޚްތަރު

އަންހެން ޑައިރެކްޓަރުންގެ ތެރެއިން ބެލުންތެރިން އެންމެ އިތުރުބާރު ކުރާ އެކަކީ ޒޯޔާ އަޚްތަރެވެ. އޭނާގެ ބައްޕަ ޖާވިދު އަޚްތަރަކީ ހިންދީ ސިނަމާ އިން ފެނުނު އެންމެ ކުޅަދާނަ އެއް ސްކްރީން ރައިޓަރެވެ. ކޮއްކޮ ފަރުޚާން އަޚްތަރަކީ ވެސް މޮޅު ޑައިރެކްޓަރެކެވެ.

އަމިއްލަ އަށް ސްކްރީންޕްލޭ ވެސް ލިޔާ ޒޯޔާ، 48، ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ 2009 ގެ "ލަކް ބާއި ޗާންސް" އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2011 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި 2015 ގެ "ދިލް ދަޅަކް ނޭ ދޯ" ހިމެނެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އިންޑިއާ އިން އޮސްކާ އަށް ފޮނުވި "ގަލީ ބޯއި" އަކީ ޒޯޔާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމެވެ.

ފީޗާ ފިލްމުތަކުގެ އިތުރުން ވެބް ސީރިޒްތަކާއި އެންތޮލޮޖީ ފިލްމުތަކުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

* ރީމާ ކަގްތީ

ރީމާ ކަގްތީ އަކީ އޭނާގެ ފިލްމެއް ބަލާ އިރު އެއީ ކޮން ޖިންސެއްގެ ޑައިރެކްޓަރަކު ހެދި ފިލްމެއްކަން އޮޅޭހާ މޮޅު ޑައިރެކްޓަރެކެވެ. އާންމުކޮށް އަންހެން ޑައިރެކްޓަރުން ހަދާ ފިލްމުތަކާ ހިލާފަށް އޭނާ އަކީ އަބަދު ވެސް ހާޑް-ހިޓިން ނުވަތަ ރިއަލިޓީ ގެނެސްދޭ ކަހަލަ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެކެވެ.

ރީމާ، 49، ގެ އަލަތު ޑައިރެކްޝަނަކީ އޭނާ ލިޔެ، ބޮޑު ކާސްޓަކާ އެކު ގެނެސްދިން 2007 ގެ "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" އެވެ. އޭގެ ފަހުން ރީމާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ ތުރިލާ "ތަލާޝް" އާއި އަކްޝޭ ކުމާރު ކުޅުނު ބައޮގްރަފިކަލް ޑްރާމާ "ގޯލްޑް" ހިމެނެ އެވެ.

ރީމާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ސޮނާކްޝީ ސިންހާއާ އެކު ގެނެސްދޭ ތައްޔާރުވަމުން އަންނަ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ފޯލެން" އެވެ.

* ގޯރީ ޝިންޑޭ

ހުނަރުވެރި ޑައިރެކްޓަރު އާރް ބަލްކީގެ އަންހެނުން ގޯރީ ޝިންޑޭ އަކީ ބޮލީވުޑްގެ އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކަކެވެ.

އޭނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ސްރީދޭވީގެ 2012 ގެ ފިލްމު "އިންގްލިޝް ވިންގްލިޝް" އާއި ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ 2016 ގެ "ޑިއާ ޒިންދަގީ" ހިމެނެ އެވެ.

ގޯރީ، 46، ގެ އާ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ އިރު ކުރިއަށް އޮތީ ކޮން ޕްރޮޖެކްޓެއް ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާގެ ފިރިމީހާ ބަލްކީ މިހާރު އަންނަނީ ސައިކޮލޮޖިކަލް ތުރިލާއަކަށް ތައްޔާރުވަމުންނެވެ.

ބަލްކީ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ޕާ" އާއި "ޗީނި ކަމް" އާއި ޝަމީތާބް" އާއި "ކީ އެންޑް ކާ" އަދި "ޕެޑްމޭން" ހިމެނެ އެވެ.

މެގްނާ ގުލްޒާރު

މަޝްހޫރު ޅެންވެރިޔާ ގުލްޒާރު އާއި ކުރީގެ ބަތަލާ ރާކީގެ ދަރިފުޅު މެގްނާ ގުލްޒަކީ މި ވަގުތު ބޮލީވުޑްގައި ތިބި އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކުޅަދާނެ އެކެކެވެ. އޭނާ މިހާތަނަށް ގެނެސްދިން ކޮންމެ ފިލްމަކީ ވެސް ކްރިޓިކުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ފިލްމުތަކެކެވެ.

ރީމާ ގޮތަށް މެގްނާ، 47، އަކީ ވެސް އަންހެނުންގެ އާންމު ރަހަތަކާ ވަރަށް ތަފާތު ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެކެވެ. އާންމުކޮށް ހަގީގީ ހާދިސާތަކަށް ފިލްމު ހަދަން ލޯބިކުރާ މެގްނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ތަލްވާރު" އާއި "ފިލްހާލް" އައި "ރާޒީ" އާއި "ޖަސްޓް މެރީޑް" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން "ޗަޕާކް" އެވެ. ކުރިއަށް އޮތް ފިލްމަކީ ވިކީ ކޯޝަލާ އެކު ހަދާ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އެވެ.

އަޝްވިނީ އައްޔަރު ތިވާރީ

މިދިޔަ އަހަރު ކަންގަނާ ރަނާވަތުގެ "ޕަންގާ" ގެނެސްދިން ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ އަކީ ވެސް އަރަމުން އަންނަ ވަރަށް ފާހަގަކޮށްލެވޭ ޑައިރެކްޓަރެކެވެ.

އެ ދާއިރާ އިން އޭނާ ކުރިއަރައި މަސައްކަތް ތަރައްގީ ކުރަމުން އަންނަ އެންމެ ބޮޑަށް ހިތްވަރުދޭން ވެސް ހުރީ އެހާމެ ހުނަރުވެރި ޑައިރެކްޓަރެކެވެ. އެއީ ފިރިމީހާ ނިތޭޝް ތިވާރީ އެވެ. އޭނާ އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އަޝްވިނީ، 41، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ނީލް ބައްޓޭ ސައްނާޓާ" އާއި "ބެރީލީ ކީ ބަރްފީ" ހިމެނެ އެވެ. އޭނާ ދެން ހަދާނެ ފިލްމެއް އަދި އިއުލާންކޮށްފައި ނެތަސް މިހާރު އަންނަނީ އަމިއްލަ އަށް ލިޔެފައިވާ ފޮތެއް ނެރެން ތައްޔާރުވަމުންނެވެ.