Roadha Mihaaru
ކުމާރު ސާނޫގެ ފަނޑު ނުވި، ފޫހި ނުވި އަޑު

ކުމާރު ސާނޫގެ ފަނޑު ނުވި، ފޫހި ނުވި އަޑު

23 ޖޫން 2021

އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ލިސްޓެއް ހަދާ ނަމަ ކުމާރު ސާނޫ އެ ލިސްޓްގެ ވަރަށް ކުރީގައި ހިމެނޭނެ އެވެ. މިހާރު އުމުރުން 63 އަހަރުގެ މި ލަވަކިޔުންތެރިތާ އަކީ ހިންދީ ސިނަމާގައި 90ގެ އަހަރުތަކުގައި އެންމެ ގަދަ އެއް އަޑެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ލިސްޓެއް ހަދާ ނަމަ ކުމާރު ސާނޫ އެ ލިސްޓްގެ ވަރަށް ކުރީގައި ހިމެނޭނެ އެވެ. މިހާރު އުމުރުން 63 އަހަރުގެ މި ލަވަކިޔުންތެރިތާ އަކީ ހިންދީ ސިނަމާގައި 90ގެ އަހަރުތަކުގައި އެންމެ ގަދަ އެއް އަޑެވެ.

ކުމާރު ސާނޫގެ އެންމެ ހާއްސަ ކަމަކީ އަސަރުގައި ލަވަތައް ގެނެސްދިނުމެވެ. އޭނާގެ ކޮންމެ ލަވަ އަކީ ވެސް އަޑު އަހައިލަން ފަސޭހަ، އަދި ކިޔުން ވެސް އެހާމެ ފުރިހަމަ ލަވަތަކެކެވެ. އެ ލަވަތަކަށް ފަނޑުވުމެއް، ފޫހިކަމެއް ނާންނަ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ހާއްސަކޮށް ކުމާރު ސާނޫގެ މަޑުމައިތިރި ލޯބީގެ ލަވަތަކާއި ހިތާމަވެރި މޫޑުގެ ލަވަތައް ވަކިން ރީއްޗެވެ. ލަވަކިޔުންތެރިންގެ ގޮތުގައި ގިނަ ބަޔަކު އޭނާ ބަލައިގެންގައިވާ ވަރާއި ކިޔާފައިވާ ލަވަތަކުގެ ހާއްސަކަން އެންމެ ބޮޑަށް ދޭހަކޮށްދެނީ އިންޑިއާގެ ޗެނެލްތަކުން ގެނެސްދޭ ލަވަ ޝޯތަކުގައި ކޮންމެވެސް ހައިސިއްޔަތަކުން ކުމާރު ސާނޫގެ ލަވަތައް ނުހިނަމައި ނުގެނެސްދޭތީ އެވެ.

ހަމަކަނި ލަވަ ޝޯތަކުން އެކަންޏެއް ވެސް ނޫނެވެ. ސޮނީ ޓީވީގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ޗެޕްޓާ ހަތަރެއްގެ މި ހަފުތާގެ އެޕިސޯޑްތައް ވެސް ކުމާރު ސާނޫގެ ލަވަތަކަށް ހާއްސަކޮށް، ބައިވެރިން އެ ލަވަތަކަށް ނަށާފައިވެ އެވެ.

ހިންދީ ލަވަތަކުން މަގުބޫލުކަމާއި މަޝްހޫރުކަން ބޮޑަށް ހޯދި ނަމަވެސް އިންޑިއާގައި ވާހަކަ ދައްކައި އުޅޭ އެތައް ބަހަކުން އޭނާ ކިޔާފައިވެ އެވެ.

އޭނާ އެންމެ ފުރަތަމަ ލަވަކިޔައި ދިނީ ބަންގްލަދޭޝްގެ ފިލްމަކަށެވެ. އެއީ 1986 ގެ "ތިން ކަނިއާ" އެވެ. ކުނާރު ސާނޫގެ ބޮލީވުޑް ޕްލޭބެކް މިއުޒުކް ދަތުރުގެ ފެށުމަކީ 1989 ގެ "ހީރޯ ހީރާލާލް" އެވެ. އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތެވެ. މިހާތަނަށް އެތައް ސަތޭކަ ފިލްމަކަށް އެތައް ހާސް ލަވައެއް ކިޔާފައިވެ އެވެ. ކުމާރު ސާނޫ ކިޔާފައިވާ ކޮންމެ ހިންދީ ލަވަ އަކީ ވެސް ވަރަށް މަޝްހޫރުވި، އެހާމެ މަގުބޫލު ލަވަތަކެވެ.

އޭނާގެ އަޑުގެ ޖާދޫގައި ބެލުންތެރިން ޖައްސައިލި އެއް ފިލްމަކަށް 1991 ގެ "އާޝިގީ" ވާނެ އެވެ. މިހާރު ވެސް އެ ލަވަތައް އިވުމުން މާޒީގެ ތެރެއަށް ގެންގޮސްދޭ "އާޝިގީ" ގެ ގިނަ ލަވަތަކުގެ އަޑުގެ ވެރިޔަކީ ކުމާރު ސާނޫ އެވެ.

އޭނާގެ ސޯލޯ ލަވަތަކާއި ޑުއެޓް ލަވަތައް ވެސް އެހާ ގިނަ އެވެ. އެތައް އަންހެން ލަވަކިޔުންތެރިންތަކަކާ އެކީ ހިތްގައިމު އެތައް ލަވައެއް ކުމާރު ސާނޫ އެހުންތެރިންނަށް ދޫކޮށްފައިވެ އެވެ. އަދި އެންމެ ނަގާ ކިޔާ މިއުޒިކް ޑައިރެކްޓަރުންނާ އެކު މިހާތަނަށް މަސައްކަތްކޮށްފައިވެ އެވެ.

ލަވަ ކިޔައިގެން އެތައް އެވޯޑެއް ހޯދާފައިވާ ކުމާރު ސާނޫ އެ ދާއިރާ އިންޑއިާ އަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް، އިންޑިއާ ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ޕަދުމާ ޝްރީ ވެސް 2009 ގައި ދީފައިވެ އެވެ.

ކުމާރު ސާނޫ އަކީ ބޮލީވުޑްގެ ލަވަކިޔުންތެރިންގެ ތެރެއިން މިހާތަނަށް ޖެހިޖެގިގެން ފަސް ފަހަރަށް، އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ ފިލްމުފެއާ އެވޯޑް ހޯދި ހަމައެކަނި ފަންނާނު ވެސް މެ އެވެ. އެއީ 1990-1994 އަށެވެ.

އުމުރުން މިހާރު ދުވަސް ވިޔަސް، ކުމާރު ސާނޫގެ އަޑަކީ ބަދަލެއް ނާންނަ، ޖާދުވީ އަޑެކެވެ. އޭނާ އަކީ އިންޑިއާ ފަހުރުވެރިވާ ލަވަކިޔުންތެރިއެކެވެ. އެހުންތެރިން އެ ލަވަކިޔުންތެރިއެއްގެ ލަވަތައް އަަހައި ދުވަހަކު ވެސް ފޫހިނުވާ ވަރުގެ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ.