Roadha Mihaaru
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟

ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟

05 ނޮވެމްބަރ 2024

ވަރުން ދާވަން ލީޑު ރޯލު ކުޅޭ އެކްޝަން ފިލްމު "ބޭބީ ޖޯން"ގައި ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަރުން ދާވަން ލީޑު ރޯލު ކުޅޭ އެކްޝަން ފިލްމު "ބޭބީ ޖޯން"ގައި ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުން ސަލްމާން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނީ އިއްޔެ އާންމުކުރި މި ފިލްމުގެ ޓީޒާގައި ސަލްމާން ކަމަށް ބެލެވޭ މީހެއްގެ މަންޒަރެއް ދެއްކުމުންނެވެ. އެ މީހާގެ މޫނު ޓީޒާގައި ނުފެނެ އެވެ. ނަމަވެސް، ބައެއް މީޑިއާތަކުން ވަނީ އެއީ ސަލްމާން ކަން ކަށަވަރުކޮށްދީފަ އެވެ.

އެ ޓީޒާގައި ވަރުންގެ ވަރުގަދަ ގިނަ މަންޒަރުތަކެއް ވެސް ހިމަނާފައިވެ އެވެ.

"ބޭބީ ޖޯން" އަކީ މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީ ކުމާރް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. މުހިންމު ރޯލުތަކުން ދެން ފެންނާނީ ޖެކީ ޝްރޮފް އާއި ކީރްތީ ސުރޭޝް އެވެ.

މީގެ ކުރިން ވަނީ ޖެކީގެ ބައެއް މަންޒަރުތައް ފެންނަ މި ފިލްމުގެ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ.

"ބޭބީ ޖޯން"އަކީ 2016 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ތަމަޅަ އެކްޝަން ފިލްމު "ތެރީ"ގެ ރީމޭކެކެވެ. "ތެރީ"ގައި ލީޑު ރޯލު ކުޅުނީ ދެކުނުގެ މަޝްހޫރު އެކްޓަރު ވިޖޭ އެވެ. އެ ފިލްމުގައި މުހިންމު ރޯލުތައް ދެން ކުޅުނީ ސަމަންތާ ރޫތު ޕްރަބޫ އާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެމީ ޖެކްސަނެވެ.

މި ފިލްމު އިއުލާންކޮށް މަސައްކަތް ފެށީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ.

އެޓްލީއާ އެކު މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާގެ އަންހެނުން ޕްރިޔާ އެޓްލީ އާއި ޖިޔޮތީ ދޭޝްޕާންޑޭ އަދި މުރާތު ކެތާނީ އެވެ. އެޓްލީގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމު ޑައިރެކްޓުކުރަނީ ކަލީސްވަރަން އެވެ.

"ބޭބީ ޖޯން" ޕްރިމިއާކުރަނީ އަންނަ މަހު 25 ގަ އެވެ.