Roadha Mihaaru
ސަލްމާން "ދަބަންގް 4" ހަދާނެކަމުގެ އިޝާރާތެއް

ސަލްމާންގެ "ދަބަންގް 4" ހަދާނެކަމުގެ އިޝާރާތެއް

23 ޖުލައި 2021

ސަލްމާން ޚާން ލާނެތް ފުލުހެއްގެ ރޯލު ކުޅޭ "ދަބަންގް" ސީރީޒްގެ ހަތަރު ވަނަ ބައި ވެސް ހަދާނެކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާން ލާނެތް ފުލުހެއްގެ ރޯލު ކުޅޭ "ދަބަންގް" ސީރީޒްގެ ހަތަރު ވަނަ ބައި ވެސް ހަދާނެކަމުގެ އިޝާރާތެއް ދީފި އެވެ.

މި ވާހަކަ ދެކެވިފައި ވަނީ ކޮއްކޮ އަރްބާޒް ޚާން ހޯސްޓްކުރާ ކިއު ޕްލޭގެ ޝޯ "ޕިންޗް" ގައި ބުދަ ދުވަހު ސަލްމާން މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކައެއްގަ އެވެ. ބޭބެ ސަލްމާން ގާތުން އަރްބާޒް އެހީ "ދަބަންގް" ސީރީޒްގެ ފިލްމުތަކުގެ ތެރެއިން އެންމެ ފެވަރިޓީ ކޮން ފިލްމެއްތޯ އެވެ. ޖަވާބުގައި ސަލްމާން ބުނީ "ދަބަންގް 4" ކަމަށެވެ.

އެ ޖަވާބާ އެކު އަރުބާޒް އެހީ "މިހާރު ހަތަރު ވަނަ ބައި ކަށަވަރުކޮށް ދިނީތޯ" އެވެ. އެއާ އެކު ސަލްމާން ޖަހައިލީ ހިނިގަނޑެކެވެ. "ދަބަންގް" އަކީ އަރްބާޒް މައި ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. އަދި މީގެ ދެވަނަ ބައި 2012 ގައި ޑައިރެކްޓްކުރީ ވެސް އޭނަ އެވެ.

"ދަބަންގް" ގެ ފުރަތަމަ ފިލްމު އަބިނާވް ކޭޝަޕް ޑައިރެކްޓްކޮށް ގެނެސްދިނީ 2010 ގަ އެވެ. އެ ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. "ދަބަންގް 3" ޕްރަބޫދޭވާ ޑައިރެކްޓްކޮށް ގެނެސްދިނީ 2019 ގަ އެވެ.

ފުރަތަމަ ފިލްމާ ހިލާފަށް "ދަބަންގް 2" އާއި ތިނެކަކީ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެއް ނޫނެވެ. މި ސީރީޒްގެ ބަތަލާ އަކީ ސޮނާކްޝީ ސިންހާ އެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ "ދަބަންގް" އިންނެވެ.

މި ސީރީޒްގެ ހަތަރު ވަނަ ފިލްމުގެ އިޝާތެއް ސަލްމާން ދިން އިރު، އޭނާ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ މަސައްކަތް ފަށާފައިވާ އިރު، "ސުލްތާން" ގެ ސީކްއެލް އާއި "ބަޖްރަންގީ ބައިޖާން" ގެ ސީކްއެލް ހަދަން އުޅޭ ވާހަކަ ވެސް މިދިޔަ ހަފުތާގައި ދެކެވިފައިވެ އެވެ.

މެއި މަހު ރިލީޒްކުރާ "ރާދޭ" ބަތަލުގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ބައިޖާން (ކަބީ އީދު ކަބީ ދިވާލީ) އާއި "ކިކް" ގެ ސީކްއެލް ވެސް ހިމެނެ އެވެ.