Roadha Mihaaru
"ދަބަންގް 4" ގެ ސްކްރިޕްޓް ނިމިއްޖެ: ސަލްމާން

"ދަބަންގް 4" ގެ ސްކްރިޕްޓް އޮތީ ނިމިފައި: ސަލްމާން ޚާން

14 ޑިސެމްބަރ 2019

"ދަބަންގް 3" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ސީރީޒްގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ދަބަންގް 3" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ސީރީޒްގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

މި މަހުގެ 20 ގައި ރިލީޒްކުރާ ތިން ވަނަ ބައިގެ ޕްރޮމޯޝަނަލް އިވެންޓެއްގައި "ދަބަންގް 4" ގެ ސްކްރިޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ބުނި ނަމަވެސް އޭގެ ތަފުސީލެއް ސަމްލާން ނުދެ އެވެ. އެކަމަކު މިއީ އެހާ އަވަހަށް ސިނަމާ އަށް އަންނާނެ ފިލްމެއް ނޫނެވެ.

ސަބަބަކީ ސަލްމާން ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކަށް ވަގުތު ދޭން ޖެހުމެވެ. އެހެންވެ "ދަބަންގް 4" އެންމެ އަވަސްވެގެން ވެސް ބެލުންތެރިންނާ ހަމައަށް އަންނަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރާދޭ" އާއި "ކިކް 2" ގެ އިތުރުން ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ހިމެނެ އެވެ. މީގެ އިތުރުން ސަލްމާން ކުޅޭ "ޓައިގާ" ސީރީޒްގެ ތިން ވަނަ ފިލްމަކީ ވެސް ވާހަކަތައް ދެކެވެމުން އަންނަ ފިލްމެކެވެ.

ބެލެވޭ ގޮތުން މިހާރު ޝޫޓިން ފަށާފައިވާ "ރާދޭ" ގެ މަސައްކަތް ނިންމައިލުމަށް ފަހު، ސަލްމާން ދެން ވަގުތު ދޭނީ ސާޖިދު ނަދިއަދްވާލާ ޑައިރެކްޓްކުރާ "ކިކް 2" އަށެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2021 ގަ އެވެ.

""ދަބަންގް 3" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އަކީ އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

"ދަބަންގް 3" ސިނަމާތަކަށް މި އަންނަނީ ދެވަނަ ބައި ރިލީޒްކުރިތާ 7 އަހަރު ފަހުންނެވެ. ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ޑައިރެކްޓްކުރި "ދަބަންގް 2" ރިލީޒްކުރީ 2012 ގަ އެވެ. އަދި "ދަބަންގް" އަކީ 2010 ގައި ގެނެސްދިން ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަބިނާވް ކެޝަޕެވެ.

"ދަބަންގް" ފުރަތަމަ ދެ ބައަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ތިން ވަނަ ބައި ވެސް ވަރަށް ހިނގާނެ ކަމަށް ބެލެވެ އެވެ. ޕްރަބޫދޭވާ ބުނިގޮތުގައި ސަލްމާންގެ ފޭނުން ބޭނުންވާ ކަހަލަ ހުރިހާ ކަމެއް "ދަބަންގް 3" ގައި ހުންނާނެ އެވެ.