Roadha Mihaaru
ރާނޫ މޮންޑާލްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަނީ

ރޭލު ސްޓޭޝަނުގައި ލަވަކިޔައިގެން މަޝްހޫރުވި ރާނޫ މޮންޑާލްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަނީ

05 ސެޕްޓެމްބަރ 2021

ރޭލު ސްޓޭޝޭނެއްގައި ސަލާންޖަހަން އުޅެމުން ލަވަ ކިޔުމުގެ ހުނަރު ދައްކާލައިގެން އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދި ރާނޫ މޮންޑާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭލު ސްޓޭޝޭނެއްގައި ސަލާންޖަހަން އުޅެމުން ލަވަ ކިޔުމުގެ ހުނަރު ދައްކާލައިގެން އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދި ރާނޫ މޮންޑާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ވަރަށް އަވަހަށް ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ފިލްމަށް ދީފައިވާ ނަމަކީ "މިސް ރާނޫ މާރިއާ" އެވެ. މީގައި ރާނޫގެ ރޯލު ކުޅޭނީ އާންމުކޮށް ބެންގާލީ ފިލްމުތައް ކުޅޭ ބަތަލާ އެޝިކާ ޑޭ އެވެ. ފިލްމު ހަދަން ކުރިން ނިންމީ ވެސް ބެންގާލީ ބަހުންނެވެ. ނަމަވެސް ފަހުން ހިންދީ ބަހުން ގެނެސްދޭން ނިންމީ ކަމަށް ހަންގާމާ އިން ބުންޏެވެ.

"މިސް ރާނޫ މާރިއާ" އަކީ ބެންގާލީ ޑައިރެކްޓަރު ރިޝިކޭޝް މޮންޑާލް ހަދާ ފިލްމެކެވެ. ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގައި ބައިވެރިވެ ދިނުމަށް އޭނާ މިހާރު ވަނީ ހިމޭޝް ރޭޝަމިއާ އަށް ވެސް ހުށަހަޅާފައިފަ އެވެ. ހިމޭޝް އަކީ ރާނޫ ރޭލު ސްޓޭޝަނުގައި އިނދެގެން 2019 ގައި ލަތާ މަންގޭޝްކަރްގެ "އެކް ޕިޔާރު ކަ ނަގްމާ ހޭ" ކިޔާލި ވީޑިއޯ ފެނިގެން، އެ އަޑު ރީތިވެގެން މިއުޒިކުން ކުރިއަށްދާ މަގުހުޅުވައިދިން މީހާ އެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ހިމޭޝް ކުޅުނު ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" އަށް ރާނޫ ލައްވައި ލަވަތަކެއް ރެކޯޑްކުރުވި އެވެ.

ހިމޭޝް ދިން ފުރުސަތަކާ އެކު ރާނޫ، 60، އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ. އަދި ފަހުން އޭނާގެ ވާހަކަ އާންމުންގެ ތެރޭގައި ދެކެވުނީ މަޝްހޫރުކަމާ އެކު ފެންވަރު އޮޅި، ބޮޑާ ކިބުރުވެރި މީހެއްގެ ގޮތުގަ އެވެ.

"މިސް ރާނޫ މާރިއާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް ހިސާބުގަ އެވެ.