Roadha Mihaaru
އަލްކާ އަށް އަޑުއިވުމުގައި މައްސަލައެއް

އަލްކާ އަށް އަޑުއިވުމުގައި މައްސަލައެއް

24 ޖޫން 2024

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކްގެ ކަންފަތަށް އަޑުއިވުން ދަށްވެފައިވާ ކަން އޭނާ އިއުލާންކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކްގެ ކަންފަތަށް އަޑުއިވުން ދަށްވެފައިވާ ކަން އޭނާ އިއުލާންކޮށްފި އެވެ.

އަލްކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ މިކަން އިއުލާންކޮށް، ފޭނުންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

އަލްކާ އަކީ 90ގެ އަހަރުތަކުގެ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިދިން އެންމެ މަޝްހޫރު އަންހެން ޕްލޭބެކް ސިންގާ އެވެ. އޭރު ނުކުތް އެތައް ސަތޭކަ ފިލްމަކަށް އޭނާ ލަވަ ކިޔާފައިވެ އެވެ. އަދި މިދިޔަ އަހަރު ސްޕޮޓިފައިގައި އެންމެ ގިނަ ބަޔަކު އަޑުއެހީ ވެސް އޭނާ ކިޔާފައިވާ ލަވަތަކެވެ. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިންނާ ވާދަކޮށެވެ.

އޭނާ ބުނި ގޮތުގައި، އަޑުއިވުމުގެ މައްސަލަ ފުރަތަމަ ދިމާވީ މިފަހުން ފްލައިޓަކުން ކުރި ދަތުރަކަށް ފަހު އެވެ. ފްލައިޓުން ފޭބުމަށް ފަހު ކަންފަތަށް އެއްވެސް ވަރަކަށް އަޑު ނީވެ އެވެ. އޭގެ ފަހުން އަޑު ނީވޭތާ ހަފުތާއެއްހާ ދުވަސް ވުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް އޭނާގެ ކަންފަތަށް ވެފައިވާ ކަމެވެ.

އަލްކާގެ ކަންފަތުގެ ނާރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާ އަށް އަޑުއިވޭ ވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.

އޭނާ ބުނީ މި ދުވަސްވަރު އެއްވެސް މަސައްކަތުން ނުފެންނަނީ އެ ސަބަބާ ހުރެ ކަމަށެވެ.

އަލްކާ ވަނީ ހެޑްފޯނާއި ހެޓްސެޓް ބޭނުންކުރުމުގައި ސަމާލުވާން އެދިފަ އެވެ. އަދި ހެޑްފޯނުގެ އަޑު މާ ބާރުކޮށްގެން އަބަދު ބޭނުން ނުކުރަން ވެސް އޭނާ އެދުނެވެ.

"ޕަރްދޭސީ ޕަރްދޭސީ" އާއި "ގަޒާބް ކާ ހޭ ދީން" އާއި "ތާލް ސެ ތާލް މިލާ" ކަހަލަ ލަވަތަކަކީ އަލްކާ ގިނަ ބައެއްގެ ލޯބި ހޯދި ލަވަތެކެވެ.