Roadha Mihaaru
ކަޕިލްގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް އިއުލާންކޮށްފި

ކަޕިލްގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް އިއުލާންކޮށްފި

15 ޖެނުއަރީ 2022

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ބަޔޮގްރެފިކަލް ޑްރާމާއެއް "ފަންކާރް" ގެ ނަމުގައި ހަދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ބަޔޮގްރެފިކަލް ޑްރާމާއެއް "ފަންކާރް" ގެ ނަމުގައި ހަދަން އިއުލާންކޮށްފި އެވެ.

އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ޕްރޮޑިއުސަރު މަހާވީރު ޖެއިން އާއި އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ލައިކާ ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ "ފުކްރޭ" ފިލްމު ސީރީޒްގެ ޑައިރެކްޓަރު މުރިގްދީޕް ސިންގް ލާމްބާ އެވެ.

ނަމަވެސް "ފަންކާރް" ގައި ކަޕިލްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.

މަހާވީރު ބުނި ގޮތުގައި އިންޑިއާގެ މިހާރުގެ އެންމެ ކާމިޔާބު އަދިި ހުނަރުވެރި ފިރިހެން ކޮމީޑިއަންގެ ވާހަކަ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެނެސްދިނުމަކީ ވަރަށް ވެސް ހާއްސަ ކަމެކެވެ.

"އޭނާ އަކީ އެތައް ބަޔަކު އުފާކޮށްދިނުމުގައި އަރާހުރި ފަންނާނެ. ކަޕިލް އަކީ އެތައް ބަޔަކު ލޯބިވާ އަދި ވަރަށް ގިނަ ބަޔަކަށް އިންސްޕިރޭޝަނެއް ވެސް މެ،" އޭނާ ބުންޏެވެ. "އެހެންވީމަ ކަޕިލްގެ ބަޔޮގްރެފިކަލް ޑްރާމާއެއް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ވެސް މެ."

ސޮނީ ޓީވީން ކުރިން ގެނެސްދިން "ކޮމެޑީ ސާކަސް" އިން އާންމުންގެ ސަމާލުކަން ހޯދި ކަޕިލް އަކީ މި ފަހުން އިންޑިއާގެ ކޮމީޑިއަނުންގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފަންނާނެވެ. އޭގެ ހެއްކަކީ އޭނާގެ ނަމުގައި ޝޯއެއް ގެނެސްދިނުމެވެ. ކުރިން ކަލާޒް އިން ގެނެސްދިން އެ ޝޯ މިހާރު ސޮނީން ގެނެސްދެނީ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ނަމުގަ އެވެ.

ދެ ކުދިންގެ ބައްޕަ ކަޕިލް، 42، އަކީ މިހާރު ޕްރޮޑިއުސަރެއް އަދި އެކްޓަރެއް ވެސް މެ އެވެ. އޭނާ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2015 ގެ "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި އަމިއްލަ އަށް ޕްރޮޑިއުސްކުރި 2017 ގެ "ފިރަންގީ" އެވެ.

ކަޕިލް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރިންހާ މަގުބޫލު މީހެކެވެ. އޭނާގެ ޝޯއެއް ނެޓްފްލިކްސް އިން "ކަޕިލް ޝަރުމާ: އައި އޭމް ނޮޓް ޑަން ޔެޓް" ގެ ނަމުގައި މި މަހުގެ 28 ގައި ޕްރީމިއާކުރާނެ އެވެ.