Roadha Mihaaru
މައިގްރެއިން އަކީ އަނގައިގެ ޖަރާސީމުން ދިމާވާ ކަމެއް

މައިގްރެއިން އަކީ އަނގައިގެ ޖަރާސީމުން ދިމާވާ ކަމެއް

22 އޮކްޓޯބަރ 2016

މައިގްރެއިން އެޓޭކް އަންނަނީ ވަކި ވައްތަރެއްގެ އެއްޗެއް ކެއުމުން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މައިގްރެއިން އަކީ އަނގައިގެ ތެރޭގައި ހަރުލާފައި ހުންނަ ކާ އެއްޗެހީގައި އަށަގަންނަ ޖަރާސީމުން ދިމާވާ ކަމެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މައިގްރެއިން އެޓޭކް އަންނަނީ ވަކި ވައްތަރެއްގެ އެއްޗެއް ކެއުމުން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މައިގްރެއިން އަކީ އަނގައިގެ ތެރޭގައި ހަރުލާފައި ހުންނަ ކާ އެއްޗެހީގައި އަށަގަންނަ ޖަރާސީމުން ދިމާވާ ކަމެކެވެ.

އެމެރިކަން ސޮސައިޓީ ފޯ މައިކްރޮބައޮލޮޖީގައި މި ހަފުތާގައި ޝާއިއުކުރި މި ދިރާސާ ރިޕޯޓުގައިވާ ގޮތުން މައިގްރެއިން ހުންނަ މީހުންގެ އަނގައިގައި ޖަރާސީމު ހުންނަލެއް މައިގްރެއިން ނުހުންނަ މީހުންނަށްވުރެ މާ ގިނަ އެވެ. މިފަދަ މީހުން އެއްގަމު މަސް ކަހަލަ ބައެއް ވައްތަރުގެ ޕްރޮސެސްޑް ކާނާ އާއި ފެހިކުލަގަދަ ފަތް ފަދަ ތަކެތި ކެއުމުން އޭގެ އެތިކޮޅުތައް އަނގައިގެ ތެރޭގައި ހުރެ ހަލާކުވަމުންދާއިރު އެ ތަކެތީގައި ހުންނަ ނައިޓްރޭޓްސް ބޭރުވެ އެވެ. މި ނައިޓްރޭޓްސް ދެން ބަދަލުވަނީ ނައިޓްރިކް އޮކްސައިޑަށެވެ. މިއީ އާއްމު ހާލަތުގައި ރަނގަޅު އެއްޗެކެވެ. ސަބަބަކީ މިއީ ލޭ ދައުރުވުން ހަލުވިކޮށްދޭ އެއްޗަކަށް ވާތީ އެވެ. ނަމަވެސް މާ ގިނައިން މީހެއްގެ ލެޔަށް ވާސިލުވެއްޖެ ނަމަ ގެއްލުން ވާނެ އެވެ. މާގިނަ ޖަރާސީމު ހުރެއްޖެނަމަ ނައިޓްރޭޓް ބޭރުވާލެއް ވެސް މާ އަވަސްވާނެ އެވެ. އަދި މީގެ ސަބަބަން ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭހޮޅިތަކާއި ބޮލުގެ ނާށިގަނޑަށް ވާންވެ މައިގްރެއިން އެޓޭކެއް އަންނަން މެދުވެރިވަނީ ކަމަށް މިކަމާ ގުޅޭ ގޮތުން ވަކިން ހެދި ދިރާސާއަކުން ވެސް ވަނީ ހާމަވެފަ އެވެ.

ބުނެވިދިޔަ ބާވަތްތަކުގެ ކާނާ އިން ނުކުންނަ ނައިޓްރޭޓްސް އަކީ ހަގީގަތުގައި ވެސް މައިގްރެއިން އެޓޭކް އައުމުގެ އަސްލު ކަން ސައިންސްވެރިންނަށް އަދި ސާފެއް ނޫނެވެ.

މައިގްރެއިން އާއި ނައިޓްރޭޓްސްއާ ގުޅުން އޮތްކަން ސައިންސްވެރިންނަށް ފާހަގަ ކުރެވިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިއީ ކިހިނެއް ދިމާވާ ކަމެއްކަން ޔަގީނެއް ނޫނެވެ.

މައިގްރެއިން ހުންނަ މީހުންނަށް، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ނުކެއުމަށް ޑޮކްޓަރުން އަބަދުވެސް އިރުޝާދު ދެ އެވެ.

ދިރާސާގައި މަސައްކަތް ކުރެއްވި އެއް ސައިންސްވެރިއަކު ވިދާޅުވީ މައިގްރެއިން ހުންނަ މީހުންނަށް ވަކި ވައްތަރެއްގެ ކާނާ ނުކެއުމަށް އިރުޝާދު ދިން ނަމަވެސް އެފަދަ ކާނާ އިން މައިގްރެއިން އެޓޭކް އަންނަނީ ކީއްވެގެން ކަމެއް މިހާތަނަށް އޮތީ ނޭނގެ އެވެ.

ސައިންސްވެރިންނަށް ޔަގީންވެފައިވަނީ މައިގްރެއިން ހުންނަ މީހުންގެ ބޮޑުކަމުދާ ނަޖިހާއި އަނގައިގައި ޖަރާސީމު ހުންނަ މިންވަރު އެނޫން މީހުންނަށް ވުރެ ގިނަ ކަމެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ކޮންމެ ހަތް މީހަކުން އެކަކީ މައިގްރެއިން މައްސަލަ ހުންނަ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ މަހަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ބޮލުގައި ރިއްސުމުގެ މައްސަލަ ޖެހޭ މީހުންނެވެ. އަދި މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ އުޅޭ މީހުންނެވެ.

މި ބަލީގެ ނިޝާންތަކުގެ ތެރޭގައި ބޮލުގައި އެއްޗަކުން ތަޅާ ކަހަލަ ރިހުމެއް ހުރުމާއި ގައިގެ ވަރުދޫވުން އަދި މޭނުބައިކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. ބައެއް މީހުންނަށް ލޯ ހުޅުވާލައިގެން ތަންތަނަށް ބަލަން ވެސް އުނދަގޫވެ އެވެ. އަދި އައްޔަށް ބެލުމުން ލޮލަށް އުނދަގޫވާތީ ވެސް ބައެއް މީހުން އުޅެ އެވެ.

ކެވޭ އެއްޗެތީގެ ބާވަތުންނާއި ސްޓްރެސް ވެ އަދި ނިދި މަދުވުމަކީ މައިގްރެއިން އެޓޭކެއް އައުމަށް ދިމާވާ އެންމެ މައިގަނޑު މައްސަލަތަކެވެ. އަދި ހޯމޯންތަކުގެ ރޯލެއް ވެސް މިގޮތަށް ބޮލުގައި ރިއްސަން ފެށުމުގައި އޮންނަކަން ސައިންސްވެރިން ފާހަގަކުރެ އެވެ.

ފިރިހެނުންނަށް ވުރެ އަންހެނުންނަށް މައިގްރެއިންގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ. ޗޮކްލެޓް ކެއުމުން ވެސް ބައެއް މީހުންނަށް މައިގްރެއިން އެޓޭކް އާދެ އެވެ.

ސައިންޓިސްޓުން މިހާރު ހޯދަމުން ދަނީ ވަކި ވައްތަރެއްގެ ކާނާ ކެއުން ކޮންޓްރޯލްކޮށްގެން، މައިގްރެއިން އުނދަގޫ ހުންނަ މީހުންނަށް ލުއިވޭތޯ ބެލުމަށެވެ. އަދި މައިގްރެއިން އެޓޭކް އައީ ނައިޓްރޭޓްސްގެ ސަބަބުން ކަމަށް ހީވާ ނަމަ ނައިޓްރޭޓްސް އުފެދޭ ކަހަލަ ކާނާ ކެއުން މަދުކޮށްލުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށް ވެސް ސައިންސްވެރިން ދެކެ އެވެ.