Roadha Mihaaru
ރަނގަޅު ބަރުދަނުގައި ހުރުމުން މައިގްރެއިންއާ ދުރުވޭ

ރަނގަޅު ބަރުދަނުގައި ހުންނަ ނަމަ މައިގްރެއިންގެ އުނދަގޫ ކުޑަވާނެ

16 އެޕްރީލް 2017

މައިގްރެއިންގެ ސަބަބުން ބޮލުގައި ރިއްސުމާއި އެ މީހެއްގެ ބަރުދާ ގުޅުންތަކެއް ހުންނަކަން ފަހުގެ ހޯދަމަކުން ދައްކައިފި އެވެ.

މައިގްރެއިންގެ ސަބަބުން ބޮލުގައި ރިއްސުމާއި އެ މީހެއްގެ ބަރުދާ ގުޅުންތަކެއް ހުންނަކަން ފަހުގެ ހޯދަމަކުން ދައްކައިފި އެވެ.

"މައިގްރެއިން ހުންނަ މީހުންނާއި އެ މީހުންގެ ޑޮކްޓަރުން ވެސް މިކަމާ ވިސްނަންޖެހޭ. މާ ބަރުވިޔަސް ނުވަތަ ބަރުދަން މާބޮޑަށް ލުއި ވިޔަސް، އެއީ މައިގްރެއިން ހުންނަ މީހަކަށް ރަނގަޅު ކަމެއް ނޫން. އެ މީހަކާ އެކަށީގެންވާ ބަރުދަނެއްގައި ހުންނަ ނަމަ މައިގްރެއިންގެ އުނދަގޫތަކާ ދުރުކޮށްދޭ،" އާ ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ޑިރެކްޓަރު ޑރ. ބީ. ލީ ޕެޓަލިން ވިދާޅުވި އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ޕެޓަލިން ވިދާޅުވީ އެކަށީގެންވާ ބަރުދަނެއްގައި ހުރުމާއި ރަނގަޅު ކާނާ އަދި ކަސްރަތަކީ ކޮންމެ މީހަކަށް ވެސް ފައިދާހުރި ކަމަކަށް ވާއިރު، މައިގްރެއިން ހުންނަ މީހުންނަށް ވެސް މި ކަންކަމުން ލުއި ލިބޭނެ ކަމަށެވެ.

ޕެޓަލިންގެ ދިރާސާގައި، މީގެ ކުރިން ކޮށްފައިވާ 12 ދިރާސާއެއްގެ 300،000 ބައިވެރިންގެ މައުލޫމާތު އަޅާކިޔާފައިވެ އެވެ. މި ބެލުންތަކުން އެނގުނު ގޮތުގައި އެކަށީގެންވާ ވަރަށް ވުރެ ބަރު މީހުންނަށް މައިގްރެެއިންގެ އުނދަގޫ ކުރިމަތިވުމަށް އޮންނަ ފުރުސަތު، އެކަށީގެންވާ ބަރުދަނުގައި ތިބި މީހުންނާ އަޅާބަލާއިރު 27 ޕަސެންޓް އިތުރެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ލުއިކޮށް ތިބި މީހުންނަށް މައިގްރެެއިންގެ ވޭނާ ކުރިމަތިވާން އޮންނަ ފުރުސަތު 13 ޕަސެންޓް އިތުރު ކަމަށް ދެއްކި އެވެ.

އެކަށީގެންވާ ބަރުދަނެއް ކަނޑައެޅުމުގައި މި ދިރާސާގައި ވެސް ބޭނުންކުރި މިންގަނޑަކީ އާންމުކޮށް ބޭނުންކުރާ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އެވެ.

ޕެޓަލިންގެ ކުރީގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މާބޮޑަށް ފަލަވުމާއި މައިގްރެއިންއާ އޮންނަ ގުޅުން އެންމެ ބޮޑީ އަންހެނުންނަށެވެ. އަދި އުމުރުން 55 އަހަރުން ދަށުގެ މީހުންނަށެވެ.

ނަމަވެސް ފަލަވުމާއި މައިގްރެއިންއާ ގުޅުން ހުންނަނީ ކީއްވެ ކަމެއް މި ދިރާސާއަކުން ނޭނގެ އެވެ.