Roadha Mihaaru
މައިގްރޭންގެ އާ ބޭހެއް އަންނަ އަހަރު ނެރޭނެ

މައިގްރޭންގެ އާ ބޭހެއް އަންނަ އަހަރު ނެރޭނެ

25 ޑިސެމްބަރ 2019

މައިގްރޭނަށް ހާއްސަކޮށް އެމެރިކާ އިން އީޖާދުކުރި އާ ބޭހަކަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އޮމް ހޯމަ ދުވަހު ހުއްދަ ދީފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިގްރޭނަށް ހާއްސަކޮށް އެމެރިކާ އިން އީޖާދުކުރި އާ ބޭހަކަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އޮމް ހޯމަ ދުވަހު ހުއްދަ ދީފަ އެވެ.

މައިގްރޭނަށް މިހާރު ބޭނުންކުރާ ބޭސްތަކަށް ވުރެ، އަވަހަށް މައިގްރޭން ވޭންތައް މައިތިރިކޮށްދޭ ބޭހަށް ދީފައިވާ ނަމަކީ އަބްރޮޖެޕެންޓެވެ. މި ބޭސް އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރެން ނިންމާފައި ވަނީ ބޭހުގެ ވިޔަފާރިކުރާ ކުންފުނި އެލާޖަންގެ ދަށުން "އަބްރެލްވީ"ގެ ނަމުގަ އެވެ.

އާ ބޭހާ ބެހޭ ގޮތުން ގޮތުން އެފްޑީއޭގެ ސެންޓަ ފޮ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ އެކްޓިން ޑިރެކްޓަރު ޑރ. ބިލީ ޑަން ވިދާޅުވީ އަބްރެލްވީ އަކީ މައިގްރޭންގެ ވޭންތަކަށް ކުރިއަށް އޮތް ތަނުގައި އޮތް އެންމެ ރަނގަޅު ބޭހަށް ވާނެ ކަމަށާއި މިއީ އިތުބާރު ބޮޑު އުފެއްދުމެއް ކަމަށެވެ.

"އެހެންވީމާ މިއީ މައިގްރޭންގެ މައްސަލަތައް ހުންނަ ބޮޑެތި މީހުންނަށް އޮތް ވަރަށް ރަނގަޅު ޗޮއިސްއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެފްޑީއޭ އިން ބުނިގޮތުގައި މިހާތަނަށް އަބްރެލްވީއާ ގުޅޭ ގޮތުން ހެދި ޓްރައިލްތަކަށް ބަލާ އިރު މައިގްރޭނަށް ބޭނުންކުރާ އެހެން ބޭސްތަކާ ހިލާފަށް އާ ބޭސް ބޭނުންކުރި 19 ޕަސަންޓް މީހުންނަށް ބޭސް ބޭނުންކުރިތާ ދެ ގަޑިއެއްހާ އިރުގެ ތެރޭގައި މައިގްރޭންގެ ވޭންތައް މައިތިރިކޮށް ދީފައިވެ އެވެ. އަދި ބޭހުގެ ސަބަބުން މައިގްރޭންގެ އެންމެ ބޮޑެތި އަލާމަތްތައް 40 ޕަސަންޓަށް ދަށްކޮށްދޭކަން ފާހަގަކުރެވިފައިވެ އެވެ.

މައިގްރޭނަށް ބޭނުންކުރާ އެހެން ބޭސްތަކަށް ބަލާ އިރު އެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 12-28 ޕަސަންޓާ ދޭތެރޭގަ އެވެ. މައިގްރޭނަށް މިހާރު އާންމުކޮށް ބޭނުންކުރާ ބޭސްތަކަކީ ބުރޫފެނާއި އެސްޕިރިން އަދި ޓްރިޕްޓަންސް ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މައިގްރޭނަކީ ދުނިޔޭގައި އެންމެ އާންމު އެއް ސިއްހީ މައްސަލަ އެވެ. އެގޮތުން މައިގްރޭން ތަޖުރިބާކުރާ މީހުންގެ އަދަދު މުޅި ދުނިޔޭގައި އެއް ބިލިއަނަށް އަރަ އެވެ. އެމެރިކަން މައިގްރޭޝަން ފައުންޑޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކީ މައިގްރޭންގެ ވޭނުގެ ތެރޭގައި އުޅޭ މީހެކެވެ. އަދި ކޮންމެ 16 ފިރިހެނުންގެ ތެރެއިން އެކަކީ މީގެ ޝިކާރައެކެވެ.

މައިގްރޭނަކި އާދަޔާހިލާފަށް ބޮލުގައި ރިއްސައި ހޭވެރިކަން ގެއްލުމާއި ލޮލުގެ ފެނުމަށް އަސަރުކުރުމާއި ބޯ އަނބުރައި ހޮޑުލެވުން ފަދަ މައްސަލަތައް ދިމާވާ ވޭންހުރި ސިއްހީ ބޮޑު މައްސަލަކެވެ.