Roadha Mihaaru
ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް ވަކިކޮށްފި

ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް މަގާމުން ވަކިކޮށްފި

09 ޖުލައި 2020

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކޮށްފައި ވަނިކޮށް، އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް މިއަދު މަގާމުން ވަކިކޮށްފި އެވެ. .

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކޮށްފައި ވަނިކޮށް، އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް މިއަދު މަގާމުން ވަކިކޮށްފި އެވެ. .

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާލުވީ، ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ހައްސާން ވަކިކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިވިލް ސާވިސް މަގާމެއްގައި ހުންނެވި ހައްސާނު މި ސަރުކާރު އައުމާ އެކު މަގާމުން އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ފަހުން ސިޔާސީ މަގާމަކަށް އައްޔަންކުރީ އެވެ. އޭނާ އަކީ އަލީ ވަހީދާ ވަރަށް ގާތް ބޭފުޅެކެވެ. ޔާމީންގެ ސަރުކާރުގައި ވެސް އެންމެ ފަހުން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރާ، ހައްސާން ވަރަށް ގާތެވެ.

ހައްސާން ވަކިކުރި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

މިކަމާ ގުޅޭ ގޮތުން ހައްސާނަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތު އަލީ ވަހީދަށް ކުރެވެމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވައިފަ އެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިއީ ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން، އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ޓުވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.