Roadha Mihaaru
އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި

އަލީ ވަހީދު، ޝަރީއަތަށް ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި

15 ޖުލައި 2021

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން ޗިޓު ފޮނުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން ޗިޓު ފޮނުވައިފި އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތް އަލީ ވަހީދަށް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ މައްސަލަ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ހައި ކޯޓުގެ ނިންމުން ދައުލަތުން މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ހަވާލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އަޑުއެހުމުގައި ބައިރިވެރިވާން އެ ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލަައިންކޮށް ބޭއްވުމާ ދައުލަތުން ދެކޮޅު ހަދަނީ އޭނާ އިނގިރޭސި ވިލާތުގައި ހުންނެވުމުން އޭނާގެ މައްޗަށް ރާއްޖޭގެ ގާނޫނުތައް ނުހިނގާނެތީ އެވެ.

އޭނާ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލަން ނިންމި ނިންމުމުގެ މައްސަލަ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ނުގެންދެވުނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު ނުފޮނުވިގެންނެވެ. އެ ދެ ކޯޓުން ވެސް ނިންމީ، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުގައި އެދުނު އިރު އަލީ ވަހީދު ވަނީ އޭނާ ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރުތައް ކްރިމިނަލް ކޯޓާ ހިއްސާ ކޮށްފަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މި ހަފުތާގައި ވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި އެވެ.

ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވާ ގޮތުގައި އޮންލިންކޮށް ޝަރީއަތް ބާއްވަން ގާޒީ ހަސަން ސައީދު ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުންނެވެ. ނަމަވެސް، ދައުލަތުން ބުނެފައި ވަނީ އެ ގަވައިދުގެ ދަށުން ވެސް ޝަރީއަތެއް ނުބޭއްވޭނެ ކަމަށެވެ.