Roadha Mihaaru
ދައުލަތުން ވަނީ އަލީ ވަހީދު ފްރޭމްކޮށްފައި: ވަކީލުން

ދައުލަތުން ވަނީ އަލީ ވަހީދު ފްރޭމް ކޮށްފައި: ވަކީލުން

23 އޯގަސްޓް 2021

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

ދައުލަތުން ދައުވާ ކޮށްފައިވާ އަލީ ވަހީދު ތަމްސީލުކުރާ މެކްސީމް ޗެމްބާސް ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި އަލީ ވަހީދާ ދެކޮޅަށް ބޭއިންސާފާއި އަނިޔާވެރިކަން ދައުލަތުން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމް ކޮށްފައިވާ ކަމަށެވެ.

"މި ފާއިތުވެގެން ދިޔަ އެއް އަހަރާއި އެއް މަސް ދުވަހު އަލީ ވަހީދުގެ މައްޗަށް ހިންގުނު ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުން ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ އަލީ ވަހީދު ފްރޭމްކޮށްފަ އެވެ،"" ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.

އަލީ ވަހީދާ މެދު ދިވެހި ދައުލަތުން އަމަލު ކޮށްފައިވާ ކަމަށް ދެކޭ ސަބަބުތައް ބަޔާން ކުރަމުން ބަޔާނުގައި ބުނީ، ވަޒީރުކަމުގެ މަގާމުން އޭނާ ވަކިކުރީ ވެސް ތަހުގީގު ކުރުމެއް ނެތި ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް ނުދޭ ކަމަށް ވަކީލުން ބުންޏެވެ.

އޭގެ އިތުރުން، ޕީޖީ އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅިގެން ތަހުގީގު މަރުހަލާގައި އޭނާއާ ސުވާލު ކޮށްފައިވާ ނުވާއިރު، ދައުވާކޮށްފައި ވަނީ އެ ދައުވާތައް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ ބޭނުމެއްގައި ކަމަށް ވަކީލުން ތުހުމަތު ކުރެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީއާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީއާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިން ފަހުން ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޕީޖީ އޮފީހުން ވަނީ ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ. އަލީ ވަހީދުގެ ފަރާތުން ބުނި ގޮތުގައި އެ ކަން އެ ގޮތަށް ކުރީ ވެސް ބިރު ދެއްކުމަށެވެ.

ކުށެއް ކުރެވުނީ ކޮން ފަރާތަކާ މެދު ކިހިނެއްކަން ތުހުމަތު ކުރެވޭ ފަރާތަށް އެނގެން ޖެހޭނެ ކަމަށް ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް ކުށް ކުރި ތަނެއް އަދި ތާރީހު ވެސް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖިންސީ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް އަޑުއެހުންތައް ސިއްރު ކޮށްގެންނެވެ. ނަމަވެސް އޭނާގެ ވަކީލުންގެ ބަޔާނުގައި ބުނީ، އަޑުއެހުންތއް އާންމުންނާއި ނޫސްވެރިންނަށް ހުޅުވައިލަން އަލީ ވަހީދުގެ ފަރާތުން އެދުނަސް އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ކޯޓުތަކަށާއި މީޑިއާ އަށް ދޮގު މައުލޫމާތު ދީ، އޮޅުވައިލަމުންދާ ކަމަށް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައި އޮއްވައި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައި ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިނުމުން ފުރާވަޑައިގެންނެވި ގޮތަށް އެނބުރިވަޑައިގެންފައި ނުވެ އެވެ. އެކަމާ ހެދި އޭނާގެ ޝަރީއަތްތަކާއި އެ ޝަރީއަތާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ކުރިއަށްގެންދަން ދަތިވި އެވެ.

ނަމަވެސް، އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވަން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ވަނީ ޣައިރު ހާޒިރުގައި މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފަ އެވެ.

އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންނެވެ. އަދި އިނގިރޭސި ފުލުހުންނާ ގުޅިގެން ވެސް އޭނާ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.