Roadha Mihaaru
ލޯނުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ނުކުރެވިދާނެ

ލޯނުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ނުކުރެވިދާނެ: މިނިސްޓަރު

25 ޖޫން 2020

މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރުމަކީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުމުގައި ސަރުކާރަށް ވާނެކަމެއް ކަމަށް ހީނުވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރުމަކީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުމުގައި ސަރުކާރަށް ވާނެކަމެއް ކަމަށް ހީނުވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި މަތީ ތައުލީމުގެ 550 ފުރުސަތާއި ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕުގައި، ކޮވިޑްގެ ސަބަބުން މިއަހަރު ކިޔަވަން ދެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށެވެ. ނަމަވެސް އެ ހުރިހާ ސުވާލަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޖަވާބުދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ހުރަހެއް ނެތި، ސްޓޫޑެންޓް ލޯނާއި ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕްގައި ކިޔެވުން ކުރިއަށްގެންދިއުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދިނުމަށް ސަމާލުކަން ދޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރައީސް ދެއްވި ޔަގީންކަމުން ގައުމު ބިނާކުރުމުގައި ހާއްސަކޮށް ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް އެމަނިކުފާނު އަބަދު ވެސް އެންމެ އިސްކަންދެއްވާނެކަން އެނގިގެންދިޔަ ކަމަށެވެ. ނަމަވެސް ހާލަތު ގަބޫލުކޮށް، އެމަނިކުފާނުގެ އަރިހުގައި މި އަހަރު ލޯނުގެ އިތުރު ފުރުސަތަކަށް އެދުމަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މިއަހަރު މިއޮތީ ވަރަށް ބޮޑު ކޮމިޓްމަންޓެއް ރައިސުލްޖުމްހޫރިއްޔާ ދެއްވާފައި. އަޅުގަނޑުމެން މިވަގުތު އިސްކަންދޭންވީ، މިވަގުތު ޕްލޭނުގައި ހުރި ހަރަކާތްތައް ކުރިއަށްގެންގޮސް ނިންމާލެވޭތޯ. ރާއްޖޭގައި މިވަގުތު އޮތް އިގުތިސޯދީ ގޮންޖެހުމުގައި އަޅުގަނޑަށް ހީވަނީ އިތުރު ލޯނު ބުރެއް މިއަހަރު ސަރުކާރަށް އިއުލާނުކުރުމަކީ ކުރެވޭނެ ކަމަކަށް ނުވާނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ލޯނަށް ހުޅުވާނުލެވުނު ކަމުގައި ވިއަސް ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން އާ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަހަރު ހުޅުވާލި ލޯނުގެ ފުރަތަމަ ބުރަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.