Roadha Mihaaru
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި

އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ބަދަލުކުރަން ހުޅުވާލައިފި

17 ޖޫން 2019

މިހާރު ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރަސްޓް ކުޑަ ކުރުމަށާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރަސްޓް ކުޑަ ކުރުމަށާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް ތިން ޕަސެންޓަށް ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެކަމާ ގުޅުންހުރި އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން މީގެ ކުރިން ލޯނު ދޫކުރީ ފަސް ޕަސެންޓުގެ އިންޓްރަސްޓް ރޭޓުގަ އެވެ. އެ ލޯނުގެ އިންޓްރަސްޓް ކުޑަކޮށް ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އިންޓްރަސްޓް ރޭޓު ކުޑަކުރަން އެދޭ ނަމަ އަދި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދޭ ނަމަ ޖެހޭނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ fund@mohe.gov.mv އަށް އައިޑީކާޑު ކޮޕީއާއެކު މެއިލްކުރާށެވެ. އެޑިއުކޭޝަނުން އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހިއްސާކުރާނެ އެވެ. އެކަމާ ގުޅުންހުރި އެހެނިހެން ކަންތައްތައް ދެން ކުރިއަށްގެންދާނީ ބޭންކުންނެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލޯނާ ގުޅުންހުރި ކަންތައްތައް ބީއެމްއެލަށް އެންގުމުން، އެތަނުން އާ ކޮންޓްރެކްޓެއް ހަދައި ދަރިވަރާއެކު ސޮއިކުރާނެ ކަމަށެވެ. އިންޓްރަސްޓް ކުޑަ ލޯނަށް އަމަލުކުރަން ފަށާނީ އޭގެ ފަހުންނެވެ.

"ސްޓޫޑެންޓް ލޯން އެންމެ ފުރަތަމަ ދޫކުރާއިރު ވެސް އެގްރިމެންޓް ހަދާނެ. އަނެއްކާ އިންޓްރަސްޓް ރޭޓް ކުޑަކޮށް، ދިގު މުއްދަތެއްގައި ލޯނު ދެއްކުމަށް އެދި ހުށަހެޅުމުން އާ އެގްރިމެންޓެއް ހަދައި ސޮއިކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އިންޓްރަސްޓެއް ކަމަށް ބުނި ނަމަވެސް އެއީ ބޭންކުގެ މުއާމަލާތްތަކުގައި އާންމުކޮށް ނަގާ އިންޓްރަސްޓް ނޫން ކަމަށާއި އެއީ ދަރިވަރަށް ހިނގާ ޖުމްލަ ހަރަދަށް ބެލުމަށް ފަހު، އެއަށް ނަގާ އެޑްމިނިސްޓްރޭޓިވް ޗާޖެއް ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.