Roadha Mihaaru
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު

ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު

10 ޖޫން 2019

ރާއްޖެ އިން ބޭރުން މަތީ ތައުލީމަށް ކިޔަވަން ލޯނަށް އެދެން ހުޅުވައިލި ފުރުސަތުގައި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައި ވުމުން ދެރަވި ކަމަށާއި އަލުން އެޕްލިކޭޝަން ހުށަހަޅަން މިއަދު ނޫނީ މާދަމާ ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ބޭރުން މަތީ ތައުލީމަށް ކިޔަވަން ލޯނަށް އެދެން ހުޅުވައިލި ފުރުސަތުގައި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައި ވުމުން ދެރަވި ކަމަށާއި އަލުން އެޕްލިކޭޝަން ހުށަހަޅަން މިއަދު ނޫނީ މާދަމާ ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ގިންތި އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ލޯނު އެހީ ހޯދުމަށް 993 ދަރިވަރަކު ފޯމު ހުށަހެޅި އެވެ. އެކަމަކު، އޭގެ ތެރެއިން ލޯނު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ. މި މައްސަލައިގައި ދަރިވަރުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައިވާ އިރު ފުރުސަތު ގެއްލުނީ އުސޫލާ ޚިލާފަށް ހުށަހެޅުމުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޝަކުވާތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، 242 ޖާގަ ހުޅުވާލައި، ގިނަ އަދަދެއްގެ ދަރިވަރުން ޑިސްކޮލިފައި ވުމުން އެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެހެންވެ، އުސޫލު މިހާރު މުރާޖައާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަލުން ހުޅުވާލާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޕޯޓަލްގެ ތެރެއިން ކުރިއަށް ވުރެން ލުއި ފަސޭހަކޮށް ފޯމު ހުށަހެޅޭ ގޮތަކަށެވެ. ކުރިން ދިމާވި ގިނަ މައްސަލަތަކެއް މިހާރު ހައްލުކޮށްފައިވާ އިރު ޑިސްކޮލިފައި ވި ދަރިވަރުންނަށް ސަބަބު ވެސް މިހާރު އޮޅުންފިލާނެ ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އެ ކުދިން އަލުން ފޯމު ހުށަހަޅާ އިރު ޑިސްކޮލިފައި ވި ސަބަބުތައް ރަނގަޅަށް ބަލައި އުސޫލާ އެއްގޮތަށް ލިޔުންތައް ފޮނުވަން މިނިސްޓަރު އެދިވަޑައިގަތެވެ.

ލޯނަށް އެދުމުގެ ފުރުސަތު އަލުން ދެނީ ޑިސްކޮލިފައި ވި ދަރިވަރުންނާއި އަލުން ލޯނަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުންނަށެވެ.

"އަޅުގަނޑުމެން ވަނިީ 242 ޖާގަ އަށް ފައިސާ ހަމަޖައްސާފައި. އެ ފައިސާ އެހެން ކަމަކަށް ބޭނުމެއް ނުކުރާނެ. އެެހެންވީމާ އެ ޖާގަތައް ދަރިވަރުންނަށް ދޭން ބޭނުން ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ލޯނު މި ދެނީ އެ ދަރިވަރަކު ކިޔަވަން ބޭނުންވާ ކޯހަކަށް ޝަރުތު ފުރިހަމަވާ ނަމަ."

އެކަމަކު، ފުރަތަމަ ބުރުގައި ދިމާވި މައްސަލަތަކަށް ބަލާ އިރު އުސޫލާ ޚިލާފަށް ގިނަ ފޯމުތަކެއް ހުރި ކަމަށް މިނިސްޓަރު މިއަދު ވެސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ރާއްޖޭގައި ކިޔަވަން 106 ދަރިވަރުން ހުށަހަޅާފައި އޮތެވެ. އެކަމަކު މި ބުރުގައި ހުޅުވާލީ ރާއްޖެ އިން ބޭރުގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.

މީގެ އިތުރުން، މި ބުރުގައި ކޯސްތައް އިއުލާންކޮށްފައި ނެތް ގައުމުތަކުގައި ކިޔަވަން އެދި ވެސް 192 ދަރިވަރަކު ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލޯނަށް ހުޅުވާލާ ކޮންމެ ބުރެއްގައި ކުރިމަތިވާ މައްސަލަތައް ބަލައި ހައްލުކުރަން މިނިސްޓްރީން މަސައްކަތް ކުރާނެ އެވެ. މި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި އެކަން ކުރުމަށް މިނިސްޓްރީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރު ދެއްވި އެވެ.