19 އޮކްޓޯބަރ 2016
ކުރިއަށް އޮތް ލާމަރުކަޒީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅައި، އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމުގެ ބާރު އޮތީ ހަމައެކަނި އެ ޕާޓީގެ އިލެކްޝަންސް ކޮމެޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އައްޔަން ކުރެއްވި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލާމަރުކަޒީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅައި، އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމުގެ ބާރު އޮތީ ހަމައެކަނި އެ ޕާޓީގެ އިލެކްޝަންސް ކޮމެޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އައްޔަން ކުރެއްވި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުން ނެރެން އެއްވެސް ކަމެއް ކުރުމުގެ އިހްތިޔާރެއް އިންތިހާބު ކޮމެޓީ ނޫން ބަޔަކަށް ލިބިގެން ނުވާ ކަމަށެވެ. އެހެން ބަޔަކު އެކަމެއް ކުރިއަށް ގެންދާ ނަމަ ވެސް އެ ޕާޓީގެ އަސާސީ ގަވާއިދާއި އިންތިހާބުތަކާ ގުޅޭ ގަވާއިދުތަކުގައިވާ ގޮތުން އެކަން ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީމް އެ އިޝާރާތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިންތިހާބަށް ތައްޔާރުވާން ކުރާ މަސައްކަތަށެވެ. ޕީޕީއެމްގެ ރައީސް މައުމޫން އެ ޕާޓީގައި އަދާކުރެއްވި ޒިންމާތައް ސިވިލް ކޯޓުގެ އަމުރަކުން ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރެއްވުމާ އެކު އެ މަނިކުފާނުގެ ފަޅިން ވެސް އަންނަނީ ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ވަމުންނެވެ.
އަލީމް ވިދާޅުވީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީ އިންތިހާބުކޮށްފައި ވަނީ 2013 ގައި ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ އިން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، އިންތިހާބު ކޮމެޓީ އަށް ހަ މެމްބަރަކު އައްޔަންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައުމީ ޖަލްސާގައި އިލެކްޝަން ކޮމެޓީއަކާއި ބައި އިލެކްޝަން ކޮމެޓީއެއް ވެސް އެބައޮތް ހޮވާފައި. އެހެންވީމާ އިންތިހާބުތައް ކުރިއަށް ގެންދަން ޖެހޭނީ މި ކޮމެޓީން، މި ކޮމެޓީތަކުގެ ބާރު ކަނޑުވައެއް ނުލެވޭނެ. ކޯޓު ހުކުމުގައި ވެސް ނެތް މި ކޮމެޓީތަކަށް އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަކަށް،" އަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ގައުމީ އިންތިހާބުތަކުގައި ޕީޕީއެމް ތަމްސީލްކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލަން ވާނީ ޕާޓީގެ އިންތިހާބު ކޮމެޓީ ނުވަތަ ބައި އިލެކްޝަން ކޮމެޓީ ބައްދަލުވުމެއްގައި މަޝްވަރާކޮށް ނިންމުމަށް ފަހު ޕާޓީގެ މައި އިދާރީ އޮފީހުން، ރަޖިސްޓްރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދަން 250 އެއްހާ ފޯމު އެ ޕާޓީގެ އޮފީހަށް ލިބިފައިވާ އިރު ޝަރުތު ހަމަވާ ކެންޑިޑޭޓުން ހޮވައި ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ވަރަށް އަވަހަށް ބާއްވާނެ އެވެ.
ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު އުފެދުނު މައްސަލަތަކަށް ހައްލު ނުލިބި އެ ޕާޓީ ދެ ބޭފުޅުންގެ މައްޗަށް ފަޅި ކޮށްލައްވައި މިހާރު ވަނީ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށައިފަ އެވެ. މީގެ ތެރެއިން "އަސްލު ޕީޕީއެމް" އަކީ ކޮން ބައެއް ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ތަނުން އަމަލު ކުރާނީ ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށެވެ.
ޕީޕީއެމުން މައުމޫން އެކަހެރި ކުރަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް އެ މަނިކުފާނުގެ ފަރާތްޕުޅުން ކުރިއަށް ގެންދަނިކޮށް، އެހެން ބަޔަކު ވަނީ އަމުރު އިސްތިއުނާފް ކޮށްފަ އެވެ.
އީސީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ: މައުމޫން
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
އިންތިހާބުގެ ފޯމުތައް ވެސް ޔާމީން ފެކްޝަނުން ގެންދިޔަ!
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
އިންތިހާބަށް ޔާމީން ފެކްޝަނުން ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް އިން އަމަލުކުރާނީ ކޯޓު ހުކުމަށް
ޕާޓީ ހިންގޭނެ ގޮތެއް ހޯދަން މައުމޫނާ ވާހަކަ ދައްކަނީ
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!
ދެ ފެކްޝަނާ އެކު "އަސްލު ޕީޕީއެމް" އޮޅިއްޖެ!
"ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން"