Roadha Mihaaru
"ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން"

ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން: އިލެކްޝަންސް

17 އޮކްޓޯބަރ 2016

ވެރިކަންކުރާ ޕީޕީއެމް ދެ ފަޅިވެ، ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައިވާ އިރު އޭގެ ތެރެއިން ރަނގަޅީ ކޮން ބައެއްކަމާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތުން ފޮނުވާ ލިއުންތައް ލިބުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަންކުރާ ޕީޕީއެމް ދެ ފަޅިވެ، ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައިވާ އިރު އޭގެ ތެރެއިން ރަނގަޅީ ކޮން ބައެއްކަމާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތުން ފޮނުވާ ލިއުންތައް ލިބުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން ވަނީ ޕާޓީ ދެ ފަޅިކޮށްލައްވައިފަ އެވެ. މި ދެ ފެކްޝަނުން ވެސް އަންނަނީ ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ތައްޔާރުވަމުންނެވެ. ދެ ފެކްޝަނުން ވެސް ފޯމުތައް ބަލައިގަނެ އެވެ. އެކަމަކު މީގެ ތެރެއިން ރަނގަޅު ފެކްޝަނަކީ ކޮބައިތޯ އާއްމު މެމްބަރުން ވެސް ސުވާލު އުފައްދަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ދެ ފެކްޝަނުން ނިންމާ ނިންމުތަކުގެ އެއްވެސް ލިޔެކިޔުމެއް އެ ކޮމިޝަނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ލޯކަލް ކައުންސިލް އިންތިހާބުގައި ފޯމު ހުށަހަޅަންވީ ކޮން ފެކްޝަނަކަށްތޯ އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔެކިޔުންތައް ލިބުނީމަ އިލެކްޝަނުން ގޮތެއް ނިންމާނީ ގާނޫނުތަކާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް،" އަކްރަމް ވިދާޅުވި އެވެ

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ސިވިލް ކޯޓު މެދުވެރިކޮށް ރައީސް ޔާމީނަށް ވަނީ ޕާޓީގެ ބާރުތައް ދީފަ އެވެ. އެމަނިކުފާނަކީ އަސްލު ޕީޕީއެމްގެ މުސްތަޝާރެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި، ހިންގުމުގެ އެއްވެސް ދައުރެއް ނޯންނަ، ރަމްޒީ މަގާމެއްގައި ހުންނަވާ ބޭފުޅަކާ ޕާޓީގެ ހިންގުން ހަވާލުނުކުރެވޭނެ ކަމަށް ވިދާޅުވެ މައުމޫން ވެސް ހުންނެވީ ދޫދެއްވަން ތައްޔާރަކަށް ނޫނެވެ.

ޕާޓީގެ މައްސަލަ ހައްލުނުވެ، ޝަރީއަތަށް ދިޔައިރު، އިލެކްޝަނުން ހައްލު ހޯދައިނުދިނީ ކީއްވެތޯ އެހުމުން އަކްރަމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން އެކި ފަހަރު މަތިން ޕީޕީއެމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ވެސް ދޫކުރުން ލަސްކޮށްފައި ވަނީ ޕާޓީތަކުގެ އެތެރޭގެ މައްސަލަތައް ބޮޑުވެ ހައްލުކުރަން ޖެހޭ ގިނަ ކަންކަން ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.