ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދީ ނިންމުމަށް ފަހު، ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަން ފިނޭންސް މިނިސްޓްރީން އެ ޕާޓީ އަށް އަންގައިފި އެވެ.
29 އެޕްރީލް 2019
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދީ ނިންމުމަށް ފަހު، ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަން ފިނޭންސް މިނިސްޓްރީން އެ ޕާޓީ އަށް އަންގައިފި އެވެ.
ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މިދިޔަ އަހަރަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ނުދީގެން ފިނޭންސާ ދެކޮޅަށް އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ އެއްކޮޅަށެވެ. އެހެންވެ އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސްގައި އެދުނެވެ. އެކަމަކު އެ ފައިސާ ދޫކުރުން ލަސްވީ އެ މިނިސްޓްރީއާ ހިސާބުންނެވެ.
ޕީޕީއެމަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީ އަށް ފައިސާ ދޫކުރާނެ ކަމަށެވެ. ޕީޕީއެމްގެ އިތުރުން އިލެކްޝަންސަށް ވެސް އެކަން ވަނީ އަންގައިފަ އެވެ. ވަކި ތާރީޚެއް ކަނޑައަޅައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމް މިހާރު އޮތީ ދަރަނިވެރިވެފަ އެވެ. ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޕާޓީ ދަރަނިވެރިވީ ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. އެ ފައިސާ ލިބުނުހާ އަވަހަކަށް ދަރަނި އަދާކޮށް، ޕާޓީ ހަމަ މަގަށް އެޅޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ލީޑަޝިޕަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސް، އަލަށް ހަތަރު ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ. ޕާޓީ އަށް އާއްމު މެމްބަރުން އިތުރުކޮށް، ގޮފިތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމައިފަ އެވެ.
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
އީސީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ: މައުމޫން
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުމެއް ނުލިބުނު
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި