ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ކޯޅުން ހައްލު ނުވެ، ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި ދެ ފެކްްޝަން ރަސްމީކޮށް އުފެދި "އަސްލު ޕީޕީއެމް" އޮޅިއްޖެ އެވެ.
17 އޮކްޓޯބަރ 2016
ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ކޯޅުން ހައްލު ނުވެ، ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި ދެ ފެކްްޝަން ރަސްމީކޮށް އުފެދި "އަސްލު ޕީޕީއެމް" އޮޅިއްޖެ އެވެ.
ޕީޕީއެމްގެ އެތެރޭގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ކޯޓުގެ އަމުރަކުން އިއްޔެ ވަނީ ޕާޓީ ހިންގުން ޕީޕީއެމްގެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކުރައްވައިފަ އެވެ. އެއާއެކު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީގެ އިސް މަގާމްތަކަށް މިހާރު ވަނީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ކައުންސިލް ދެ ބައިވެ ދެ ކައުންސިލެއް އެބަަ އޮތެވެ. އެއީ މައުމޫން ފެކްޝަންގެ ކައުންސިލާއި ރައީސް ޔާމީން ފެކްޝަންގެ ކައުންސިލެވެ. ދެ ކައުންސިލް ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާ އިރު ދެ ފަޅީގެ ކައުންސިލްގައި ވެސް ކޯރަމް ހަމަވެ އެވެ.
ޕީޕީއެމްގެ ރަސްމީ އޮފީހަކީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ތެމާ ކަމަށް ވިޔަސް ޕާޓީގެ އާ އޮފީހެއް ހަމަ އެ މަގުގައި ހުޅުވާނެކަން ޔާމީންގެ ފެކްޝަނުން ރޭ ވަނީ އިއުލާންކޮށްފަ އެވެ.
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ދަރުބާރުގޭގައި ރޭ ބާއްވަނީ - - ފޮޓޯ: އަހުމަދު ނިހާން/ ޓުވިޓާ
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ހުސްވިތާ ގިނަ ދުވަސްތަކަކަށް ފަހު އެ މަގާމަށް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އައްޔަން ކުރެއްވީ އިއްޔެ މެންދުރު މައުމޫން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގަ އެވެ. އޭގެ ގިނައިރުތަކެއް ނުވެ ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވަނީ އައްޔަން ކުރައްވައިފަ އެވެ.
ދެ ލީޑަޝިޕުން ޕާޓީ ހިންގަމުން އަންނައިރު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރާ ކަމަށް ދެ ފެކްޝަނުން ވެސް އެއްބަހެއް ނުވެ އެވެ. ހަގީގީ ޕީޕީއެމަކީ އެ ބަޔަކު ކަން ސާބިތުކޮށްދޭން ގިނަ ވާހަތަކެއް ދެ ފެކްޝަނުން ވެސް އަންނަނީ ދައްކަމުންނެވެ.
ރައީސް ޔާމީން ހިންގަވަނީ އަސްލު ޕީޕީއެމް ނޫން ކަން ސާބިތުކޮށްދޭން މައުމޫން ދައްކަވާ ހެއްކަކީ ޕާޓީގެ ރަމްޒީ މަގާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުސްތަޝާރަށް ޕީޕީއެމް ހިންގޭނެ ކަމަށް އަސާސީ ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ނެތުމެވެ. އަސާސީ ގަވައިދު މާނަކުރާ ގޮތުން މުސްތަޝާރަކީ ރަމްޒީ، ޝަރަފުވެރި މަގާމެކެވެ. އެއީ އެ ޕާޓީގެ މެމްބަރަކު ގައުމުގެ ރައީސް ކަން ފުރުއްވާ ނަމަ އެ ބޭފުޅަކަށް އޮޓަމެޓިކުން ލިބޭ މަގާމެކެވެ. އަނެއްކޮޅުންް ކޯޓުން އެ ބާރުތައް ދީފި ނަމަ އެއަށް އަމަލުކުރަން ޖެހޭ ކަމަށް ޔާމީންގެ ފެކްޝަނުން ގަބޫލުކުރެ އެވެ. އެކަމަކު ކޯޓުގެ ހުކުމް މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ސިވިލް ކޯޓުން ހުކުމްކުރީ، ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށް ވަރަށް ސާފުކޮށް އަސަސީ ގަވާއިދުގައި ބުނެފައި އޮއްވާ ކަމަށެވެ.
ޕީޕީއެމް މައުމޫން ފެކްޝަނުން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "އަސްލު ޕީޕީއެމް މީހުން ތިއްބެވީ ރައީސް ޔާމީނާ އެކު" ކަމަށެވެ. އެ ފެކްޝަނުގެ ބައްދަލުވުމުގައި ކައުންސިލްގެ 70 ޕަސެންޓް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އޮފީސް ތެރޭގައި މިހާރު ހިނގަމުން އަންނަ މަސައްކަތަކީ ވެސް ގާނޫނީ މަސައްކަތެއް ނޫނެވެ. ހަމަ އެގޮތަށް، ޔާމީންގެ ފެކްޝަނުން ކުރާ ކަންތައްތަކަކީ ސައްހަ ކަންތައްތަކެއް ނޫން ކަމަށް މައުމޫންގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.
ކުރީގެ ހޯމް މިނިސްޓަރު އަދި ދާދި ފަހުން ޕީޕީއެމްގެ ކައުންސިލަށް އައްޔަން ކުރެއްވި އުމަރު ނަސީރު ރޭ ވިދާޅުވީ އަސްލު ޕީޕީއެމަކީ މައުމޫނަށް ބައިއަތު ހިއްޕަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އިލެކްޝަންސް ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ އޮފީހުގައި މަސައްކަތް ކުރަމުން އަންނަނީ ވެސް މައުމޫން ފެކްޝަނުން ކަމަށެވެ.
ދެ ފެކްޝަނުގެ މި އަރައިރުންތަކާ ހެދި ޕާޓީގެ އާއްމު މެމްބަރުންގެ ހިތްތަކުގައި ސުވާލު އުފެދިފައިވީ ނަމަވެސް އެކަމަށް އަދި ހައްލެއް ލިބޭކަށް ނެތެވެ. ބޯމަތީގައި އޮތް ކައުންސިލް އިންތިހާބަށް ފޯމް ހުށަހަޅަން ވީ ތިމަންނާމެންގެ އޮފީހަށޭ ކޮންމެ ފެކްޝަނަކުން ބުނަމުން ދާއިރު، އިންތިހާބަށް ކުރިމަތިލާން ނިންމައިގެން ތިބި މެމްބަރުން ވަނީ ބޯގޮވައިފަ އެވެ. ފޯމް ލާންވީ ކޮން ތަނަކަށް ކަން ވަނީ ނޭނގިފަ އެވެ.
ޕީޕީއެމްގެ ދެ ފެކްޝަނުގެ ތެރެއިން ރަނގަޅީ ކޮން ބައެއް ކަމާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތުން ފޮނުވާ ލިއުންތައް ލިބުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ދެ ފެކްޝަނުން ނިންމާ ނިންމުތަކުގެ އެއްވެސް ލިޔެކިޔުމެއް އެ ކޮމިޝަނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ލޯކަލް ކައުންސިލް އިންތިހާބުގައި ފޯމު ހުށަހަޅަންވީ ކޮން ފެކްޝަނަކަށްތޯ ވެސް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިޔެކިޔުންތައް ލިބުނީމަ އިލެކްޝަނުން ގޮތެއް ނިންމާނީ، ގާނޫނުތަކާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް،" އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
އިންތިހާބު ކަންކަން އެބަދޭ، އެހެން ބަޔަކަށް ނުބެހެެވޭނެ
އިލެކްޝަންސް އިން އަމަލުކުރާނީ ކޯޓު ހުކުމަށް
ޕާޓީ ހިންގޭނެ ގޮތެއް ހޯދަން މައުމޫނާ ވާހަކަ ދައްކަނީ
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!
"ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން"
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި