24 އޮކްޓޯބަރ 2016
ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ހުޅުވާލައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ހުޅުވާލައިފި އެވެ.
އެ ފެކްޝަނުން ފުރުސަތު ހުޅުވާލިއިރު، ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކައުންސިލް އިންތިހާބަށް ފުރުސަތު ހުޅުވާލައި ގިނަ އަދަދެއްގެ ފޯމުތައް ވެސް ވަނީ ބަލައިގެންފަ އެވެ.
ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ބޭނުންވާ މީހުން ފޯމު ހުށަހަޅަން ޖެހޭނީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކައުންސިލް އިންތިހާބާ ބެހޭ އޮފީހަށް ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފޯމު މިއަދުން ފެށިގެން ނޮވެމްބަރު 6 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވީ މައުމޫން ފެކްޝަނުން އިލެކްޝަނަށް ހުށަހަޅާ ފޯމުތައް ބާތިލް ވާނެ ކަމަށެވެ. ސަބަބަކީ، ޕީޕީއެމާ ގުޅޭ ގޮތުން ދެ ކޯޓުގެ ހުކުމެއް އޮތުމާ އެކު އެ ކޮމިޝަނުން ވެސް އެ ހުކުމަށް އަމަލުކުރަން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަނުން ބަލައިގަންނާނީ މި އޮފީހުން ހުށަހަޅާ ފޯމުތައް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ޕީޕީއެމް ނަމުގައި އެހެން އެއްވެސް ބަޔަކު ހުށަހަޅާ ފޯމުތަކަކީ ބާތިލް ފޯމުތަކެއް،" އޭނާ ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާން އެދި މައުމޫން ފެކްޝަނުން ހުޅުވާލި ފޯމާއި އެ ފެކްޝަނުގެ ފޯމު ތަފާތުވާނެ އެވެ. އެހެންވެ ކުރިން އެ ފެކްޝަނަށް ހުށަހަޅާފައިވާ ފޯމެއް ގެނަޔަސް ބަލައި ނުގަނެވޭނެ ކަމަށާއި ޓިކެޓަށް ކުރިމަތިލާ މީހުން ފުރަން ޖެހޭނީ އެ ފެކްޝަނުން އިއުލާންކޮށްފައިވާ ފޯމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާން އެދި އެއްވެސް ފައިސާއެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ކައުންސިލް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އަށް ލިބޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު ނިމުމާ އެކު، ހަލީލް ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްދޭން ޕީޕީއެމް އިންތިހާބާ ކޮމެޓީގައި އެދިވަޑައިގަންނަވާނެ އެވެ. ކައުންސިލް އިންތިހާބުގެ އެއް ގޮނޑި އަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ޕްރައިމަރީ އޮންނާނެ ކަމަށާއި އެކަމަކު ޕްރައިމަރީ ބާއްވާނެ ވަކި ދުވަހެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ޕާޓީ ހިންގުން ވަނީ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން ހައި ކޯޓުގައި އަމިއްލަ ފަރާތަކުން އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
އެކަމަކު އަސާސީ ގަވާއިދުގައިވާ ގޮތުން، ޕީޕީއެމް ހިންގުމާއި ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ ނެތް ބޭފުޅަކާ ޕާޓީ ހަވާލު ނުކުރެވޭނެ ކަމަށް ބުނެ މައުމޫންގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އިންތިހާބު ކަންކަން އެބަދޭ، އެހެން ބަޔަކަށް ނުބެހެެވޭނެ
އީސީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ: މައުމޫން
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
އިންތިހާބުގެ ފޯމުތައް ވެސް ޔާމީން ފެކްޝަނުން ގެންދިޔަ!
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
އިލެކްޝަންސް އިން އަމަލުކުރާނީ ކޯޓު ހުކުމަށް
ޔާމީން ފެކްޝަނުގެ ނިންމުންތައް ވެސް އީސީ އަށް
ޕާޓީ ހިންގޭނެ ގޮތެއް ހޯދަން މައުމޫނާ ވާހަކަ ދައްކަނީ
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!