Roadha Mihaaru
ޓޫރިޒަމް އަލުން ފެށުމުގެ ބޮޑު އިވެންޓެއް މިރޭ

"ދަ ސަން ވިލް ޝައިން އެގެއިން" ދުނިޔެއަށް ދައްކާލުން މިރޭ

08 ޖޫން 2020

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖަހަން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ އެހީތެރިކަމާ އެކު، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގައިން" އަންގައިދޭ ހާއްސަ ޕްރޮމޯޝަނެއް، ފޭސްބުކް މެދުވެރިކޮށް މިރޭ އޮންނާނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖަހަން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ އެހީތެރިކަމާ އެކު، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގައިން" އަންގައިދޭ ހާއްސަ ޕްރޮމޯޝަނެއް، ފޭސްބުކް މެދުވެރިކޮށް މިރޭ އޮންނާނެ އެވެ.

އެމްއެމްޕީއާރުސީން އިސްނަގައިގެން މިރޭ 8-12 އަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް، ވާޗުއަލްކޮށް، މުޅި ދުނިޔެއަށް ދައްކާލާނެ އެވެ.

މިރޭ ފޭސްބުކުން ރާއްޖޭގެ މިކަހަލަ ރީތި އެތައް މަންޒަރެއް ދުނިޔެއަށް ދައްކާލާނެ

މިރޭ ފޭސްބުކުން ރާއްޖޭގެ މިކަހަލަ ރީތި އެތައް މަންޒަރެއް ދުނިޔެއަށް ދައްކާލާނެ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ އެ މަންޒަރުތައް ހިމެނޭ އެއް މިނިޓްގެ ގިނަ ކްލިޕްތަކެއް ލައިވްގައި ގެނެސްދޭނެ އެވެ. އަދި ރާއްޖެ އައިސްފައިވާ އެކި ފަންތިތަކުގެ ނުފޫޒު ގަދަ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި އެ މީހުންގެ ތަޖުރިބާ ވެސް މި ކްލިޕްތަކުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަޝްހޫރުވެފައި އޮންނަނީ "ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގައި އެވެ. ކޮނޯރާވައިރަސްއާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ގާތްގަނޑަކަށް މުޅިން ހުއްޓިފައި މި އޮތް ހާލަތުން ނުކުމެ، އަލުން ހުޅުވާލުމުގެ ކުރިން ބާއްވާ މި ހަރަކާތް ކުރިއަށް ގެންދަނީ "ދަ ސަން ވިލް ޝައިން އެގެއިން" ނުވަތަ "އަވިން އަދިވެސް ވިދާލާނެ"، ޝިއާރުގެ ދަށުންނެވެ.

ޓޫރިސްޓުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަކީ ދުނިޔެއިން ފެންނާނެ އެންމެ ރީތި އެއް ތަން

ޓޫރިސްޓުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަކީ ދުނިޔެއިން ފެންނާނެ އެންމެ ރީތި އެއް ތަން

"މިއީ އާ އުއްމީދެއް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓޫރިޒަމް ހަމަ ކުރިން އޮތް ގޮތަށް އިއާދަވާނެ،" އުއްމީދާ އެކު ތޮއްޔިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ މި ވަގުތު ހުއްޓުމަކަށް އައިސްފައި އޮތަސް، ރާއްޖޭގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމަކު މީހުން ދެން ދަތުރުކުރާނީ ބަލިމަޑުކަމަށް ފަރުވާތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައުމަށް ފަހު އަންނަ މަހު އަލުން ބޯޑަރު ހުޅުވާލަން ވަނީ ހަމަޖައްސައިފަ އެވެ.

ޖުލައި މަހު ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށާއިރު ރައްކާތެރިކަމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް ވެސް މިހާރު އޮތީ ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން އެތެރެވާ ހިސާބުން ކޮވިޑަށް ޓެސްޓްްކުރަން ސާމްޕަލް ނަގައި، ނަތީޖާ ލިބެންދެން ކޮޓަރިތަކުގައި އައިސޮލޭޓްކޮށްފައި ބައިތިއްބުން ހިމެނެ އެވެ.