Roadha Mihaaru
ގަވާއިދު ނުހެދުމުން ޕީޖީގެ އެންގުމެއް އެޗްއާރުސީއެމަށް!

ތިން އަހަރުވި އިރު އެޗްއާރުސީއެމުން ގަވާއިދު ނުހެދުމުން ޕީޖީގެ އެންގުމެއް

07 ޖޫން 2020

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދު ނުހަދައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތިން އަހަރު ހޭދަކޮށްފައިވާތީ، އެއް މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އެ ކޮމިޝަނަށް މިއަދު އަންގަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދު ނުހަދައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތިން އަހަރު ހޭދަކޮށްފައިވާތީ، އެއް މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އެ ކޮމިޝަނަށް މިއަދު އަންގަވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، ގާނޫނުއަސާސީން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން، އެ ގަވާއިދު 30 ދުވަހުގެ ތެރޭގައި ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން އަންގާފައިވާ ކަމަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި، 2017 ގަ އެވެ. އެކަމަށް ތިން އަހަރުވާން ކައިރި ވިއިރު ވެސް އެޗްއާރުސީއެމުން ހަދަންޖެހޭ ގަވާއިދު ނުހަދައި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާ ބުނާގޮތުން އެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި އަދި ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަން ޖެހޭ ގަވާއިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަދައި ނިންމަންޖެހޭނެ އެވެ. އެ މުއްދަތު ހަމަވިއިރު ގާނޫނު ހެދީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަންޏެވެ.

އޭގެ ފަހުން ކޯޓުތަކާ ބެހޭ ގަވާއިދު ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ހެދިއިރު ފުލުހުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ސެޕްޓެމްބަރު 2، 2019 ގައި އެއަށް އަމަލުކުރަން ފަށާފައިވެ އެވެ.

އެ ގާނޫނު ބުނާގޮތުން ތަހުގީގުކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ޖެހޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ. ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިތުރުން ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު އޮންނަ އެހެން މުއައްސަސާތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވަކި ގާނޫނަކުން އުފައްދާފައިވާ އެޗްއާރުސީއެމް ވެސް ހިމެނެ އެވެ.

އެޗްއާރުސީއެމަށް ވެސް މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގެ ބާރު ލިބެ އެވެ.